Roadha Mihaaru
ފަސް ކިލޯމީޓަރުގެ ރޭހުން ޝަމްހާއަށް ގައުމީ ރެކޯޑް

ބޮޑު ކުރިއެރުމަކާއެކު ޝަމްހާ ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑް މުގުރާލައިފި

13 ޖޫން 2022

ސްޕރިންޓްގައި ރާއްޖޭގައި މުގުރާނުލެވި އޮތް އެންމެ ގިނަ ދުވަސްވީ ރެކޯޑް މިހާރު ވެސް ދަމަހައްޓަމުން އަންނަ ކުރީގެ އެއްވަނަ ދުވުންތެރިޔާ ޝަމްހާ އަހުމަދު، އަންހެނުންގެ ފަސް ކިލޯމީޓަރުގެ ރޭހުން ގައުމީ ރެކޯޑް ހަދައިފި އެވެ.

ސްޕރިންޓްގައި ރާއްޖޭގައި މުގުރާނުލެވި އޮތް އެންމެ ގިނަ ދުވަސްވީ ރެކޯޑް މިހާރު ވެސް ދަމަހައްޓަމުން އަންނަ ކުރީގެ އެއްވަނަ ދުވުންތެރިޔާ ޝަމްހާ އަހުމަދު، އަންހެނުންގެ ފަސް ކިލޯމީޓަރުގެ ރޭހުން ގައުމީ ރެކޯޑް ހަދައިފި އެވެ.

ޝަމްހާ ވަނީ 2017 ގައި ވެސް ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑް ހަދައިފަ އެވެ. އޭރު އޭނާ އެ ރެކޯޑް މުގުރާލީ 22:24 (22 މިނެޓާއި 24 ސިކުން) އިންނެވެ ފަސް އަހަރު ފަހުން އިއްޔެ ޖަރުމަންގައި ބޭއްވި ދަ އީވިއެލް ހާފް މެރަތަންގެ ފަސް ކިލޯ މީޓަރުގެ ރޭހުގައި އޭނާ ވަނީ ބޮޑު ކުރި އެރުމަކާ އެކު ރޭސް ނިންމައިފަ އެވެ. ޝަމްހާ ރޭސް ނިންމީ އޭނާގެ ކުރީގެ ރެކޯޑަށް ވުރެ ގާތްގަނޑަކަށް ދެ މިނެޓް އަވަހަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ލޯ މެޑަލް ހޯދި ޝާމްހާ އިއްޔެ ފަސް ކިލޯމީޓަރުގެ ރޭސް ނިންމީ 20:08 (20 މިނެޓާއި އަށް ސިކުންތު) އިންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހު ހޯލްޑް ކުރި ދުވުންތެރިޔަކީ ޒުވާން އެތުލީޓް އައިމިނަތު ޖައިޝާ ޖުނީޒް އެވެ. އޭނާ މި ރެކޯޑް ހެދީ ފެބްރުއަރީ މަހު އެރަބް އެމިރޭޓްސްގެ ރަކް ހަފާ ހާފް މެރަތަންގެ ފަސް ކިޅޯމީޓަރުގެ ރޭސް 20:26 އިން ނިންމައިގެންނެވެ.

އަންހެނުންގެ 100 މިޓަރުގެ ރޭހުހައި ޝަމްހާ ހެދި ރެކޯޑަށް 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މި ރެކޯޑް އަދިވެސް މުގުރާ ލެވިފައެއް ނުވެ އެވެ. ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ޝަމްހާ ރޭސް ނިންމީ 12.27 ސިކުންތުންނެވެ.

