Roadha Mihaaru
ނިލަންދޫ ފަޅު ހިއްކައިގެން ދެ ރިސޯޓު ހަދަން ނިންމައިފި

ނިލަންދޫ ފަޅު ހިއްކައިގެން ދެ ރިސޯޓު ހަދަން ނިންމައިފި

29 ނޮވެމްބަރ 2022

ފ. ނިލަންދޫ ފަޅު ހިއްކައިގެން ދެ ރިސޯޓު ހަދަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފ. ނިލަންދޫ ފަޅު ހިއްކައިގެން ދެ ރިސޯޓު ހަދަން ނިންމައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަލީ އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އެދިގެން ރަށުގެ އެކި ފަރާތްތަކާ ބައްދަލުކޮށް ހިޔާލު ހޯދާފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވި ގިނަ މީހުން ބޭނުންވަނީ އަހުމަދު ވިދާޅުވި ގޮތުގައި، ފަޅުގައި 10 ހެކްޓަރުގެ ދެ ރިސޯޓު ހެދުމަށެވެ.

އެ މަޝްރޫއު ގެންދިއުމަށް ރައްޔިތުންގެ މައްސަލައެއް ނެތް ކަމަށް، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލުން ވަނީ މިނިސްޓްރީއަށް ވެސް އަންގައިފަ އެވެ.

އަހުމަދު ވިދާޅުވީ އަށް ކިލޯ މީޓަރުގެ ބޮޑު ފަޅެއް އޮތް ނަމަވެސް އެ ކަމުން ސީދާ ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށެވެ.

ނިލަންދޫ ފަޅު ތެރޭގައި ދެ ރިސޯޓު ހަދާނަމަ އެ ރަށުގެ އިހުތިސޯސް ހިނގާ ސަރަހައްދުން ދެ ކިލޯ މީޓަރު ގެއްލެ އެވެ. އެކަމަކު ވެސް ރިސޯޓު ހަދަން ގިނަ ބަޔަކު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފާއިތުވި ދިގު މާޒީގައި މުއްސަނދި ވަސީލަތެއް އޮތަސް ފައިދާއެއް ނުވޭ. މިހާތަނަށް ވާ ކަމަކީ ވެލި ނެގުމާއި މަސްވެރިކަމަށް ބޭނުންކުރުން. ބޮޑު ފައިދާއެއް ނުވާތީ ރިސޯޓު ހަދަން ބޭނުންވަނީ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނިލަންދޫ ކައިރީގައި ރިސޯޓު އަޅާނަމަ، އާބާދީގައި 2،500 މީހުން ދިރިއުޅޭ އެ ރަށަށް ސީދާ ފައިދާ ކުރާނެ ކަމަށެވެ. އެ ކޮންމެ ރިސޯޓަކުން 200 އަށްވުރެ ގިނަ ވަޒީފާ އުފެދި، ވިޔަފާރިތަކަށް ވެސް ކުރިއެރުން ލިބޭނެ ކަމަށް ނިލަންދޫ ކައުންސިލުން ގަބޫލުކުރެ އެވެ.

"ފަރުމަސްވެރިކަމާއި ދޯނި ފަހަރު ގެންގުޅޭ މީހުންނަށް ވެސް ދަތުރުތަކަށް ދޫކޮށްގެން އިތުރު އާމްދަނީ ލިބޭނެ މި ކަންތައްތަކާއެކު އިގުތިސޯދީ ބަދަލުތައް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

ތައުލީމަށް ހާއްސަ އިސްކަމެއް ދޭ ނިލަންދޫގެ ދެބައިކުޅަ އެއްބައި މީހުން މި ވަގުތު މަސައްކަތްކުރަނީ ސަރުކާރުގެ ވަޒީފާތަކުގަ އެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ ކަމަށް ކައުންސިލުން ލަފާކުރަނީ ވެސް 10 ވަރަކަށް މީހުންނެވެ.

އަހުމަދު ވިދާޅުވީ ރަށުގައި ވަޒީފާ ބޭނުންވާ މީހުން އެބަތިބި ކަމަށެވެ. ރިސޯޓު ހެދުމުން އެ މީހުން އަދި މިހާރު ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުންނަށް ރަނގަޅު ފުރުސަތުތަކެއް ލިބުމުން އެ ވަޒީފާތަކަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ލިބިފައިވާ މައުލޫމާތުތަކާ ހަވާލަދެއްވައި އަހުމަދު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ނިލަންދޫ ފަޅު ތެރޭގައި ދެ ރިސޯޓު ހަދަން ބިޑަށް ހުޅުވާލާނެ ކަމަށެވެ. ވީހާ ވެސް އަވަހަކަށް މަސައްކަތް ފެށުމަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ކައުންސިލުން ބުންޏެވެ.

