Roadha Mihaaru
އާ ހެކިތަކާ އެކު ހިބަޅިދޫ މައްސަލަ އަލުން ކޯޓަށް

ހިބަޅިދު އަށް ފައިސާ ދެއްކި ކަމުގެ އާ ހެކި ލިބުމުން އަލުން ކޯޓަށް

20 މާޗް 2024

ބ.ހިބަޅިދޫ މައްސަލައާ ގުޅިގެން ފައިސާ ދެއްކި ކަމުގެ އިތުރު ލިޔުންތައް ލިބުމުން އެ ރަށް ހޯދަން ސުޕްރީމު ކޯޓަށް ހުށަހަޅަން، އެރަށް ހަވާލުކޮށްފައި އޮތް ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބ.ހިބަޅިދޫ މައްސަލައާ ގުޅިގެން ފައިސާ ދެއްކި ކަމުގެ އިތުރު ލިޔުންތައް ލިބުމުން އެ ރަށް ހޯދަން ސުޕްރީމު ކޯޓަށް ހުށަހަޅަން، އެރަށް ހަވާލުކޮށްފައި އޮތް ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނިންމައިފި އެވެ.

އެކުންފުނީގެ މައި ހިއްސާދާރު މުހައްމަދު ރިޔާޒް ވިދާޅުވީ، ހިބަޅިދޫ މައްސަލައިގައި ސުޕްރީމް ކޯޓުން ދައުލަތާ އެއްކޮޅަށް ހުކުމްކޮށްފައި ވަނީ ހިބަޅިދޫގައި ރިސޯޓު ހަދަން ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ދެއްކިކަން ސާބިތުކުރަން ހެކި ނެތުމުން ކަމަށެވެ. ނަމަވެސް، ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކުގެ ތެރެއިން ނެރުނު ރިޕޯޓެއްގައި އެ މުއާމަލާތްތައް ހިންގި ކަމުގެ ލިޔުންތައް އާންމުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ފައިސާ ދައުލަތަށް ނުވަދެ ހުއްޓަސް، އަޅުގަނޑުގެ ޒިންމާއެއް ނޫން އެއީކީއެއް. އެއް އަހަރާއި ހަ މަސްވެގެން ދިޔަ އިރު އޮޑިޓް ވެސް ކުރާނެ. އޮޑިޓްގައި އިންނަން ޖެހޭނެ ފައިސާ ނުލިބެންޏާ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުން ހާމަކޮށްފައިވާ ހިބަޅިދޫއާ ގުޅޭ މުއާމަލާތްތަކުގެ ތަފްސީލުތައް.

ދައުލަތުން ހާމަކޮށްފައިވާ ހިބަޅިދޫއާ ގުޅޭ މުއާމަލާތްތަކުގެ ތަފްސީލުތައް.

އޭނާ ވިދާޅުވީ، އެ ރަށް ގަތުމަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިވާ އިރު، އެކަމުގެ ބަދަލެއް ވެސް އެ ކުންފުންޏަށް ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެކުންފުންޏަކީ މާ ކުރީއްސުރެ ވެސް އޭނާގެ އަމިއްލަ ކުންފުންޏެއް ކަމަށާއި އެ ރަށުގެ އެކުއިޒިޝަން ކޮސްޓް ދެއްކީ އެ ކުންފުނިން ކަމަށެވެ. އަދި ކުންފުނީގެ އިތުރު ހިއްސާދާރެއްގެ ގޮތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ފަރާތުން މުހައްމަދު އައްލާމް ލަތީފް (މޮހޯ) އިތުރު ކުރަން ނިންމީ، އެކުއިޒިޝަން ކޮސްޓް ދައްކައި، ސޭލްސް އޮފް ޕާޗޭސް އެގްރީމެންޓުގައި ސޮއި ކުރި ފަހުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފައިސާ ދެއްކި ކަމުގެ ލިޔެކިޔުންތައް އޭރު ހުރީ، ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ ހިއްސާދާރު، މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ އޮފީހުގައި ކަމަށެވެ.

"މޮހޯގެ ޝެއާ އޮތީމާ، އެސްއޯއެފް އޮފީހުގައި، ހިބަޅިދޫއަށް ފައިސާ ދެއްކި ލިޔުންތައްވީ. އެބޭފުޅުން ދައްކަން 17 މިލިއަން ޑޮލަރު އެބައޮތް. އެ ވެސް އަޅުގަނޑުމެން [ބިޒްނާސް މޯލްޑިވްސް] އަށް ނުދައްކާ އޮތީ. ނުދައްކާތީ ފަހުން އަޅުގަނޑުމެން އެ ޝެއާ ވެސް ރިމޫވްކުރީ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، ހިބަޅިދޫގެ ހިއްސާ މޮހޯއަށް ދިނީ، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އެ ވިޔަފާރިއަށް ވަންނަން ބޭނުންވާތީ ކަމަށެވެ.

"އަސްލު މިނިސްޓަރުގެ ނަމެއް ނުޖެހޭނެއެއްނުން އެގްރީމެންޓުގައި. އެހެންވީމާ އެ ބޭފުޅާ އަބަދުވެސް ޖަހާނީ މޮހޯގެ ނަން،" އޭނާ ވިދާޅުވި އެވެ.

ރިޔާޒާއި އަދީބާ ދެމެދު ކަންކަން ވެގެންދިޔަ ގޮތް

ހިބަޅިދޫގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ފެށުމުން، އަދީބު ވެސް އެ ވިޔަފާރިއަށް ވަންނަން ޝައުގުވެެރިވެ ވަޑައިގަތުމުން، އޭނާ އެ ވިޔަފާރީގައި ބައިވެރިކުރަން ރިޔާޒް ނިންމެވި އެވެ. އެރަށުގައި ރިސޯޓު ތަރައްގީ ކުރަން އަދީބު އިވެސްޓަރެއް ހޯއްދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން މިނިސްޓަރަށް، ކޮންތާކުންހޭ ފައިސާ ހޯދަނީ. އޭނަ ބުނި އިންވެސްޓަރެއް ހޯދާނަމޭ. ތިމަންނަ އިންވެސްޓަރެއް ގެނައިމާ ފަނި ނުހަދައްޗޭ. އޭނާ ލެންގުއޭޖު ބޭނުން ކުރާނީ އެގޮތަށް. ބްރޯ ފަނި ނުހަދައްޗޭ،" އޭނާ ވިދާޅުވި އެވެ.

ބިޒްނާސް މޯލްޑިވްސް އަށް ހިބަޅިދޫ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދީބާއި ރިޔާޒު ފޮޓޯއަކަށް ހުއްޓިގެން

ބިޒްނާސް މޯލްޑިވްސް އަށް ހިބަޅިދޫ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދީބާއި ރިޔާޒު ފޮޓޯއަކަށް ހުއްޓިގެން

ރިޔާޒް ވިދާޅުވީ، އިންވެސްޓަރު ރާއްޖެ ގެނައުމަށް ފަހު ސޮއި ކުރަން އެސްއޯއެފްގެ އޮފީހަށް އަންނަން އެންގި ކަމަށެވެ.

"އޭނާ އަތުގައި އޮތީ ބްރިޓިޝް ޕާސްޕޯޓެއް. ސްރީ ލަންކަން ދަރިކޮޅުގެ މީހެއް އެއީ. އޭނަ އައީ ޕްރައިވެޓް ޖެޓެއްގައި. އައިސްފައި އޭނާ ބުނީ، ތިމަންނަ ހަވީރު ފުރަން ޖެހެއޭ. އޭރު ގާތްގަނޑަކަށް ދޭއް ޖަހައިފި. ލޯކަލް ކުންފުންޏެއްގެ ތެރެއަށް ފޮރިނާއެއް އިންޓަގްރޭޓް ކުރަންޏާ ޕްރޮސީޖާއެއް ބޭނުންވޭ. އެހެންވެ އަސްލު މޮހޯ ސޮއި ކުރަން ޖެހުނީ [އިންވެސްޓަރުގެ ނަމުގައި]،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޮހޯ ނަމުގައި އޮތް ނަމަވެސް، އިންވެސްޓްކުރަނީ ބޭރުގެ އިންވެސްޓަރެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެކުންފުނިން ދޭން ޖެހޭ ފައިސާ ވެސް ނުލިބޭ ކަމަށާއި އޭގެ ފަހުން އެ އިންވެސްޓަރާ ވެސް ދިމާނުވާ ކަމަށެވެ.

