Roadha Mihaaru
އެހީ ލަސްވާތީ އިޒްރޭލަށް އައިސީޖޭގެ އިތުރު އަމުރެއް

ލަސްނުކޮށް ޣައްޒާއަށް އެހީ ލިބޭނެ ގޮތް ހަދަން އައިސީޖޭއިން އިޒްރޭލަށް އަނެއްކާވެސް އަމުރެއް

29 މާޗް 2024

އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާއިން ކާބޯތަކެތި ހުސްވެ ހައިހޫނުކަން އާންމުވާން ފަށާފައިވާ ކަމަށާއި އެހެންވެ އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ވަގުތުން ދިނުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލަށް އިތުރު އަމުރެއް ބުރާސްފަތި ދުވަހު ނެރެފި އެވެ.

އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާއިން ކާބޯތަކެތި ހުސްވެ ހައިހޫނުކަން އާންމުވާން ފަށާފައިވާ ކަމަށާއި އެހެންވެ އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ވަގުތުން ދިނުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލަށް އިތުރު އަމުރެއް ބުރާސްފަތި ދުވަހު ނެރެފި އެވެ.

އދ.ގެ އެންމެ މަތީ ކޯޓުން މި އަމުރު ނެރެފައި މި ވަނީ ޣައްޒާގެ އެތެރޭގައި އިޒްރޭލާއި ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ވަރުގަދަވެފައި ވަނިކޮށެވެ. އަދި އިޒްރޭލާއި ހަމާސްގެ ހަމަލާތައް ޣައްޒާގައި ވަގުތުން ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވާލައި ގަރާރެއް ފާސްކުރި ފަހުން ވެސް ހަމަލާތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް، ޣައްޒާގައި ހަރަކާތްތެރިވާ އެހީގެ ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ.

"ޣައްޒާއަށް ބޭނުންވާ އަސާސީ އަދި އިންސާނީ އެހީ އެއްވެސް ލަސްކުރުމަކާ ނުލައި އަދި އެކަށީގެންވާ ގޮތުގައި ފޯރުކޮށްދެވޭނެ މަގު އިޒްރޭލުން ތަނަވަސްކޮށްދޭންޖެހޭނެ،" ދެކުނު އެފްރިކާއިން ހުށަހަޅައިގެން ނެރުނު އަމުރުގައި އައިސީޖޭ އިން ބުންޏެވެ.

އަމުރު ނެރުއްވި ފަނޑިޔާރު ވިދާޅުވީ މީގެ ތެރޭގައި ކާނާ، ފެން، ކަރަންޓު، ތެޔޮ، ބޯހިޔާވަހިކަން، އަންނައުނު، އާންމު ސާފުތާހިރުކަމަށް ބޭނުންވާ ސާމާނު އަދި ބޭސްފަރުވާ އަށް ބޭނުންވާ ތަކެތި ވެސް ހިމެނޭނެ ކަމަށެވެ.

"ޣައްޒާގައި ތިބި ފަލަސްތީނު ރައްޔިތުންނަށް މިހާރު އޮތީ ބަނޑަށް ޖެހުމުގެ ބިރެއް ނޫން ... އެކަން މިހާރު ފެށިއްޖެ،" ކޯޓުން ބުންޏެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އައިސީޖޭ އަށް ހުށަހެޅި މައްސަލައިގައި ޖެނުއަރީ މަހު ވެސް އިޒްރޭލާ ދެކޮޅަށް އެ ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. ދެކުނު އެފްރިކާއިން ބުނާ ގޮތުގައި އިޒްރޭލުން ދަނީ ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އެތައް އަމަލެއް ހިންގަމުންނެވެ.

ދެކުނު އެފްރިކާއިން ގެންދަނީ، އައިސީޖޭގެ އަމުރަށް އިޒްރޭލުން ތަބާނުވާތީ އެކަން ފާހަގަކޮށް، އިތުރު ފިޔަވަޅު އަޅައިދިނުމަށް އެދި ތަކުރާރުކޮށް އަމުރުތަކަށް އެދެމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ދިން ހަމަލާތަކުގައި ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 32،500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