Roadha Mihaaru
ޔޫއޭއީ، ތައިލޭންޑަށް ބޭހަށް ފޮނުވޭނެ ދުވަހެއް ނޭނގޭ!

ބޭހަށް ތައިލެންޑާއި ޔޫއޭއީ އަށް ފޮނުވަން ފަށާނެ ދުވަހެއް އަދި ނޭނގޭ!

27 މާޗް 2024

އާސަންދަ ހިދުމަތުގެ ދަށުން ބޭސްފަރުވާ ހޯދުމަށް ތައިލެންޑާއި ޔޫއޭއީ އަށް ބަލި މީހުން ފޮނުވާނީ ކޮން އިރަކުންތޯ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތަކުރާރުކޮށް އެއްސެވުމުން ވެސް، ސޯޝަލް އަދި ފެމިލީ މިނިސްޓަރު އާއިޝަތު ޝިހާމް އެ ސުވާލަަށް ޖަވާބެއް ނުދެއްވި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އާސަންދަ ހިދުމަތުގެ ދަށުން ބޭސްފަރުވާ ހޯދުމަށް ތައިލެންޑާއި ޔޫއޭއީ އަށް ބަލި މީހުން ފޮނުވާނީ ކޮން އިރަކުންތޯ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތަކުރާރުކޮށް އެއްސެވުމުން ވެސް، ސޯޝަލް އަދި ފެމިލީ މިނިސްޓަރު އާއިޝަތު ޝިހާމް އެ ސުވާލަަށް ޖަވާބެއް ނުދެއްވި އެވެ.

އާސަންދަ ހިދުމަތް ފުޅާކުރައްވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރެއްވީ ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. ސަރުކާރުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމު، އާސަންދައަކީ "ހަމައެކަނި ވަކި ދިމާއެއްގައި" އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިދުމަތް ފުޅާކުރައްވަން ރައީސް ނިންމެވީ ޔޫއޭއީ އަދި ތައިލޭންޑަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ މި ނިންމުމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މިނިސްޓަރު އާއިޝަތު ޝިހާމް ވަނީ ހާޒިރުކޮށްފަ އެވެ. ގިނަ މެންބަރުން ވަނީ މި ހިދުމަތް ދެވެން ފެށޭނެ ދުވަހަކާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ދެއްވައިފައެއް ނުވެ އެވެ. އައިޝަތު ޝިހާމް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ދެން ބަދަލު ކުރަން ނުޖެހޭނެ ފަދަ ސަސްޓެއިނަބަލް ނިޒާމެއް ގާއިމް ކުރުމަށް ކަމަށެވެ. ވީ އެންމެ އަވަހަކަށް އެ ތަފްސީލްތައް އާންމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކުރެވެމުން އަންނަނީ މި ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަން ޖެހޭ ދިރާސާތަކުގެ މަސައްކަތެވެ.

ތަކުރާރުކޮށް އެކި މެންބަރުން އެ ސުވާލު ކުރުމުން ވެސް މިނިސްޓަރު ދެއްވާފައިވަނީ އެ ޖަވާބެވެ.

ވަކި ތާރީހެއް ވިދާޅުނުވިނަމަވެސް، ހިދުމަތް މިހާރު ލިބެމުން އަންނަ ގޮތަށް އެއަށް ވުރެ ރަނގަޅު ފެންވަރުގައި ހިދުމަތް ލިބޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.