Roadha Mihaaru
ކޮވިޑް ޓެސްޓް ހަދަން އަމިއްލަ ތަންތަނަށް އާސަންދަ

ކޮވިޑް ޓެސްޓް ހަދަން އަމިއްލަ ތަންތަނަށް އާސަންދަ ދޭން ފަށައިފި

02 މެއި 2023

ކޮވިޑް-19 އަށް ޓެސްޓްކުރަން ޕީސީއާރު ހެދުމަށް އަމިއްލަ ކްލިނިކުތަކާއި ލެބްތަކަށް އާސަންދަ ދޭން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އަށް ޓެސްޓްކުރަން ޕީސީއާރު ހެދުމަށް އަމިއްލަ ކްލިނިކުތަކާއި ލެބްތަކަށް އާސަންދަ ދޭން ފަށައިފި އެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރު އާސިޔާ ސޯލިހު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި، އާސަންދައިގެ ދަށުން ޕީސީއާރު ހަދަން ބޭނުންވެގެން އަމިއްލަ ތަންތަނުން އެކަމަށް "ރިކުއެސްޓް" ކުރުމުން މިހާރު އެ ހުއްދަ ދެ އެވެ.

"ވަރަށް ފަހުން ބޭއްވި އާސަންދަ ކޮމެޓީގެ މީޓިންއެއްގައި އެގޮތަށް ނިންމާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

އިތުރު ތަފުސީލެއް ނުލިބެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، މިހާތަނަށް އެ ހުއްދަ ދީފައި ވަނީ މެޑްލެބް އަށް އެކަންޏެވެ. އާސަންދައިގެ ދަށުން އެތަނުން ޕީސީއާރު ހެދެނީ ޑޮކްޓަރަށް ދައްކައި، ރިފަރެންސް ލެޓާއެއް ގެންގޮސްފި ނަމަ އެވެ.

މީގެ ކުރިން ކޮވިޑް ޓެސްޓް ހަދަން އާސަންދަ ދިނީ ހަމައެކަނި ސަރުކާރު ހޮސްޕިޓަލުތަކުންނެވެ. އެކަމަކު އަމިއްލަ ބޭނުންވެގެން ހަދާ ނަމަ އާސަންދަ ނުލިބެ އެވެ. އާސަންދަ ދެނީ ޑޮކްޓަރުގެ ރިފަރެންސް ލެޓާ އޮންނަ ނަމަ އެވެ.

އަމިއްލަ ކްލިނިކުތަކަށް އެ ހުއްދަ ދޭން އާސަންދަ އިން ނިންމިއިރު، އެ ކުންފުނިން މި އަހަރަށް ބެޖެޓްކުރި ފައިސާގެ 75 ޕަސެންޓް މިހާރު ވަނީ ހުސްވެފަ އެވެ. އާސަންދަ ދިނުމަށް މި އަހަރުގެ ބަޖެޓުގައި ކަނޑައެޅީ 1.04 ބިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އެ ބަޖެޓުން މިހާތަނަށް 783.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އާސަންދައިގެ ނާޖާއިޒު ފައިދާ ބޭރުގެ ހޮސްޕިޓަލްތަކުން ނަގައި މުއްސަނދިވަމުން ދާ ކަމަށް ބުނެ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ވެސް އެ ކުންފުންޏަށް އަމާޒުވެފައިވެ އެވެ. އަނެއްކޮޅުން، ރާއްޖެއިން ލިބެން ހުންނަ ފަރުވާތަކާ އެކު ވެސް ބޭރަށް ފޮނުވުމާއެކު، އެ ހުރިހާ ފަސޭހަކޮށްދެނީ އާސަންދައާ ގުޅިގެން ކަމުގެ ތުހުމަތު ބޮޑެވެ.