Roadha Mihaaru
އިއުލާން ބާތިލްކޮށް ދިވެހިންނަށް އިސްކަންދޭން ނިންމައިފި

އިއުލާން ބާތިލްކޮށް، ބިދޭސީންނަށް ވަޒީފާ ނުދޭން ފުލުހުން ނިންމައިފި

06 މެއި 2024

ދިވެހި ފުލުހުންގެ އިދާރާގެ ބޭނުމަށް ބިދޭސީން ގެނައުމާއި އެ މީހުންނާ ގުޅޭ ހުރިހާ ކަމެއް ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށް ފަހު، އެ އިއުލާން އެ އިދާރާ އިން އިއްޔެ ބާތިލްކޮށްފި އެވެ.

ދިވެހި ފުލުހުންގެ އިދާރާގެ ބޭނުމަށް ބިދޭސީން ގެނައުމާއި އެ މީހުންނާ ގުޅޭ ހުރިހާ ކަމެއް ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށް ފަހު، އެ އިއުލާން އެ އިދާރާ އިން އިއްޔެ ބާތިލްކޮށްފި އެވެ.

އެ ކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހުޅުވައިލުމަށް ފަހު، އެ އިއުލާން ކުއްލި ގޮތަކަށް ބާތިލްކުރީ، ފުލުހުންގެ ތަރުޖަމާން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ރޭ މީޑިއާގައި ވިދާޅުވި ގޮތުގައި، ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭ ގޮތަށް [އެފަދަ ވަޒީފާތަކަށް މީހުން ހޯދުމުގައި] ފުލުހުންގެ އިދާރާ އިން އަމަލު ކުރަން ނިންމާފައި ވާތީ އެވެ.

އެކަމަކު، ފުލުހުންގެ އިދާރާގެ ބޭނުމަށް ބިދޭސީން ހޯދަން އިއުލާން ކުރިއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ބިދޭސީންނަށް ވަޒީފާ ދިނުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ވަކިން ހާއްސަކޮށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭ މުއައްސަސާތަކުގައި އެ މީހުންނަށް ފުރުސަތު ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ، މިނިސްޓަރު ވިދާޅުވި ގޮތުގައި ރަސްމީ ހިދުމަތް ދިނުމުގައި ފުލުހުންގެ މުއައްސަސާގެ ތެރޭގައި ބިދޭސީން ނުތިބޭނެ އެވެ.

ފުލުހުންގެ ކަންކަމާ ގާނޫނީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު އެހެން ވިދާޅުވެފައި ވަނިކޮށް، ފުލުހުންގެ އިދާރާގެ ބޭނުމަށް ބިދޭސީން ހޯދަން އިއުލާން ކުރި ސަބަބާ ގުޅޭ ގޮތުން ތަރުޖަމާން ވިދާޅުވީ، އެއީ އާދައިގެ މަތިން، ފުލުހުންގެ އިދާރާގެ އެކި ތަންތަނުގައި ބިދޭސީން ލައްވައި ކުރުވަމުން އައި މަސައްކަތްތަކަށް ބިދޭސީން ހޯދުމަށް ކުރި އިއުލާނެއް ކަމަށެވެ.

އެކަމަކު، ޝިފާން ވިދާޅުވި ގޮތުގައި ދެން އިސްކަން ދޭނީ ދިވެހިންނަށެވެ.

ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، ސަރުކާރުގެ އެއްވެސް ތަނެއްގައި ބިދޭސީން ގެންގުޅުމަކީ ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ހާއްސަކޮށް ބިދޭސީން މަދުކޮށް، އެ މީހުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ.