Roadha Mihaaru
އެފްއޭއެމް ނުލައި ފީފާއިން ސަރުކާރާ މަޝްވަރާ ކުރަނީ

އެފްއޭއެމް ބައިވެރިނުކޮށް ފީފާއިން ފުރަތަމަ ފަހަރަށް ސަރުކާރާ މަޝްވަރާ ކުރަނީ

23 އެޕްރީލް 2024

އެފްއޭއެމްގެ މަންދޫބަކާ ނުލައި ފުރަތަމަ ފަހަރަށް، ސަރުކާރާ އެކު ފީފާއިން މަޝްވަރާ ކުރަން ތައްޔާރު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމްގެ މަންދޫބަކާ ނުލައި ފުރަތަމަ ފަހަރަށް، ސަރުކާރާ އެކު ފީފާއިން މަޝްވަރާ ކުރަން ތައްޔާރު ވެއްޖެ އެވެ.

އެފްއޭއެމްގެ އޮތް މައްސަލަތަކާ ރާއްޖޭގެ ފުޓްބޯޅައިގެ މި ވަގުތު ހާލަތު ދެނެގަތުމަށް ފީފާ ޓީމެއް މި ވަގުތު ރާއްޖޭގައި ދަނީ ހަރަކާތްތެރި ވަމުންނެވެ. ފީފާ އާއި އޭއެފްސީގެ މަންދޫބުން ހިމެނޭ އެ ވަފުދުން އިއްޔެ ވަނީ ފުޓްބޯޅައިގެ ހިއްސާދާރުންނާ އެކު މަޝްވަރާ ފަށައިފަ އެވެ.

މިއަދު، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލާ ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލުންނާ އެކު، ފީފާގެ ޓީމުން ބައްދަލު ކުރާނެ އެވެ. އެ ވަފުދުން ސަރުކާރާ ވާހަކަ ދައްކާއިރު މިއީ، އެފްއޭއެމްގެ އެއްވެސް ބައިވެރިވުމެއް ނެތި ފީފާއިން ސަރުކާރާ ވާހަކަ ދައްކާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ވެސް އެކި މައްސަލަތައް ފެންމަތިވުމުން، ހާލަތު ދެނެގަތުމަށް ފީފާގެ ވަފުދުތައް ރާއްޖެ އައިސްފައި ވެއެވެ. ސަރުކާރުން، އެ ވަފުދުތަކާ ވަކިން ބައްދަލުކުރަން އެދުނު ނަމަވެސް ބައްދަލުކޮށްފައެއް ނުވެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމަށް 2019 ގައި ހުށަހެޅުމުން، ފެންމަތިވި މައްސަލަތައް ދެނެގަތުމަށް ފީފާގެ ވަފުދެއް ރާއްޖެ އައިސް އެފްއޭއެމާއި ކްލަބްތަކާ ވެސް ވާހަކަ ދެއްކި އެވެ. އޭރު ސްޕޯޓްސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އޭރުގެ ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ، ފީފާގެ ވަފުދާ ބައްދަލު ކުރަން އެދިފަ އެވެ.

"ފީފާގެ ޓީމުން ޖަވާބު ދިނީ ތިމަންނަމެން ބައްދަލު ކުރަން ހިނގައިދާނަމޭ، އެކަމަކު އެފްއޭއެމްގެ ބޭފުޅުން ތިއްބަވައިގެނޭ ތިމަންނަމެން ސަރުކާރާ ވާހަކަ ދައްކަނީ،" އޭރު، ފީފާގެ ޓީމަށް އެހީތެރިވާން އުޅުއްވި ބޭފުޅަކު "މިހާރު" އަށް ވިދާޅުވި އެވެ.

އެކަމަކު މިފަހަރު، ފީފާގެ ވަފުދުން، ސްޕޯޓްސް ކޮމިޝަނަރާއި މިނިސްޓްރީގެ އޮފިޝަލުންނާ ބައްދަލު ކުރައްވަނީ އެފްއޭއެމްގެ އެއްވެސް މަންދޫބަކު ނެތި އެވެ. ފީފާގެ ޓީމަށް އެހީތެރިވުމަށް ހަރަކާތްތެރި ވަނީ ކުރިން އޭއެފްސީގެ ރެފްރީސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރި މުހައްމަދު އަމީޒެވެ.

ބައްދަލުވުމުގެ ހަވާސާގައި އޭނާ ހުރި ނަމަވެސް، އޭނާގެ އެއްވެސް ބައިވެރިވުމެއް ބައްދަލުވުންތަކުގައި ނޯންނާނެ ކަމަށް ފީފާގެ ވަފުދާ ގުޅުން ހުރި ބޭފުޅަކު ވިދާޅުވި އެވެ.

"ސަރުކާރާ ބައްދަލު ކުރާނީ ފީފާ އާއި އޭއެފްސީގެ ބޭފުޅުން އެކަނި. މިއީ އަޅުގަނޑަށް އެނގިފައިވާ ގޮތުންނަމަ، އެފްއޭގެ އެއްވެސް ރެޕްރެޒެންޓޭޝަނެއް ނެތި ފީފާއިން ރާއްޖޭގެ ސަރުކާރާ ވާހަކަ ދައްކާ ފުރަތަމަ ފަހަރު،" ފީފާގެ ވަފުދާ ގުޅުން އޮތް އޮފިޝަލް ވިދާޅުވި އެވެ.

ފީފާގެ އެ ވަފުދުން އިއްޔެ ވަނީ އެފްއޭއެމް އާއި އެ އެސޯސިއޭޝަނުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރި ބައިވެރި ނުކުރި ކްލަބްތަކާ ވެސް ބައްދަލުކޮށްފަ އެވެ. އެ ވަފުދުން، އަދި އޮލިމްޕިކް ކޮމިޓީއާ ވެސް ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.