Roadha Mihaaru
އުތުރުތިލަފަޅުން ހިއްކަނީ 200 ހެކްޓަރުގެ ބިން

ފުޑް ސެކިއުރިޓީއަށް އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން: ރައީސް

30 މާޗް 2024

ރާއްޖެއިން ބޭރުން އެތެރެކުރާ ކާނާގެ ބާވަތްތައް މަދުކޮށް ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރަން ހިންގާ މަޝްރޫއު އަށް މާލެ ކައިރީގައި އޮންނަ އުތުރުތިލަފަޅުން ހިއްކަނީ 200 ހެކްޓަރުގެ ބިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖެއިން ބޭރުން އެތެރެކުރާ ކާނާގެ ބާވަތްތައް މަދުކޮށް ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރަން ހިންގާ މަޝްރޫއު އަށް މާލެ ކައިރީގައި އޮންނަ އުތުރުތިލަފަޅުން ހިއްކަނީ 200 ހެކްޓަރުގެ ބިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުން އިންޑިއާއާ އެކު ވީ އެއްބަސްވުމެއް ދަށުން އެމްއެންޑީއެފްގެ ޑޮކްޔާޑެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ އުތުރުތިލަފަޅު އިތުރަށް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން އެ ސަރުކާރުން ނިންމާފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ނިންމުން ބަދަލުކޮށް، ޗައިނާއާ އެކު ދަނޑުވެރިކަމުގެ މަޝްރޫއުއެއް އެ ތަނުގައި ހިންގަން ވަނީ ނިންމަވައިފަ އެވެ.

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)އެއް ގާއިމްކުރުމަށް، އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ.

އެ މަޝްރޫއުއާ ގުޅޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު މިރޭ ވިދާޅުވީ ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ހޯދުމަށްޓަކައި ބޭރަށް ހޭދަކުރާ މިލިއަން ޑޮލަރުގެ ހޭދަ ނިންމުމަކަށް ގެންނަން، ކާބޯތަކެތި ރާއްޖޭގައި އުފައްދަން މަޝްރޫއުއެއް ފަށާފައިވާ ކަމަށެވެ.

"އަމިއްލަވަންތަކަން ގާއިމް ކުރުމަށްޓަކައި މަސައްކަތް އެ ވަނީ ފެށިފައި، އެ ފުޑް ސެކިއުރިޓީ ގާއިމްކުރުމަށް މި ދައުރުގައި ފުރިހަމައަށް ގާއިމް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބޮޑު ބިމެއް ކަމަށާއި އެ ތަނާއި ރާއްޖޭގެ ދަނޑުވެރިކަން ކުރާ އެހެން ބައެއް ރަށްރަށް ވެސް ހިމަނައިގެން މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ. އެއިރުން ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ހުރިހާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ހެއްދޭނެ ކަމަށް ވިދާޅުވި އެވެ.

"އެ އިމްޕޯޓް ކުރުން ނިންމުމަކަށް ގެނެވުނީމާ ދެން އަޅުގަނޑުމެންގެ އިގުތިސާދަށް އަންނާނީ އިތުރު ދިރުމެއް. އަދި އަޅުގަނޑުމެންގެ އަމާޒަކީ އެ ހިސާބުން ނިންމައި ނުލާ ދެވަނަ މަރުހަލާއަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ފުޑް ސެކިއުރިޓީ ގާއިމް ކުރުމަށް ފަހު ޓޫރިޒަމް އިންޑަސްޓްރީ އަށް ބޭނުންވާ މިންވަރަށް ވެސް ކާބޯތަކެތި އުފެއްދުން،" ރައީސް ވިދާޅުވި އެވެ.

އޭއީޒެޑް މަޝްރޫއުގެ ތަފުސީލު

- ބިން ހިއްކުން.

- ޕްރައިމަރީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުން.

- ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ހެދުން.

- ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ހެދުން.

- މި މަޝްރޫއާ އެކު ރާއްޖޭގެ ތަރުކާރީ އާއި މޭވާ އުފެއްދުމުގެ ބޭސްއެއް ހުންނާނެ.

- އެގްރިކަލްޗަރަލް ޓެލެންޓް ޓްރެއިނިން ބޭސްއެއް ހުންނާނެ.

- އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް ލޮޖިސްޓިކްސް ޑިސްޓްރިބިއުޝަން ސެންޓަރެއް ވެސް ހުންނާނެ.

އޭއީޒެޑް އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ގައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެކެވެ.