Roadha Mihaaru
އިޒްރޭލާ ދެކޮޅަށް އައިސީޖޭއިން އިތުރު އަމުރެއް ނުނެރުނު

އިޒްރޭލާ ދެކޮޅަށް އައިސީޖޭ އިން އިތުރު އަމުރެއް ނުނެރުނު

18 ފެބުރުއަރީ 2024

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ މައްސަލައިގައި، އދ.ގެ އެންމެ މަތީ ކޯޓު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިޒްރޭލާ ދެކޮޅަށް ކުރިން ނެރުނު އަމުރަށް އިޒްރޭލުން ތަބާވާންޖެހޭނެ ކަމަށާއި އެހެންވެ އިތުރު އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ މައްސަލައިގައި، އދ.ގެ އެންމެ މަތީ ކޯޓު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިޒްރޭލާ ދެކޮޅަށް ކުރިން ނެރުނު އަމުރަށް އިޒްރޭލުން ތަބާވާންޖެހޭނެ ކަމަށާއި އެހެންވެ އިތުރު އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.

ޣައްޒާގައި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތަކެއް އިޒްރޭލުން ހިންގަމުންދާ ކަމަށް ބުނެ ހަމަލާތައް ހުއްޓާލަން އަމުރުކޮށްދިނުމަށް އެދި ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި މިދިޔަ މަހުގެ 26 ގައި އައިސީޖޭ އިން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެއީ ނަސްލު ނައްތާލުން ކަމަށް ވެދާނެ އެއްވެސް އަމަލެއް ނުހިންގުމަށާއި އިންސާނީ އެހީއަށް ފުރުސަތު ދިނުން ފަދަ އެތައް ކަމަކަށް ކޮށްފައި އޮތް އަމުރެކެވެ.

އެކަމަކު މި އަމުރު އޮއްވައި، ޣައްޒާގެ 2.4 މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ހިމާޔަތް ހޯދަމުން ގެންދާ ރަފަހް އަށް އަރަން އިޒްރޭލުން އުޅޭތީ އެކަން ހުއްޓުވައިދޭން ދެކުނު އެފްރިކާއިން އަނެއްކާވެސް އިތުރު އަމުރަކަށް އެދި އަންގާރަ ދުވަހު ހުށަހެޅީ އެވެ. އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވަން އިތުރަށް ބާރު އެޅުމުގެ އަވަސް އަމުރަކަށް އަންގާރަ ދުވަހު އެދުމުން ހުކުރު ދުވަހު އައިސީޖޭ އިން ބުނީ ރަފަހް އަށް އެރުމަކީ ހާލަތު އިތުރަށް ގޯސްވާނެ ކަމަކަށް ވާނެ ކަމަށާއި އެކަމަކު އެއީ އިތުރު އަމުރެއް މިކަމުގައި ނެރެންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ޖިނޮސައިޑް ކޮންވެންޝަންގެ ދަށުން އިޒްރޭލަށް ލާޒިމްވާ ކަންކަން ކުރަން ޖެހޭނެ ކަމަށާއި ކުރިން ނެރުނު އަމުރަށް ވެސް ތަބާވާން ޖެހޭނެ ކަމަށް އައިސީޖޭ އިން ބުންޏެވެ.

އާ އަމުރެއް ނެރެދެވެން ނެތް ކަމަށް އައިސީޖޭ އިން ނިންމި ނަމަވެސް ދެކުނު އެފްރިކާއިން ވަނީ ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. އެ ގައުމުން ބުނީ ފަލަސްތީނުގެ ހާލަތު އައިސީޖޭ އިން ގަބޫލުކުރާ ކަމަށާއި އިޒްރޭލުގެ އަމަލުތައް ހުރީ ރަނގަޅަށް ނޫން ކަމަށް ކޯޓުގެ ނިންމުމުން އެނގޭ ކަމަށެވެ. --އޭއެފްޕީ