Roadha Mihaaru
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދީފި

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދީފި

09 މެއި 2024

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ގެޒެޓްކުރި މާލޭ ޕްލޭނިން ގަވާއިދުގެ ހަތް ވަނަ އިސްލާހުގައި މި ހުއްދަ ދޭން ނިންމާފައިވާ ގޮތުގެ މިންގަނޑުތައް ވަނީ ކަނޑައަޅައިފަ އެވެ.. އެ އިސްލާހުގައިވާ ގޮތުން ދިިރިއުޅުމަށް ދޫކޮށްފައި ގޯތިތަކާއި އެ ނޫން ތަންތަން ވެސް 10 ބުރިއަށް އިމާރާތް ކުރެވޭނެ އެވެ.

އެ އިސްލާހުގައިވާ ގޮތުން ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.48 މީޓަރު (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) ނުވަތަ 100 ފޫޓު ކަމަށެވެ. އެއީ 10 ބުރީގެ އިމާރާތެއްގެ އެވްރެޖް އުސްމިނެވެ.

ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ އަމާރާތްތައް ހެދޭނެ އެންމެ އުސްމިނަކީ ވެސް 10 ބުރި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މާލެއިން ކަނޑުމަގުން ފުރައިގެން ފަސްވަރަކަށް މިނެޓުގެ ތެރޭގައި ދެވޭހާ ދުރުމިނުގައި އޮންނަ ވިލިމާލޭގައި ކުރިން އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ހަ ބުރި އަށެވެ.

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް އެ ބަދަލު ގެންނަން މަސައްކަތް ކުރެއްވި އެވެ.

މާލޭ ޕްލޭނިން ގަވާއިދަށް މި އިސްލާހު ގެނައިރު، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަދި ވިލިމާލޭގެ މަގުތައް ހެދުމަށާއި ފެނާއި ނަރުދަމާގެ މަސައްކަތާއި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.