އެ އަތޮޅުގައި މި ވަގުތު ހިންގަނީ ފިލިތެޔޮ ރިސޯޓު އެކަންޏެވެ. އިތުރު ދެ ރިސޯޓު ހެދުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ނަމަވެސް ރަށުގެ ފަޅުން ހިއްކައިގެން ރިސޯޓު އެޅުމާ ދެކޮޅަށް އެ ރަށުން "މިހާރު" އަށް ވާހަކަދެއްކި މީހަކު ބުނީ ނިލަންދޫގައި ރިސޯޓު ވަޒީފާ އަދާކުރާ މީހުން މަދުއިރު ފަޅު ހިއްކައިގެން އެއާޕޯޓު އެޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

ރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ކައުންސިލުން ވަނީ ރިސޯޓުތަކުން ގިނަ ވަޒީފާ އުފެދި، ވިޔަފާރިތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ބުންޏެވެ. ނަމަވެސް، އެ ރަށުން ވާހަކަދެއްކި ބައެއް މީހުން އެކަމާ ގަބޫލެއް ނުވެ އެވެ.

ރިސޯޓު ހެދުމާ ގުޅޭގޮތުން ނިލަންދޫ ކައުންސިލުން އާއްމުންގެ ހިޔާލު ހޯދަނީ.-- ފޮޓޯ: ނިލަންދޫ ކައުންސިލް

ރިސޯޓު ހެދުމާ ގުޅޭގޮތުން ނިލަންދޫ ކައުންސިލުން އާއްމުންގެ ހިޔާލު ހޯދަނީ.-- ފޮޓޯ: ނިލަންދޫ ކައުންސިލް

"ރާއްޖޭގައި ރިސޯޓުތައް ހިންގާތާ އެތައް އަހަރެއް ވެގެންދިޔައިރު އެ އިންގިލާބުތައް ނައީ ކީއްވެގެންތޯ. ދެން ކިހިނެއް ނިލަންދޫ ފަޅު ހިއްކައިގެން ހަދާ ރިސޯޓުން މި ބަދަލު އަންނާނީ،" އޭނާ ބުންޏެވެ.

އެއާޕޯޓު ގެއްލުން: ރައްޔިތުން މާޔޫސްކޮށްލި ކަމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް އައި އިރު އެ ރަށުގައި އޮތީ އެއާޕޯޓު އަޅަން ނިންމައި ބަޖެޓު ވެސް ކަނޑައަޅައިފަ އެވެ. އެކަމުގެ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައި، ރުއް ގަހުގެ ބަދަލު ދޭނެ އަގު ވެސް ކަނޑައެޅި އެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރު ވެސް ނިލަންދޫ އެއާޕޯޓަށް ބަޖެޓު ކަނޑައެޅި އެވެ. އެކަމަކު، ކުއްލިއަކަށް ސަރުކާރުގެ ވިސްނުން ބަދަލުވެ އެ މަޝްރޫއު ބަދަލުކުރީ އެ އަތޮޅު މަގޫދުއަށެވެ.

މިއީ، ކައުންސިލުން ބުނިގޮތުގައި ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ދެރަ އެކެވެ.

"އަތޮޅުގެ އެހެން ރަށްރަށުގައި މަޝްރޫއުތައް ހިންގުމަކީ އުފާ ކުރާ ކަމެއް. ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ތަރައްގީއަށް މަސައްކަތް ކުރަންޖެހޭ. އެކަމަކު އެ ހުރިހާ މަސައްކަތެއް ކޮށްފައި އެއާޕޯޓު މަޝްރޫއު ބަދަލުކުރި ސަބަބު ސާފުކޮށްދޭން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

"މިއީ ރައްޔިތުންނަށް ދިން ގެއްލުމެއް."

އެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް މިދިޔަ ޖެނުއަރީ މަހު އަދި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ މަހު އެމްޓީސީސީއާއެކު ސޮއިކޮށްފަ އެވެ. އެ ދެ މަޝްރޫއަށް ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.