ހިބަޅިދޫ އާއި ބިޒްނާސް މޯލްޑިވްސްގެ މުއާމަލާތްތައް

ހިބަޅިދޫ އަކީ މެއި 17، 2000 ވަނަ އަހަރު ރިޟްވާން ޝަރީފަށް ވަރުވާއަށް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައި އޮތް ރަށެކެވެ. އެރަށް ބިޒްނާސް މޯލްޑިވްސް އަށް ކުއްޔަށް ދޫކުރީ ފެބްރުއަރީ 23، 2011 ވަނަ އަހަރު އެވެ. ދަނޑުވެރިކަމުގެ ބޭނުމަށް އޭރު އެރަށް ހޯދި ނަމަވެސް، އޭރު ވެސް މަސައްކަތް ކުރީ އެރަށް ޓޫރިޒަމްގެ ބޭނުމަށް ބަދަލު ކުރުމަށް ކަމަށް ހިއްސާދާރު ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭރުގެ ޓޫރިޒަމް މިނިސްޓްރީ އާއި އިސްވެރިންނާ އެކު ރިސޯޓެއް އެޅުމަށް ރިޔާޒާއި އޭނާގެ ވިޔަފާރި ޕާޓްނަރު ރަޝިޔާ މީހަކާ އެކު މަޝްވަރާތައް ކުރި ކަމަށެވެ. ނަމަވެސް، އެއްބަސްވުމަކާ ހަމައަށް ނުދެވެނީސް އޭރުގެ ސަރުކާރު ބަދަލުވި އެވެ.

އަނެއްކާ ވެސް ބިޒްނާސް މޯލްޑިވްސްގެ މައި ހިއްސާދާރު ރިޔާޒްގެ ހިއްސާއޮތް ލެޓްސްގޯ މޯލްޑިވްސް އިން ޖުލައި 23، 2013 ވަނަ ހިބަޅިދޫގައި ޓޫރިސްޓު ރިސޯޓެއް ހެދުމަށް ރަށް ބަދަލުކޮށްދޭން އޭރުގެ ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅި އެވެ. އެ ހުށަހެޅުމާ ގުޅިގެން ނޮވެމްބަރު 4، 2013 ގައި ރިސޯޓެއް ހަދަން އެރަށް ލެޓްސްގޯ އާއި ރަޝިޔާގެ ބެނަގޯ މެނޭޖްމެންޓު ކުންފުނީގެ ވެރިޔާ، މިހައިލް ޕްރޮހޮވޮރްގެ ނަމަށް ބަދަލުކޮށްދިނެވެ.

ހިބަޅިދޫއާ ގުޅޭ ގޮތުން ރައީސް އޮފީހުން 2013 ވަނަ އަހަރު ފޮނުވި ސިޓީ

ހިބަޅިދޫއާ ގުޅޭ ގޮތުން ރައީސް އޮފީހުން 2013 ވަނަ އަހަރު ފޮނުވި ސިޓީ

އެރަށުގައި ރިސޯޓު ހަދަން ބަދަލު ކުރުމުން އޮގަސްޓް 10، 2014 ވަނަ އަހަރު އެރަށުގެ ލީޒް އެގްރީމެންޓް އެމްއެމްޕީއާރްސީ އާއި ސަރުކާރާ ދެމެދު ސޮއިކުރި އެވެ. ދެން އެމްއެމްޕީއާރްސީ އާއި ބިޒްނާސް މޯލްޑިވްސް އާ ދެމެދު ސޭލްސް އޮފް ޕާޗޭސް އެގްރީމެންޓުގައި ސޮއިކޮށްފައިވެ އެވެ. އެއަށް ފަހު ރަށުގައި ރިސޯޓު ހެދުމަށް އީއައިއޭ ހަދައި ކޮންސެޕްޓް ތައްޔާރުކޮށް މަސައްކަތްތައް ފެށި އެވެ. ނަމަވެސް 2015 ވަނަ އަހަރު ރައީސްގެ ރަސްމީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލައި އޭރުގެ ރައީސް ޔާމީން އަވަހާރަކޮށްކަން އުޅުނު ކަމުގެ ތުހުމަތަށް ފެށި ތަހުގީގައި އެ ރަށުން ހަތިޔާރުތަކެއް ފެނި، ރަށް ފުލުހުންގެ ތަހުގީގަށް ނެގި އެވެ. އޭގެ ފަހުން ރަށުގައި ރިސޯޓު މަސައްކަތް އޮތީ ހުއްޓިފަ އެވެ. އަދި ސަރުކާރުން ވަނީ އެރަށް ހަވާލުކޮށްފައި އޮތް ބިޒްނާސް މޯލްޑިވްސްގެ އާ އެކުވެފައިވާ އެއްބަސްވުން ބާތިލުކުރިކަން ޖޫން 26، 2016 ވަނަ އަހަރު އަންގައިފަ އެވެ.

އެ މައްސަލައިގައި ބިޒްނާސް މޯލްޑިވްސް އިން ކޯޓަށް ދިއުމުން، ރަށް އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ.