Roadha Mihaaru

ސަލްމާންގެ "ސިކަންދަރު" އަށް ބޮޑު ނާކާމިޔާބީއެއް

ކުޑަ އީދާ ދިމާކޮށް ރިލީޒްކުރި ސަލްމާން ހާންގެ އާ ފިލްމު "ސިކަންދަރު" އަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ސަލްމާންގެ "ސިކަންދަރު" އަށް ބޮޑު ނާކާމިޔާބީއެއް

ކުޑަ އީދާ ދިމާކޮށް ރިލީޒްކުރި ސަލްމާން ހާންގެ އާ ފިލްމު "ސިކަންދަރު" އަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ މަހު 30 ގައި ރިލީޒްކުރި އެ ފިލްމަށް އިއްޔެގެ ނިޔަލަށް 100 ކްރޯޑް ރުޕީސް ވެސް ނުލިބެ އެވެ. އިއްޔެގެ ނިޔަލަށް އެ ފިލްމަށް ލިބިފައި ވަނީ 94 ކްރޯޑް ރުޕީސް އެވެ.

މިއީ މިފަހުން ސަލްމާންގެ ފިލްމަކަށް މިހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ. އާންމުކޮށް އޭނާގެ ފިލްމުތަކަށް ރިލީޒްކުރާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބެ އެވެ.

"ސިކަންދަރު" އަކީ 200 ކްރޯޑް ރުޕީސްގެ ބަޖެޓުގެ ފިލްމެކެވެ.

މި ފިލްމަށް ލިބޭ ތަރުހީބު ކުޑަވުމުން ބައެއް ސިނަމާތަކުގައި ފިލްމު ނުދައްކަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ. މި ފިލްމު ރިލީޒްކުރީ އިންޑިއާގައި 8،000 ޝޯ ދައްކާ ގޮތަށް ނަމަވެސް، މިހާރު ވަނީ އެ އަދަދު 6،200 އަށް މަދުކޮށްފަ އެވެ.

އެކްޝަން ފިލްމު "ސިކަންދަރު"އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި އިރު، މި ފިލްމަށް ކްރިޓިކުން ވަނީ ވަރަށް ދަށް ރޭޓިންއެއް ދީފަ އެވެ. އަދި ސޯޝަލް މީޑިއާގައި އާންމުން ވެސް ވަނީ މި ފިލްމު ވަރަށް ހަޑިކަމަށް ބުނެ ފާޑުކިޔައިފަ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އާމިރް ހާންގެ މަޝްހޫރު ފިލްމު "ގަޖްނީ" ގެނެސްދިން އޭއާރް މުރުގަޑޮސް އެވެ. ސަލްމާންއާ އެކު އޭނާ މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރެވެ. ސަލްމާންއާ އެކު، މި ފިލްމުގައި ލީޑު އެކްޓްރެސްގެ ރޯލު ކުޅުނީ ރަޝްމިކާ މަންދަނާ އެވެ. މިއީ، ސަލްމާންއާ އެކު އޭނާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.