Roadha Mihaaru
ޕާޓީ ބަދަލުވުމުން އިސްތިއުފާ ދޭން ޖެހޭނީ އަމިއްލައަށް!

ޕާޓީ ބަދަލުކުރުމުން އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ގޮތަށް އެންޓި-ޑިފެކްޝަން ބިލް ފާސްކޮށްފި

01 އެޕްރީލް 2024

ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު މިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. ބިލު ދިރާސާކުރަން އުފެއްދި ހާއްސަ ކޮމިޓީން ވަނީ ބިލު ތަޅުމަށް ފޮނުވުމުގެ ކުރިން ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ.

މި އިސްލާހުތަކާ އެކު މަޖިލީހުން ބިލު ފާސްކުރީ 33 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ.

އެމްޑީޕީގެ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީން މި ބިލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައި ވިޔަސް އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މާއްދާގައި ބަޔާން ކުރުމެވެ. އެގޮތުން އިސްތިއުފާ ދޭންޖެހޭނެ ތިން ހާލަތެއް ވަނީ ބަޔާންކޮށްފަ އެވެ

ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވަނީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވާ ހާލަތުގަ އާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވާ ހާލަތުގަ އެވެ.

މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިހުތިޔާރީކަމެއްގެ ގޮތަށް ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުފާ ނުދީފި ނަމަ ވާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް ބަޔާންކޮށްފައެއް ނެތެވެ.

ކޮމިޓީން ގެނައި މައިގަނޑު ދެ ވަނަ ބަދަލަކީ ރީކޯލް ވޯޓު ނަގާ ގޮތަށް ބިލު ހުށަހެޅިއިރު އޮތް މާއްދާ އެއްކޮށް އުނިކުރުމެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ބާބު އުނިކޮށްފައިވަނީ ބިލުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މަގްސަދުތައް ރީކޯލް ވޯޓު ނުނަގައި ހާސިލުކުރެވޭނެ ގޮތަށް ބިލުގެ އެހެން މާއްދާތައް އިސްލާހުކޮށްފައިވާތީ އެވެ.

ކޮމިޓީން ގެނައި އިތުރު އިސްލާހުތަކުގެ ތެރޭގައި މެންބަރަކު ޕާޓީއަކުން ވަކިކޮށްފި ނަމަ ހަތް ދުވަސް ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހިމަނައިފަ އެވެ.

މި ބިލުގައި އިސްތިއުފާ ދޭން ޖެހޭ ހާލަތްތަކަށް މަޖިލިސް މެންބަރުންގެ އިތުރުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން އަތޮޅު ކައުންސިލްތައް ވެސް ހިމެނޭނެ އެވެ.

ބިލު ފާސްކުރިއިރު މެންބަރުން ވަނީ ބިލުގެ މަގްސަދު ކޮމިޓީން ގެނައި އިސްލާހުތަކާ ގުޅިގެން ހާސިލް ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު ވިދާޅުވީ، މިހާރު ބިލު އޮތް ގޮތުން ނަތީޖާއެެއް ނުފެންނަ ކަމަށާއި އިހުލާސްތެރިކަމާ އެކު ކޮށްފައި އޮތް މަސައްކަތެއް ކަމަށް ނުބެލެވޭ ކަމަށެވެ.

މެންބަރުކަމުން އިސްތިއުދާ ނުދީފި ނަމަ ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ ސުވާލު އުފައްދަވައި ސިރާޖު ވިދާޅުވީ ނަތީޖާއެއް ނުފެންނަ ކަމަށެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ ނަމަކަށް އިސްތިއުފާ ދިނީމާ ގެއްލޭ ގޮތަށް ގާނޫނެއް ހަދައިގެން ރައްޔިތުންނަށް އޮޅުވާލައި މިކަންކަން ކުރުމަކީ އިހުލާސްތެރިކަމާއެކު މިކަން ކުރާނެ ގޮތެއް ހެން،" ސިރާޖު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅައި ގާނޫނެއް އެކުލަވާލީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. ނަމަވެސް އޭރު އޮތް ސަރުކާރު ބަދަލުވުމާއެކު އެމްޑީޕީން ވަނީ އެ ގާނޫނު އުވާލައިފަ އެވެ.