Roadha Mihaaru
ޕްރައިވެޓް ހޮސްޕިޓަލުތަކަށް އާސަންދަ ޕެކޭޖްތަކެއް ހަދަނީ

ޕްރައިވެޓް ހޮސްޕިޓަލުތަކުގެ ހިދުމަތުގެ އަގު ބޮޑު، ޕެކޭޖްތަކެއް ތައާރަފުކުރަން މަޝްވަރާކުރަނީ

12 އޯގަސްޓް 2024

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުން ދޭ ހިދުމަތުގެ އަގު ބޮޑު ކަމަށާއި އެކަން ހައްލުކުރުމަށް ޕެކޭޖުތަކެއް ހަދައި، އޭގެ ތެރެއިން އާސަންދަ ދެވޭނެ ގޮތްތަކެއް ތައާރަފުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުން ދޭ ހިދުމަތުގެ އަގު ބޮޑު ކަމަށާއި އެކަން ހައްލުކުރުމަށް ޕެކޭޖުތަކެއް ހަދައި، އޭގެ ތެރެއިން އާސަންދަ ދެވޭނެ ގޮތްތަކެއް ތައާރަފުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ޒީނިޔާ އެހެން ވިދާޅުވީ، އަމިއްލަ ހޮސްޕިޓަލުތަކުން ހިތުހުރި އަގެއް ބިލް ކުރަމުން ދާއިރު، އެކަން ރިވައިޒް ކުރުމަށް އެއްވެސް މަސައްކަތެއް ކުރެވޭތޯ އެ ކޮމިޓީގެ މުގައްރަރު އަދި މާފަންނު މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދު ސުވާލު ކުރެއްވުމުންނެވެ.

"ނިކަމެއްޗަކު އެ ތަނަށް ވަނީމާ އެ މީހާ އަށް އެ ވަރުގެ ބޮޑު ބިލެއް އައީމާ، އޭނާ އަށް އެ ނުދެއްކުނީމާ އާސަންދަ އާއި އެންސްޕާ އަށް ފޮނުވާނީ. އާސަންދަ އާއި އެންސްޕާ އަށް ވެސް ވާނީ ވަކި ވަރެއް،" ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަނުން ނަގަމުންދާ އަގާ މެދު ހިތްހަމަޖެހިވަޑައިނުގެން އަސްމާ ވިދާޅުވި އެވެ.

އަސްމާގެ އެ ވާހަކަތަކާ ގުޅިގެން އާސަންދަ ކުންފުނީގެ އެމްޑީ ޒީނިޔާ ވިދާޅުވީ، އެކަމުގެ ކަންބޮޑުވުން މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވެސް ގުޅުއްވައި ހިއްސާ ކުރެއްވި ކަމަށެވެ. އެހެންވެ، މިނިސްޓަރުގެ ލަފާގެ މަތިން މިހާރު މަސައްކަތްތަކެއް ކުރައްވާ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރައިވެޓް ހޮސްޕިޓަލްތަކުން ދީފައިވާ ޕްރޮސީޖާ ކޮސްޓް ބޮޑެއް ނޫނެވެ. އެކަމަކު، ފައިނަލް ބިލް އަންނައިރު ބޮޑުވާތީ އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރައިވެޓް ސެކްޓާގައި ބޮޑުކޮށް މި ހުރީ ދެ ހޮސްޕިޓަލް. ޓްރީޓޮޕާއި އޭޑީކޭ. ފުދޭ ވަރަކަށް އަގު ބޮޑު އެ ތަންތަނުން. އަޅުގަނޑުމެންނަށް ދީފައި ހުންނަ ޕްރޮސީޖާ ކޮސްޓަކީ އެހާ ބޮޑު އަގެއް ނޫން. އެކަމަކު ލައިން އައިޓަމުން ފައިނަލް ބިލް އަންނައިރު ފައިނަލް ބިލް ބޮޑުވެގެން މިދަނީ،" ޒިނިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ދަނީ ފެކޭޖް ޕްރައިސްތަކެއް ހަދަން. ޕެކޭޖް ޕްރައިސް ހަދާފައި އަޅުގަނޑުމެންނަށް އެއްބަސްވާ އަގަކަށް ނޫނީ އެ މީހުންނަށް އެކަން ނުވާ ގޮތަށް،"

ސަރުކާރުން ހިންގާ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ބަދަލުގައި އަމިއްލަ ހޮސްޕިޓަލުތަކުން މީހުންނަށް ފަރުވާ ހޯދަން ޖެހެނީ އެ ތަންތަނުގައި ކިއު ދިގުވުމާއި ޑޮކްޓަރަށް ދެއްކޭނެ ފަސޭހަ އިންތިޒާމެއް ނެތުމުން ކަމަށް ޒީނިޔާ ވިދާޅުވި އެވެ. އެހެންވެ، "ޕެކޭޖް ޕްރައިސް" އަށް އެއްބަސް ނުވާ ނަމަ އެ ހިދުމަތް ނުލިބޭނެ ކަމަށް ބުނާއިރު ރާއްޖޭގެ ސިއްހީ ދާއިރާ އޮތީ ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރައިވެޓް ސެކްޓާގައި ބޮޑުކޮށް މި ހުރީ ދެ ހޮސްޕިޓަލް. ޓްރީޓޮޕާއި އޭޑީކޭ. ފުދޭ ވަރަކަށް އަގު ބޮޑު އެ ތަންތަނުން. އަޅުގަނޑުމެންނަށް ދީފައި ހުންނަ ޕްރޮސީޖާ ކޮސްޓަކީ އެހާ ބޮޑު އަގެއް ނޫން. އެކަމަކު ލައިން އައިޓަމުން ފައިނަލް ބިލް އަންނައިރު ފައިނަލް ބިލް ބޮޑުވެގެން މިދަނީ،"--- ޒީނިޔާ

"މިހާރު ގިނަ މީހުން އަވަހަށް ދައްކާލަން، އަވަހަށް ސާޖަރީ ހަދާލަން މިދަނީ ޕްރައިވެޓް ސެކްޓާ އަށް. އަނެއްކާ ރަށްރަށުން އަންނަ މީހުންނަށް ވެސް ބޮޑު ގޮންޖެހުމަކަށް ވޭ ތިބުމާއި ކެއުމުގެ ކަންކަމަށް. އެހެންވީމާ އަވަހަށް ދައްކާލެވޭނެ ގޮތަކަށް [ސިއްހީ ހިދުމަތް] ހޯދަނީ. ވަރަށް ބައިވަރު ލޫޕްހޯލްސް އެބަހުރި އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ،"

ޒީނިޔާ ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ދިވެހިންނަށް ސިއްހީ ހިދުމަތް އަގު ބޮޑުކޮށް ދޭ ތަންތަނާ އެކު، އަގު ހެޔޮކުރުމުގެ މަޝްވަރާ ވެސް ކުރިއަށް އެބަދެ އެވެ.

އެ މައްސަލާގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވެސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނުގެ އަގު ވަރަށް ބޮޑު ކަމަށާއި އޭގެ ބުރަ އެންސްޕާ އަށް އުފުލަން ޖެހިފައިވާ ކަމަށެވެ.

ހީނާ ވިދާޅުވި ގޮތުގައި ނިއުރޯ ސާޖަރީ ފަދަ ބޮޑެތި ސާޖަރީތައް ކުރަނީ ޕްރައިވެޓް ހޮސްޕިޓަލުތަކުން އެކަންޏެވެ. ސަރުކާރުގެ ހޮސްޕިޓަލުތަކުގައި އެފަދަ ހިދުމަތްތައް ލިބެން ނެތް ނަމަ ހަރަދު ކުޑަނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ، ރާއްޖޭގެ ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅު ކުރެވިގެން ނޫން ގޮތަކަށް އާސަންދަ އާއި އެންސްޕާގެ ހަރަދުތައް ކުޑަނުވާނެ ކަމަށް ހީނާ ވިދާޅުވެ އެވެ.

މިދިޔަ ޖޫން މަހުގެ ނިޔަލަށް އާސަންދައިން 1.7 ބިލިއަން ހަރަދުކުރި އެވެ. މިދިޔަ އަހަރު ނިމުނުއިރު އާސަންދައިން 2.4 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ. މިއަހަރު ނިމޭއިރު އެ އަދަދު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.