21 މާޗް 2024
ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރި ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔު ބަންދުން ދޫކުރަން ނެރުނު އަމުރު ބާތިލްކޮށް، ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރެވޭ ގޮތް ސުޕްރީމް ކޯޓުން މިއަދު ހަރުކަށިކޮށްފި އެވެ.
ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރި ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔު ބަންދުން ދޫކުރަން ނެރުނު އަމުރު ބާތިލްކޮށް، ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރެވޭ ގޮތް ސުޕްރީމް ކޯޓުން މިއަދު ހަރުކަށިކޮށްފި އެވެ.
ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސް މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ އިރުފާން ތަގިއްޔުއަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާއިރު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ދެ ފަހަރަކު އަމުރުކުރިިއިރު، އޭގެ ތެރެއިން އެންމެ ފަހުން ނެރުނު އަމުރަށް ހައި ކޯޓުން ވެސް ތާއިދުކޮށް އިރުފާން ބަންދުން ދޫކޮށްފައިވަނީ ރަނގަޅަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކުރުމުން މިއަދު އިއްވި ހުކުމްގައި ވަނީ އިރުފާން ތަގިއްޔު ރިމާންޑް ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ވެސް ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ހުކުމްގައި ބުނީ ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހާގެ ރިމާންޑް ބަންދު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތިން މުރާޖައާކުރުމުގައި ވެސް ފަނޑިޔާރު ތަތުބީގުކުރަންވާނީ މީގެކުރިން ސުޕްރީމް ކޯޓުން ބެލި ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ ހަމަތަކަށް ކަމަށެވެ.
އޭގެ މާނައަކީ ހުކުމްގައިވާ ގޮތުން، ފަނޑިޔާރު ރިމާންޑް ބަންދުކުރުމުގައި ވެސް ބަލަންވާނީ ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ހަތަރު ހާލަތުންކުރެ ހާލަތެއް އޮތްތޯ ނުވަތަ ނެތް ތޯ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް އޮތްކަން ޕްރޮސިކިއުޝަނުން ދައްކައިދޭންވާނީ އެފަދަ ހާލަތެއް ވުޖޫދުވެ އޮތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ މިންވަރަށެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުން ކަނޑައަޅާފައިވާ ތަރަހައިގެ ބޭރުން އޭނާގެ މައްޗަށް ދައުވާކުރެވި ހިނގަމުންދާ އަސްލު މައްސަލައިގެ ޝަރީއަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާކަން ކަމަށް ރިއާޔަތްކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅި އެވެ.
އެގޮތަށް އެކަމަށް ރިއާޔަތްކުރެވި މުއްތަހަމް ރިމާންޑް ބަންދުން ދޫކޮށްލާ އަމުރުގައި އޭނާ ބަންދުން ދޫކޮށްލާ ސަބަބު ބަޔާންކުރުމުގެ ތެރޭގައި ޝަރީއަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ހެކިތަކާ މެދު ބަހުސްކޮށް އެ ހެކިތަކުން ޝަރިއަތްކުރާ ދޭހަވާ ގޮތާއި ހެކިތަކުގެ ބުރަދަން ހާމަކުރުމުން، ޝަރިއަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ހުކުން އަންނާނެ ގޮތް އެނގި އަސްލު މައްސަލައިގެ ހުކުމުގެ މުއާލާތްކެނޑި ޝަރީއަތުގައި އޮންނަ މައްސަލައަށް އަސަރުކުރާނެ ކަމަށް ހުކުމްގައިވެ އެވެ.
"މިއީ މިކަން ވެގެންވާނެ ގޮތެއް ނޫނެވެ. ޝަރީއަތް ކޮށް މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން އެ ހެކިތަކާ މެދު ފަނޑިޔާރަށް ފެންނަ ގޮތް ހާމަކޮށްގެން ނުވާނެއެވެ،" ހުކުމްގައިވެ އެވެ.
