Roadha Mihaaru
ނިލަންދޫ އެއާޕޯޓް ނުހުއްޓޭނެ، ޖެޓް ޖައްސާނެ: ރައީސް

ނިލަންދޫ އެއާޕޯޓް ނުހުއްޓޭނެ، ޖެޓް ޖައްސާނެ: ރައީސް

14 އެޕްރީލް 2024

ފ. އަތޮޅު ނިލަންދޫގައި ހަދާ އެއާޕޯޓުގެ މަސައްކަތް ދެން ނުހުއްޓޭނެ ކަމަށާއި ޖެޓް ޖެއްސޭ ފެންވަރަށް އެ ތަން ތަރައްގީ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު ފ. ނިލަންދޫން މޫސާ ރަޝީދު

ފ. އަތޮޅު ނިލަންދޫގައި ހަދާ އެއާޕޯޓުގެ މަސައްކަތް ދެން ނުހުއްޓޭނެ ކަމަށާއި ޖެޓް ޖެއްސޭ ފެންވަރަށް އެ ތަން ތަރައްގީ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ނިލަންދޫ ރައްޔިތުންނާ ބައްދަލު ކުރުމަށްމި ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ނިލަންދޫގެ ތަރައްގީގެ ލިސްޓުގައި އަބަދުވެސް އޮންނަ އެއާޕޯޓުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމައި ރައްޔިތުން އުންމީދު ކުރާ ފެންވަރު ރަނގަޅު އެއާޕޯޓެއް އޮންނާނެ ކަމަށެވެ.

"ނިލަންދޫގެ ތަރައްގީގެ ލިސްޓުގައި އެކެއް ދޭއް ތިނެއް ގޮސް ދިހަ އަކާ ވެސް އަދި އެ އަށް ވުރެ ވެސް ފަހަތަށް 100 ވަނަ އާ ހަމައަށް ވެސް އޮތް އެއާޕޯޓުގެ މަސައްކަތް ހަގީގަތަކަށް ހަދައިދީ، އެ މަސައްކަތް މިހާރު މި އޮތީ ފެށިފައި. ދެން ނުހުއްޓޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ އެއާޕޯޓުގައި 1،800 މީޓަރުގެ ދިގު ރަންވޭއެއް ގާއިމް ކުރާނެ ކަމަށާއި އެއީ ޖެޓް ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފ. ނިލަންދޫ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް

ފ. ނިލަންދޫ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ތަރައްގީ ކުރަނީ ސަރަހައްދީ ތަރައްގީގެ ވިސްނުމުގައި ކަމަށާއި ހަތް ސަރަހައްދެއް ތަރައްގީ ކުރާއިރު ނިލަންދުއަކީ އެއް އާބަން ޒޯން ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ، އެންމެ މަތީ ފެންވަރުގެ ހުރިހާ ހިދުމަތެއް ދޭނެ ތަނަކަށް އަދި ފ. އަތޮޅުގެ ހުރިހާ އެންމެން ވެސް ފަހުރުވެރިވާ ފަދަ ރަށަކަށް ނިލަންދޫ ވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީ އަށް 20 އަހަރުގެ މާސްޓަ ޕްލޭނެއް ހަދައި އެ ޕްލޭނަށް ގާނޫނީ ހިމާޔަތްތެރިކަން ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ހާސިލް ކުރެވޭނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރާނެ މެންބަރުން ތިބި ރައްޔިތުންގެ މަޖިލީހަކުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުން މާޔޫސް ވަނީ އެތައް ޒަމާނެއް ވަންދެން ކަންކަން ނުވެ ދިޔައީމާ. ތި އެދިވަޑައިގަތް ވަރަށް ވުރެ ގިނަ ކަންކަން ޕްލޭންގައި އެބައޮތް. މި ރަށަށް މި އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާ ވަރުގެ އާބަން ސެންޓަރަކަށް ހަދައި ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.