Roadha Mihaaru
ޣައްޒާގައި ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު

ޣައްޒާގައި ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފި

22 އެޕްރީލް 2024

ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން ސަލާމަތްކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފި އެވެ.

ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން ސަލާމަތްކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފި އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ހަމާސްއަށް އަސްކަރީ އަދި ސިޔާސީ ޕްރެޝަރު އިތުރުކުރާނަން. އެއީ އަހަރެމެންގެ ރަހީނުން މިނިވަން ކުރެވޭނެ ހަމައެކަނި ގޮތް،" ޔަހޫދީންގެ ދީނީ މުނާސަބަތަކާ ދިމާކޮށް ނެރުނު ވީޑިއޯ ބަޔާނެއްގައި ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އިންޒާރު ދިނެވެ.

އޭނާ ވަނީ ހަމާސް އަށް ކުރިން ނުލިބޭ ވަރުގެ ބޮޑެތި ގެއްލުންތައް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

މީގެ ހަ މަސް ދުވަސް ކުރިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި އިޒްރޭލުން މިހާރު އެއްގަމު މަގުން ނާރައި އޮތް ހަމައެކަނި ސަރަހައްދަކީ ރަފަހް އެވެ. ޣައްޒާގެ އާންމުން ހިމާޔަތް ހޯދަން މިހާރު އޮތް ހަމައެކަނި ސަރަހައްދު ކަމަށްވާ ރަފަހް އަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިޒްރޭލުން އަންނަނީ ދެމުންނެވެ.

މިއީ އާންމުންނަށް ގެއްލުން ބޮޑު އޮޕަރޭޝަނަކަށް ވާނެތީ އެކަން ނުކުރަން، އިޒްރޭލުގެ އެކުވެރި އެމެރިކާ އާއި އެހެން ގައުމުތަކާއި ޖަމާއަތްތަކުން އިންޒާރު ދެމުން ދިޔަ ނަމަވެސް އިޒްރޭލުން ބުނަނީ ރަފަހް އަށް އަރާނެ ކަމަށެވެ.

އިޒްރޭލުން ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފައި މި ވަނީ އެމެރިކާއިން އިޒްރޭލަށް އަސްކަރީ އިތުރު އެހީ ދޭން ފާސްކުރުމާ އެކުގަ އެވެ. ހަމާސް އިން ވަނީ މިއީ ފަލަސްތީނު ރައްޔިތުންނަށް އަނިޔާވެރިކަން އިތުރުކުރުމަށް އެމެރިކާއިން ދިން ލައިސަންސެއް ކަމަށް ބުނެ އެކަމަށް ފާޑުކިޔައިފަ އެވެ.

ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 34،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. ހަމާސް ނައްތާލުމުގެ ނަމުގައި ހަމަލާތައް ފެށި ނަމަވެސް ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. -- އޭއެފްޕީ