Roadha Mihaaru
ލެޖިސްލޭޓިވް އެޖެންޑާއާ މެދު އެމްޑީޕީގެ ކަންބޮޑުވުން

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ކަންބޮޑުވާ ކަންކަން އެބަހުރި: އެމްޑީޕީ ޕީޖީ

23 ޖޫން 2024

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ބިލްތަކާ ގުޅޭ ގޮތުން ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ބިލްތަކާ ގުޅޭ ގޮތުން ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހުކުރަން ހިމެނޭ ގޮތަށް 200 އަށް ވުރެ ގިނަ ބިލް މަޖިލީހަށް ހުށަހަޅަން އެޓާނީ ޖެނަރަލް އޮފީހުން ވަނީ ނިންމައިފައި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، ސަރުކާރުން އިސްލާހު ކުރަން ނިންމާފައިވާ ބައެއް ގާނޫނުތަކުގެ ތެރޭގައި ރަނގަޅަށް އަމަލުކުރަން ވެސް ނުފަށާ ގާނޫނުތައް ހިމެނޭ ކަމަށެވެ.

"ރަނގަޅަށް ނުފެއްޓެނީސް އެ އަށް އިސްލާހު ހުށަހެޅުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރާ ގާނޫނުތައް އެބަހުރި. ކިހިނެއްތޯ އެނގޭނީ ގާނޫނަކަށް އަމަލު ކުރަން ނުފެށެނީސް ގާނޫނުގައި ހުރި މައްސަލަތައް ދެނެގަންނަން؟،" މައުރޫފް ވިދާޅުވި އެވެ.

އެފަދަ ބޮޑެތި ކަންބޮޑުވުންތަކެއް ލެޖިސްލޭޓިވް އެޖެންޑާގައި ހުރި ކަމަށާއި އެ ކަންކަން ރަނގަޅަށް ދިރާސާ ކުރަމުން އަންނަ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބިފައި ނެތަސް އެ ބިލްތަކާ ގުޅޭ ގޮތުން ކުރެވެން ހުރި ކަމެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ލެޖިސްޓްލޭޓިވް އެޖެންޑާގައި އަލަށް ގެންނަން 78 ގާނޫނެއްގެ ބިލާއި މިހާރު އަމަލު ކުރަމުންދާ 135 ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެ އެވެ. އެއީ ދުސްތޫރީ އަދި ގާނޫނީ ކަންކަމާ ގުޅޭ 15 ބިލަކާއި ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމާ ގުޅޭ 22 ބިލަކާއި ގައުމީ ސަލާމަތާއި ހާރިޖީ ކަންކަމާ ގުޅޭ 15 ބިލަކާއި އާއިލާ އާއި މުޖްތަމައުއާ ގުޅޭ 20 ބިލެކެވެ.

އޭގެ އިތުރުން ފައިސާ މާލީ ކަންކަމާ ގުޅޭ 22 ބިލަކާއި ސިއްހަތާ ބެހޭ 11 ބިލަކާއި އުމްރާނީ ތަރައްގީއާބެހޭ 11 ބިލެއްގެ އިތުރުން ވިޔަފާރި އާއި އިގްތިސާދާ ގުޅޭ 22 ބިލެއް ހިމެނެ އެވެ. އަދި ދަތުރުފަތުރާއި މުވާސަލަތާ ބެހޭ އަށް ބިލަކާއި ދައުލަތް ހިންގުމާ ގުޅޭ ނުވަ ބިލަކާއި ތިމާވެށްޓާބެހޭ ނުވަ ބިލަކާއި ހައްގުތަކާ މިނިވަންކަމާބެހޭ އަށް ބިލަކާއި ތައުލީމާބެހޭ ހަތް ބިލެއް ވެސް ހިމެނެ އެވެ.

ގާނޫނުއަސާސީއާ ހިލާފު ވާތީ 26 ގާނޫނެއް އުވައިލަން ވެސް ހުށަހަޅަން ސަރުކާރުން ވަނީ ނިންމައިފައި އެވެ.