Roadha Mihaaru
"ސޯޝަލް ސެންޓަރުގެ ހޯލް ޕީއެންއެފަށް ދޫކުރެވިދާނެ"

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ޕީއެންއެފަށް ދޫކުރެވިދާނެކަން އަންގައިފި

09 އެޕްރީލް 2024

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ބޭނުން ނަމަ ސޯޝަލް ސެންޓަރުގެ ހޯލް ލިބޭނެ މަގު ހުޅުވިފައިވާ ކަމަށާއި އެކަން އެ ޕާޓީގެ އިސްވެރިންނަށް ވެސް ދަންނަވާފައިވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ބޭނުން ނަމަ ސޯޝަލް ސެންޓަރުގެ ހޯލް ލިބޭނެ މަގު ހުޅުވިފައިވާ ކަމަށާއި އެކަން އެ ޕާޓީގެ އިސްވެރިންނަށް ވެސް ދަންނަވާފައިވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވިއިރު، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މިރޭ 9:00 ގައި މާލޭގެ އަމިއްލަ ސްކޫލެއް ކަމަށްވާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވުމަށް ތާވަލްކުރި އެވެ. އެކަމަކު، ލޮޖިސްޓިކް ބައެއް ސަބަބުތަކާ ގުޅިގެން، ޕީއެންއެފަށް ހޯލް ދޫކުރުމުގެ އެއްބަސްވުން މިއަދު މެންދުރުފަހު ވަނީ ބާތިލްކޮށް، އެކަން އީމެއިލްގެ ޒަރީއާ އިން ޕީއެންއެފަށް އަންގައިފަ އެވެ.

ހޯލް ދޫކުރުމުގެ އެއްބަސްވުން ބާތިލްކުރި ކަމުގެ އީމެއިލް ޣިޔާސުއްދީން ސްކޫލުން ޕީއެންއެފްގެ އިސްވެރިންނަށް ފޮނުވީ މެންދުރުފަހު 3:11 ގަ އެވެ.

އެކަމަކު، ޣިޔާސުއްދީން ސްކޫލުން އެކަން އެންގި ނަމަވެސް އެ އަށް ބެލުމެއް ނެތި އެ ސްކޫލްގެ ހޯލުގައި މިރޭ ޖަލްސާ ބާއްވަން އުޅުމުން ވަނީ ފުލުހުންނާއި ޕާޓީގެ ސަޕޯޓަރުންނާ ދެމެދު ކުރުމަތިލުމެއް ހިންގައިފަ އެވެ. އެ ކުރިމަތިލުން ހިނގީ ޣިޔާސުއްދީންގެ ހުއްދަ ނެތި އެ ސްކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ޕީއެންއެފުން މަސައްކަތް ކުރުމުން ރައްކާތެރިކަމަށް އެދި ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ހުށަހެޅުމާ އެކު، ފުލުހުން ސްކޫލްގެ ގޭޓް ބަންދު ކުރުމުންނެވެ.

މި ކަންކަމާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ޕީއެއެންފަށް ދޫކުރެވިދާނެކަން އެ ޕާޓީގެ އިސްވެރިންނަށް އޭނާ ގުޅުއްވައި މިރޭ ދެންނެވި ކަމަށެވެ.

"އަޅުގަނޑު މަލީހް އަށް ގުޅާފައި ދެންނެވިން އެ ވާހަކަ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ދޫކުރެވިދާނެ ކަމަށް. އެއީ އަބަދުވެސް ސިޔާސީ ކަންކަމަށް ދޫކުރާ ތަނެއް. އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ތެރެއިން އެ ގޮތަށް ދޫކުރަނީ އިންޑޯ ހޯލް އެކަނި،" ރާފިއު ވިދާޅުވި އެވެ.

ނަމަވެސް ޕީއެންއެފުން މިހާރު މަސައްކަތް ކުރަނީ ނިއު ޕޯޓު ކުރިން ހިންގި ސަރަހައްދުގައި އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާށެވެ.