Roadha Mihaaru
ސަލްމާންގެ ގެއަށް ބަޑި ޖެހި ދެމީހުން ހައްޔަރުކޮށްފި

ސަލްމާންގެ ގެއަށް ބަޑި ޖެހި ދެމީހުން ހައްޔަރުކޮށްފި

17 އެޕްރީލް 2024

އިންޑިއާގެ މުމްބާއީގައި ހުންނަ ސަލްމާން ހާންގެ ގެލެކްސީ އެޕާޓްމަންޓަށް ބަޑި ޖެހި ދެމީހުން އިއްޔެ ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ މުމްބާއީގައި ހުންނަ ސަލްމާން ހާންގެ ގެލެކްސީ އެޕާޓްމަންޓަށް ބަޑި ޖެހި ދެމީހުން އިއްޔެ ހައްޔަރުކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެމީހުން ހައްޔަރުކުރީ ގުޖުރާތުގެ ބޫޖް ކިޔާ ސިޓީއަކުންނެވެ. ނަމަވެސް އެ ދެމީހުންނާ ގުޅޭ އިތުރު ތަފުސީލު ފުލުހުން އަދި އާންމު ނުކުރާ ކަމަށް ބުންޏެވެ.

މުމްބާއީގެ ފުލުހުން ވަނީ މި ހަމަލާ ދިނުމުގެ ކުރިން އެ ދެމީހުން ސަލްމާންގެ ގެއާ ކައިރީގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުގެ ސްކްރީންޝޮޓްތަކެއް ވެސް އާންމުކޮށްފަ އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު ފަހެއް ޖަހާކަށް ހާއިރު ދިން މި ހަމަލާގައި އެ މީހުން ޖެހި ބަޑީގެ ވަޒަންތައް އެރީ ސަލްމާން ގޭގެ ފާރަށެވެ. އެ ގެއަށް އަމާޒުކޮށް ތިން ވަޒަން ޖަހާފައިވެ އެވެ. އަދި ހަމަލާ ދިނުމަށް ފަހު އެ ދެމީހުން ވަނީ ސައިކަލެއްގައި އެ ސަރަހައްދުން އަވަހަށް ފިލައިފަ އެވެ.

ސަލްމާން ގެއަށް ހަމަލާދިނީ އޭނާ އާއި އޭނާގެ އާއިލާ އަށް އެކި ފަހަރު މަތިން މަރުގެ އިންޒާރުތައް ދީފައި ވަނިކޮށެވެ. ތަކުރާރުކޮށް ސަލްމާނަށް މަރުގެ އިންޒާރުތައް ލިބެމުން ދާތާ މިހާރު ދެ އަހަރެއްހާ ދުވަސް ވެސް ވެއްޖެ އެވެ.

ސަލްމާންގެ ގެއަށް ބަޑި ޖެހި ފަހުން ޖަލުގައި އޮތް އިންޑިއާގެ ގޭންގުސްޓާރެއް ކަމަށްވާ ލޮރެންސް ބިޝޯނީގެ ކޮއްކޮ އައްމޯލް ބިޝޯނީ ވަނީ މި ހަމަލާގެ ފަހަތުގައި ހުރީ އޭނާ ކަމަށް ބުނެފަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާ އަކީ ކުޑަވަރެއްގެ ޓްރެއިލާއެއް ކަމަށާއި އަސްލު ހަމަލާ އަދި ކުރިއަށް އޮތީ ކަމަށް އޭނާ ބުންޏެވެ.

މުމްބާއީގެ ފުލުހުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންނެވެ.

މި ހަމަލާއާ ގުޅިގެން ސަލްމާންގެ ގޭގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

ސަލްމާންގެ ގެއަށް ދިން ހަމަލާއާ ގުޅިގެން އޭނާގެ ކޮއްކޮ އަރްބާޒް ހާން ނެރުނު ބަޔާނެއްގައި ވަނީ މި ހަމަލާގެ ސަބަބުން އާއިލާއަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި މިއީ އެ އާއިލާގެ ތެރެއިން ރާވައިގެން ހިންގާ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވެސް އޭނާ ދޮގުކުރި އެވެ. އަދި އެ އާއިލާގެ ފަރާތުން ކަމަށް ބުނެ ބައެއް މީޑިއާތަކަށް މީހުން ދޮގު މައުލޫމާތު ދެމުން ދާ ކަމަށާއި އާއިލާގެ އެއްވެސް މީހަކު އެއްވެސް މީޑިއާއަކާ މި ހަމަލާއާ ގުޅޭ ގޮތުން އަދި މިހާތަނަށް ވާހަކަދައްކާފައި ނުވާ ކަމަށް ވެސް އޭނާގެ ބަޔާނުގައިވެ އެވެ.