Roadha Mihaaru
ރައީސްގެ ސްކޮލަޝިޕަށް ލުމުގެ ފުރުސަތު ހުޅުވާލައިފި

ހައި އެޗީވާސް އަދި ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 މެއި 2024

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ރައީސްގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ރައީސްގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނީ ރައީސްގެ ސްކޮލަޝިޕްގެ ދަށުން ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީ ފުރިހަމަކުރުމުގެ ހަރަދު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.

މި ސްކޮލަޝިޕް ލިބޭނީ 2023 ވަނަ އަހަރު މަތީ ސާނަވީ ހެދި ދަރިވަރުންގެ ތެރެއިން އިސްލާމާއި ދިވެހި މާއްދާ ހިމެނޭހެން މަދުވެގެން ފަސް މާއްދާއިން އޭ ސްޓާ ހޯދާފައިވާ އަދި އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސި މާއްދާއިން ސީ ފާހަށް ވުރެ މަތީ ފާހެއް ހޯދާފައިވާ ދަރިވަރުންނަށެވެ.

ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން ސްކޮލަޝިޕް ދޫކުރެވޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓު"ގައި ހިމެނޭ ދާއިރާތަކުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އެ ސްކޮލަޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ދެވޭނީ ރާއްޖެ، ސާކްގެ އެހެނިހެން ގައުމުތައް، މެލޭޝިއާ، ތައިލޭންޑް، ފިލިޕީންސް، ޗައިނާގެ އިތުރުން އޯއީސީޑީގެ ގައުމުތަކުން ކަމަށެވެ.

މި ސްކޮލަޝިޕް ލިބޭ ދަރިވަރުންގެ ކިޔެވެމުގެ ހަރަދު ސަރުކާރުން ހަމަޖައްސައިދޭނެ އެވެ.

މި ދެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ޖުލައި މަހުގެ ނިޔަލަށެވެ.