Roadha Mihaaru
ދެވަނަ ކުއާޓަރުގައި އާސަންދައިން 823މިލިއަން ހޭދަކުރި

އާސަންދައިން ކުރި ހަރަދު އިތުރުވެއްޖެ، ތިން މަސް ތެރޭގައި 823 މިލިއަން ރުފިޔާ!

08 އޯގަސްޓް 2024

ދައުލަތުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް އާސަންދައިން މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި 823 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް އާސަންދައިން މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި 823 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ކުންފުނިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި އަހަރު އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އާސަންދަ ސްކީމުގެ ދަށުން 823 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި ހަރަދު ވެފައި ވަނީ 738 މިލިއަން ރުފިޔާ އެވެ. އެހެންވެ މިއީ 11.5 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، މި އަހަރުގެ ދެ ވަނަ ކުއާޓާގައި އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ހޯދި މީހުންގެ އަދަދު ވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރެވެ.

އާސަންދަ މެދުވެރިިކޮށް މިދިޔަ އަހަރުގެ އެ މުއްދަތުގައި ހިދުމަތް ހޯދީ 260،725 މީހުންނެވެ. އެކަމަކު، މި އަހަރުގެ އޭޕްރީލް އިން މޭ މަހުގެ ނިޔަލަށް 265،059 މީހުން އާސަންދަ މެދުވެރިކޮށް ބޭސްފަރުވާގެ ހިދުމަތް ހޯދި އެވެ.

މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން 1،232 ފަހަރަށް ބަލި މީހުން އިމަޖެންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށާއި 2،807 ބަލި މީހުން އެ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.