Roadha Mihaaru
ނިލަންދޫން 129 ގޯތި ދޫކުރަން އިއުލާންކޮށްފި

ނިލަންދޫން 129 ގޯތި ދޫކުރަން އިއުލާންކޮށްފި

14 އެޕްރީލް 2024

ފ. ނިލަންދޫން 129 ގޯތި ދޫކުރަން ރޭ އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފ. ނިލަންދޫން 129 ގޯތި ދޫކުރަން ރޭ އިއުލާންކޮށްފި އެވެ.

ނިލަންދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި މަހު ތިނެއްގައި ބޭއްވި އެ ކައުންސިލްގެ ޖަލްސާގައި، އެ ރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރަން ފާސްކޮށް، މިދިޔަ މަހު 30 ގައި ގެޒެޓްކޮށްފައިވާ ގޯތި ދޫކުރުމާ ބެހޭ އުސޫލަށް ބައެއް އިސްލާހުތައް ގެނެސް، އެ ބަދަލުތަކާ އެކު އަލުން އިއުލާންކުރީ ކަމަށެވެ.

"އެހެންކަމުން ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން ފ. ނިލަންދޫން ދިރިއުޅުމުގެ ބޭނުމަށް ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ،" އެ އިއުލާނުގައިވެ އެވެ.

ޕޮއިންޓް ދިނުމުގައި އިސްކަން ދޭނީ ރަށުގައި ދިރިއުޅޭ މީހުންނަށް ކަމަށް އިއުލާންގައި ވެ އެވެ.

ނިލަންދޫން ދޫކުރާ ގޯތީގެ ތަފުސީލު

• ގޯތީގެ އަދަދު: 129

• ގޯތީގެ ސައިޒް: 2،000 އަކަފޫޓްގެ 96 ގޯތި އަދި 2،800 އަކަފޫޓުގެ 33 ގޯތި

އެ އިއުލާނުގައި ބުނި ގޮތުގައި، ގޯތިތައް ދޫކުރަނީ ރަށުގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ސަރަހައްދުން 96 ގޯއްޗާއި ނިލަންދޫ "ވެލި" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ފަސް ގޯއްޗާއި ނިލަންދޫ "ހުވަނދު" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ހަތަރު ގޯއްޗާއި ނިލަންދޫ "ހިމިތި" ގޭގެ އަތިރިން އޮތް ސަރަހައްދުން 24 ގޯއްޗެވެ.

ނިލަންދޫން ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ މީހާގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން ހިމެނެ އެވެ.

ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ ލިބިފައި ނެތުން، އަދި 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓަރީ ވެފައިވާ ނަމަ، ނުވަތަ ލިބިފައިވާ ނަމަ ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވާން ޖެހެ އެވެ. ގޯއްޗަށް އެދޭ މީހާ އަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތަށް ދޫކޮށްލަން ވެސް އެއްބަސްވާން ޖެހެ އެވެ.

ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން 600 އަކަފޫޓަށް ވުރެ ބޮޑު ފުލެޓެއް، ރޯހައުސްއެއް، އެއްމެދު އިމާރާތެއްގެ ފުލެޓެއް، ގޯއްޗަށް އެދޭ މީހާގެ ނަމުގައި އޮވެ އެތަން ދޫކޮށްލައިފައި ނުވަތަ ވިއްކާލާފައިވާން ޖެހެ އެވެ.

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނެ ގޮތުގެ މިންގަނޑުގައި ކަނޑައެޅިފައިވާ ޖުމްލަ ޕޮއިންޓު 60 އަށް ވުރެ މަތިން ޕޮއިންޓު ލިބޭ ފަރާތެއް ކަމަށް ވާން ޖެހޭނެ ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ބުންޏެވެ.

އެ އިއުލާނުގައި ބުނި ގޮތުގައި، ނިލަންދޫން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީން މިހާރު ބޭނުންކުރަމުން އަންނަ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ. އަދި ނިލަންދޫ ކައުންސިލަށް ފޯމު ހުށަހަޅަން ބޭނުންވާ މީހުންގެ ފޯމުތައް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް ކައުންސިލް އިދާރާއިން ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

ނިލަންދޫން ގޯއްޗަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހު 30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.