"...މިގޮތަށް މިކަން ކޮށް އެ ހެކިތައް އިސްތިއުނާފީ ކޯޓުތަކުން ވަޒަންކޮށް އެހެހެކިތަކުގެ މައްޗަށް ބުރަވެގެން އިސްތިއުނާފީ ކޯޓުން ގޮތެއް ނިންމާނަމަ، އަސްލު މައްސަލައިގެ ޝަރިއަތްކުރުމުގެ މުއާލާތް ކެނޑި، މުޅި ޝަރީއަތުގެ މަރުހަލާ ފާސިދުވެ، ތަޣައްޔަރުވާނެއެވެ."
އެހެންކަމުން، ރިމާންޑް ބަންދު މުރާޖައާ ކުރުމުގައި އަސްލު މައްސަލައިގެ ޝަރިއަތުގައި ހިނގާ އެއްވެސް ކަމަކަށް ފަނޑިޔާރު ރިއާޔަތް ނުކޮށް، ރިމާންޑް ބަންދު މުރާޖައާކުރުމުގައި ފަނޑިޔާރު ބަލަންވާނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯ ކަމަށް ހުކުމްގައި ބުންޏެވެ.
- އެންމެ ފުރަތަމަ ރިމާންޑް ބަންދާ މެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު އެހީ ހޯދި ވަސީލްތަކުގެ ބޭނުންކޮށްގެން، ފުރަތަމަ ރިމާންޑް ބަންދުގެ އަމުރު ދީފައިވަނީ ހެއްކަށް ނުފޫޒުފޯރުވާފާނެ ނުވަތަ ހެކި ނައްތާލުމުގެ ބިރު އޮތުމުން ކަމަށްވާ ނަމަ، އެކަން ފިލައިގެން ހިނގައްޖެތޯ ފުލުހުންނާއި ޕްރޮސިކިއުޝަނުން ސާފުކުރެވިދާނެ އެވެ.
- ފުރަތަމަ ރިމާންޑް ބަންދުގެ އަމުރު ދީފައިވަނީ މުއްތަހަމު ފިލާފާނެ ކަމަށް ބެލެވިގެން ކަމަށްވާ ނަމަ، އެކަން ފިލައިގެން ހިނގައްޖެތޯ ފުލުހުންނާއި ޕްރޮސިކިއުޝަނުން ސާފުކުރެވިދާނެ އެވެ.
- ފުރަތަމަ ރިމާންޑް ބަންދުގެ އަމުރު ދީފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުމުން ކަމަށްވާނަމަ، އެކަން އަމުރު މުރާޖައާކުރާ ވަގުތު އޮތް ގޮތެއް ފުލުހުންނާއި ޕްރޮސިކިއުޝަން ކުރެން ސާފުކުރެވިދާނެ އެވެ.
- ފުރަތަމަ ރިމާންޑް ބަންދުގެ އަމުރު ދީފައިވަނީ އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވިގެން ކަމަށްވާނަމަ، އެކަން އަމުރު މުރާޖައާކުރާ ވަގުތު އޮތް ގޮތެއް ފުލުހުންނާއި ޕްރޮސިކިއުޝަން ކުރެން ސާފުކުރެވިދާނެ އެވެ.
- ބަންދުގައި ބަހައްޓަންޖެހޭ އެހެން ސަބަބެއް ނެތް ހާލަތެއްގައި، ހާޒިރުވާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އެކަށީގެންވާ އަދަދެއްގެ ފައިސާ ކޯޓުގައި ޑިޕޮޒިޓްކުރުމުންވެސް އެމީހަކު ޝަރުތުތަކާ އެކު ބަންދުން ދޫކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ.
ސުޕްރީމް ކޯޓުގެ މި ހުކުމްގައި ސުވާލު އުފެއްދި ކަމަކީ ބަންދުގެ މުއްދަތު މުރާޖައާ ކުރާއިރު، އެ މީހަކީ އެ މީހެއްގެ ފުށުން މުޖުތަމައުއަށް ނުރައްކަލެއް އަދިވެސް އޮތްތޯ ބެލުމުގައި، ޝަރިއަތުގައި ހިނގާ އަސްލު މައްސލައިގައި ހުށަހެޅެމުންދާ ހެކި ތަކުގެ ސަބަބުން ނިއުޅެމުން ހާމަވަމުންދާ ހަގީގަތްތަކުގެ މައްޗަށް އެއްވެސް މިންވަރަކަށް ރިއާޔަތްކުރަންވާނެތޯ ކަމާ މެދު އެވެ. އަދި ރިއާޔަތްކުރެވިދާނެ ކަމަށްވާނަމަ، ރިއާޔަތްކުރާނީ ކިހާ މިންވަރަކަށްތޯކަމާ މެދު ހުކުމްގައި ވަނީ ގޮތް ކަނޑައަޅާފަ އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހުކުމް އިއްވަވަނީ-
ހުކުމްގައި ބުނީ ރިމާންޑް ބަންދުގެ މުއްދަތު 30 ދުވަހުން 30 ދުވަހުން މުރާޖައާ ކުރުމުގެ ބޭނުމަކީ ބަންދުގައި ދައުވާލިބޭ ފަރާތްތައް އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ވަންދެން ބަންދުގައި ނުތިބޭނެ އުސޫލެއް ގާއިމުކުރުން ކަމަށެވެ. ރިމާންޑް ބަންދުގައި ދިގުމުއްދަތެއް ހޭދަވެފައިވާ މީސްމީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް އެ މައްސަލައިގައި އަވަހަށް ހުކުމްކުރުމަކީ އޭގެ އެއް ހައްލު ކަމަށް ހުކުމްގައިވެ އެވެ.
ބަންދުގައި ދިގު މުއްދަތެއް ހޭދަވި ނަމަވެސް މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫން ކަމަށާއި އަދި ބަލި ހާލަތު ހުރި ގޮތުން ނުވަތަ އެ ނޫންވެސް އެފަދަ ސަބަބަކާހުރެ މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ވެސް ގާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫން ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
"މިހާރު ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތް ގޮތުން، ރިމާންޑް ބަންދުގައި ގިނަ އަދަދެއްގެ މީހުން ތިބެންޖެހޭ މައްސަލަތައް ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރިއަތުގެ މަރުހަލާ އަވަސް ކުރުމެވެ. ޝަރިއަތުގެ މަރުހަލާ އަވަސްކުރެވެން އޮތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ޝަރިއަތްކުރާނޭ އެކަން ކުރުމަށް އެކަށޭނަ މިންވަރަކަށް އިމާރާތާއި މުވައްޒަފުން ވީހާ އަވަހަކަށް ޝަރުއީ ދާއިރާއަށް ހޯދައި ދިނުމެވެ،" ހުކުމްގައިވެ އެވެ.
"އެފަދަ ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައި ނުދީ، ޝަރިއަތްތައް އަވަސްކުރަން ނުވަތަ ރިމާންޑް ބަންދުގައި ތިބޭމީހުންގެ އަދަދު މަދުކުރަން އުއުމީދުކުރާ ކުރުމަކީ ކަނޑުގައި ރޮނގު އެޅުން ނުވަތަ ބިންމަތީގައި ހުރެގެން ހަނދުވަރުދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުންފަދަ ކަމެކެވެ."
އަރުޝަދު ހާޒިރުކުރަން ނެރުނު އަމުރު ގޯސް
އަރުޝަދު ބުނަނީ ބަންދުން ދޫކޮށްލުމުގައި ގޯހެއް ނެތޭ
ޑްރަގްގެ ގާނޫނާއި ގޭންގް ކުށްތަކުގެ ބިލެއް މަޖިލީހަށް
ކަނޑުމަގުން ގެނައި ކިލޯއެއްގެ ޑްރަގު އަތުލައިގެންފި
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ބެންކޮކުގައި ޑްރަގް ޓްރެފިކިން ތުހުމަތު ދިވެއްސަކަށް
ކަނޑުމަގުން ގެނައި 3.3 ކިލޯގެ ޑްރަގް އަތުލައިގެންފި
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރު