Roadha Mihaaru
އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އަލުން ކޯޓަށް

އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅައިދޭން އެދި ދެކުނު އެފްރިކާއިން އަނެއްކާވެސް ކޯޓަށް

07 މާޗް 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދެމުން ގެންދާތީ އާއި އެ ސަރަހައްދު ހިސާރުކޮށްފައި އޮންނާތީ ބަނޑުހައިހޫނުކަން އާންމުވުމުން އެކަން ހުއްޓުވުވޭނެ ގޮތެއް ހޯދައިދިނުމަށް އެދި އިޒްރޭލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިތުރު ފިޔަވަޅު އަޅައިދިނުމަށް އެދި ދެކުނު އެފްރިކާއިން އަނެއްކާވެސް ހުށަހަޅައިފި އެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބުނެ އެކަން ހުއްޓުވައިދޭން އެދި އައިސީޖޭ އަށް ދެކުނު އެފްރިކާއިން ވަނީ މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ތެރެއިން އެދުނު ވަގުތީ އަމުރުގައި އައިސީޖޭ އިން މީގެ ކުރިން ވަނީ އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލަކަށް ވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ވަގުތުން ތަނަވަސްކޮށްދޭން ވެސް އަމުރުކުރި އެވެ.

މި އަމުރަށް ފަހު ވެސް އިޒްރޭލުގެ އަމަލުތައް ބަދަލު ނުކޮށް ކުރިއަށް ގެންދާތީ އިތުރު ފިޔަވަޅު އަޅައިދޭން ދެކުނު އެފްރިކާއިން އައިސީޖޭގައި އެދުނަސް މިދިޔަ މަހު އެ ކޯޓުން ނިންމީ ކުރީގެ އަމުރުގައި ހުރި ކަންކަމުގެ އިތުރަށް، ހާއްސަ ހާލަތެއް ކަމަށް ބަލައި އިތުރު ކަމަކަށް އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ދެކުނު އެފްރިކާއިން ބުނީ ޣައްޒާގެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށާއި އާ ހެކިތަކާ އެކު އަލުން ކޯޓަށް ދާން ޖެހޭތީ ކަންބޮޑުވާ ކަމަށެވެ. އެ ގައުމުގެ ވަކީލުން ވިދާޅުވީ ޣައްޒާ އޮތީ ބަނޑަށް ޖެހިފައި ކަމަށެވެ.

ފަލަސްތީނުގެ ކުޑަކުއްޖަކު، އެހީގެ ޓްރަކަކުން ލިބުނު ކާތަކެތި ހިފައިގެން: ދެކުނު އެފްރިކާއިން ބުނީ ފަލަސްތީނުގެ ކުޑަކުދިން ބަނޑަށް މަރުވަމުން ދަނީ ސީދާ އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން ކަމަށް ވާތީ ވަގުތުން ހަމަލާތައް ހުއްޓުވަން ޖެހޭ ކަމަށް. -- ފޮޓޯ: އޭއެފްޕީ

އދ.ގެ އިދާރާތަކާ ހަވާލާދީ ދެކުނު އެފްރިކާއިން ބުނީ މިއީ ފަލަސްތީނު ރައްޔިތުން ހައިހޫނުކަމުގައި މަރުވެ ދިއުމުން ސަލާމަތްކޮށްދޭން އައިސީޖޭ އަށް ލިބޭނެ ފަހު ފުރުސަތު ކަމަށް ވެދާނެ ކަމަށެވެ.

ޣައްޒާއަށް ކެނޑިނޭޅި ހަމަލާދެމުން ގެންދާއިރު އާންމުންނަށް ބޭނުންވާ ކާނާ އާއި ބޭސް ފަދަ ތަކެތި ފޯރުކޮށްދިނުމަށް އިޒްރޭލު ސިފައިންނާއި އިޒްރޭލުގެ އާންމުން ވެސް ގެންދަނީ ހުރަސްއަޅަމުންނެވެ. ކާބޯތަކެތި ލިބުން ދަތިވެ ހައިހޫނުކަމުގައި އެތައް ލައްކަ ބަޔަކު ތިބެން ޖެހިފައި ވާތީ، ޣައްޒާގެ ބައެއް ހިސާބުތަކަށް އެހީގެ ސާމާނު ގެންދެވޭ ފަހަރަކު ވެސް އެ ތަކެތި ލޫޓުވުމާ އެކު ހަމަނުޖެހުންތައް ހިނގާ ހިސާބަށް ކަންތައް ވަނީ ގޮސްފަ އެވެ.

"ފަލަސްތީނުގެ ކުޑަކުދިން ބަނޑަށް މަރުވަމުން ދަނީ އިޒްރޭލުން ގަސްތުގައި ދަތިކޮށް ހުރަސްއަޅަމުން ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން،" ދެކުނު އެފްރިކާއިން ބުންޏެވެ.

ދޭދޭ ގައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި އައިސީޖޭ އިން ނިންމާ ނިންމުންތަކަށް އަމަލުކުރުން ލާޒިމް ވިޔަސް އެކަން ތަންފީޒުކުރުމުގައި އައިސީޖޭގެ ބާރު ކުޑަ އެވެ. އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން އައިސީޖޭ އިން އަމުރުކުރި ކަމުގައި ވިޔަސް އިޒްރޭލުން މިހާތަނަށް އަމަލުތައް ބަހައްޓާ ގޮތަށް ބަލާއިރު އިޒްރޭލުން އަމުރަށް ތަބާވާނެ ކަމަކަށް ނުބެލެވެ އެވެ.

މާޗް، 2022 ގައި ރަޝިޔާއިން ޔުކްރެއިންގެ ހަމަލާތައް ހުއްޓާލަން ވެސް އައިސީޖޭ އިން އަމުރުކުރި އެވެ. އެކަމަކު އަދިވެސް ހަމަލާތައް ދަނީ ކުރިއަށެވެ. --އޭއެފްޕީ