ޝަމްހާ

ޝަމްހާ

ސްޕްރިންޓްގައި ރާއްޖޭގެ އެންމެ މަޝްހޫރު ދުވުންތެރިޔާ އޭގެ ފަހުން ޓްރެކުން ފައިބައިގެން މަގުތަކަށް ނުކުތީ ދިގު ރާސްތާ ދުވުމަށެވެ. ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕްގައި 2014 ގައި ވާދަކުރި ދުވުންތެރިޔާ މިހާރު ތަމްރީން ހަދަމުން އަންނަނީ އެންމެ ގިނަ މެރަތަންގައި ވާދަކުރި ރާއްޖޭގެ ދުވުންތެރިޔާ ނަސްރުﷲ އަހްމަދުގެ ކޯޗު ކަމުގެ ދަށުންނެވެ. ޖަރުމަން މީހަކާ ކައިވެނި ކޮށްގެން އެ ގައުމުގައި ދިރިއުޅެމުންދާ ޝަމްހާގެ ޓްރޭނިންތައް ކުރިއަށް ގެންދާނީ ނަސްރު ފަރުމާ ކޮށްދޭ ޕްލޭނާ އެއްގޮތަށެވެ. ހާފް މެރަތަން އާއި މެރަތަން ގައި ވެސް ގައުމީ ރެކޯޑްތައް ހެދޭ މިންވަރަށް ޝަމްހާ ގެންދަން ނަސްރު ބޭނުން ވެއެވެ. އޭނާ ބުނީ ޝަމްހާ ތައްޔާރުވަމުން ދަނީ ސެޕްޓެމްބަރު މަހު ބާއްވާ ބާލިން މެރަތަން އަށް ކަމަށެވެ.

ރީޔޫނިއަންގައި 2015 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 10،000 މީޓަރު ދުވުމުން ލޯ މެޑަލް ހޯދި ޝަމްހާ މެޑަލް ދައްކާލަނީ --- ފައިލް ފޮޓޯ: އެމްއޯސީ

ރީޔޫނިއަންގައި 2015 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 10،000 މީޓަރު ދުވުމުން ލޯ މެޑަލް ހޯދި ޝަމްހާ މެޑަލް ދައްކާލަނީ --- ފައިލް ފޮޓޯ: އެމްއޯސީ

"ބާލިން މެރަތަން އަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ވާދަކުރި ރޭހެއް މީ. އެކޮޅަށް ވަރަށް ހޫނު ދުވަސްކޮޅެއް އެހެންވެ އަސްލު ދުވަން ކަނޑައެޅި ޓައިމަށް ވުރެ ކުޑަކޮށް ލަސްކޮށް އުޅެނީ،" އިއްޔެ އޭނާގެ 81 ވަނަ މެރަތަން ފުރިހަމަ ކުރި ނަސްރު ބުންޏެވެ.

"ޓާގެޓް ކުރީ 18 މިނެޓާއި 19 މިނެޓާ ދެމެދުން ފައިވް ކިލޯމީޓާ ނިންމަން. އެކަމަކު ގައުމީ ރެކޯޑް ބްރޭކް ކުރެވުމަކީ ހިތްހަމަޖެހުމެއް."

ރީޔޫނިއަންގައި 2015 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 10،000 މީޓަރު ދުވުމުން ލޯ މެޑަލް ހޯދި ޝަމްހާ ބުނެފައި ވަނީ ސްޕްރިންޓް ރޭސްތައް ދޫކޮށް ދިގު ރާސްތާ ދުވުންތަކަށް ބަދަލުވީ އާ ޗެލެންޖެއް ނެގުމުގެ ގޮތުން ކަމަށެވެ. އޭނާ ބުނެފައި ވަނީ ކޯޗަަކަށް ނަސްރު ހަމަޖެއްސީ ވެސް ބުރަ ކޮށް ތަމްރީން ހެދުމުގެ ގޮތުން ކަމަށެވެ.

"ވަރަށް ދުވަސްވެއްޖެ ކޯޗުގެ ބެލުމުގެ ދަށުން ޓްރެއިނިން ހަދަމުން އަންނަ ދުވުންތެރިންގެ ޕްރޮފައިލަށް ބަލަމުން އަންނަތާ،" ޝަމްހާ ބުނެފައި ވެއެވެ. "މިއަދާ ހަމައަށް ވަރަށް ހިތްހަމަޖެހޭ ޓްރެއިނިންއާ ދޭތެރޭ."