Roadha Mihaaru
އިންޓަގެ އެހީގައި ފ. އަތޮޅުގެ ކޯޗުން ތަމްރީނު ކުރަނީ

އިންޓަ މިލާންގެ އެހީގައި ފ. އަތޮޅުގެ ރަށްރަށުން ކޯޗުން ތަމްރީނު ކުރަނީ

14 މެއި 2024

އިޓަލީގެ ޗެމްޕިއަން އިންޓަ މިލާންގެ އެހީގައި ފ. އަތޮޅުގެ ރަށްރަށުން ކޯޗުން ތަމްރީނު ކުރަން ހަމަޖެހިފައިވާކަމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އިޓަލީގެ ޗެމްޕިއަން އިންޓަ މިލާންގެ އެހީގައި ފ. އަތޮޅުގެ ރަށްރަށުން ކޯޗުން ތަމްރީނު ކުރަން ހަމަޖެހިފައިވާކަމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިޓަލީގެ ކޮންސިއުލޭޓާއި ޔޫއެފާ ފައުންޑޭޝަން އަދި އިންޓަ މިލާން ގުޅިގެން، ފ. އަތޮޅުގައި ކުރިއަށްގެންދާ "ޕްލޭއިން ވިތު ކޮރަލްސް" ގެ ޕްރޮގްރާމްގެ ފުރަތަމަ ހަފުތާ، މި ހަފުތާގައި ވަނީ ނިންމާލައިފަ އެވެ.

ސްޕޯޓްސް މިނިސްޓްރީން މިއަދު ބޭއްވޮ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ރާފިއު ވިދާޅުވީ، ފ އޮތޮޅަށް ހާއްސަކޮށްފައިވާ އެ ޕްރޮގްރާމަކީ ދެ އަހަރު ދުވަހުގެ ޕްރޮގްރާމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން، ކޮންމެ ރަށަކުން ދެ ކޯޗުން، އިންޓަ މިލާންގެ އެހީގައި ތަމްރީނުކޮށްދިނުމަށް މިނިސްޓްރީން އެދުނު ކަމަށެވެ.

"އަޅުގަނޑުމެން ޕްރޮޕޯސްކުރީ ކޮންމެ ރަށަކުން އެއީ އެ އަތޮޅުގެ ފަސް ރަށުން، ކޮންމެ ރަށަކުން ދެ ކޯޗުން ތަމްރީނުކޮށްދިނުމަށް. އެހެންނަމަވެސް (އެ ޕްރޮގްރާމަށް) ވަރަށް ބޮޑު ކާމިޔާބީއެއް ލިބުމާ ގުޅިގެން އަދި (އެ ޕްރޮގްރާމަށް) ވަރަށް ބޮޑު ސަޕޯޓެއް ވެސް އޮތުމާ އެކީގައި މިހާރު ކޮންމެ ރަށަކުން ހަތަރު ކޯޗުން ޓްރޭން ކުރާ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ކޯޗުން ތަމްރީނު ކުރަން ހަމަޖެހިފައި ވަނީ އިންޓަ މިލާނުން އިޖުތިމާއީ ގޮފި އިންޓަ ކެމްޕަސް މެދުވެރިކޮށްކަމަށް ރާފިއު ވިދާޅުވި އެވެ.

ކޯޗުން ތަމްރީނު ކުރުމުގެ އިތުރަށް އެ އަތޮޅުގެ 200 ކުދިން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށެވެ.

އެ ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ ކުޅިވަރުގެ ތެރެއިން އެހެން ހުނަރާއި އެހެން ދާއިރާތަކުގެ އިލްމު ބެސް ވެސް ކުދިންނަށް ދަސްކޮށްދިނުން ކަމަށް ރާފިއު ފާހަގަ ކުރެއްވި އެވެ.

"މި ޕްރޮގްރާމް [ޕްލޭއިން ވިތު ކޮރަލްސް] ވެގެން މިދަނީ އަޅުގަނޑުމެންގެ ފަރުތަކާ ގުޅުން ހުރި ޕްރޮގްރާމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގެ ދަށުން ފަރުތަކާއި އެ ފަރުތަކުގެ ދިރުންތަކާ ބެހޭ މައުލޫމތު އެ 200 ކުދިންނަށް އިޓަލީގެ ބިކޯކާ ޔުނިވަސިޓީގެ ފަރާތުން ފޯރުކޮށްދިފައި ވެއެވެ.

އެ ޕްރޮގްރާމް ނިމޭއިރު 8000 މުރަކަ ފަރުތަކުގައި އިންދައި ގާތްގަނޑަކަށް 2500 ސްކެއާ މީޓަރުގެ ފަރެއް އެހާހިސާބުން ހެއްދޭނެ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.