Roadha Mihaaru
ފްލެޓް ލިސްޓު ބާތިލްކުރުމުގެ ވިސްނުމެއް ނެތް

ފްލެޓް ލިސްޓު އެއްކޮށް ބާތިލްކުރުމުގެ ވިސްނުމެއް ރައީސްގެ ނެތް، ވިދާޅުވީ ގޯސް ހެދި މީހުން އުނިވެދާނެ ކަމަށް

21 މާޗް 2024

ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައަޅައި އާންމުކޮށްފައިވާ ލިސްޓް އެއްކޮށް ބާތިލް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައަޅައި އާންމުކޮށްފައިވާ ލިސްޓް އެއްކޮށް ބާތިލް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މީޑިއާ އަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި "މިހާރު" ގެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބޭނުންފުޅުވަނީ ފްލެޓް ލިސްޓްގައިވާ އެންމެންނަށް ވެސް އެ ފްލެޓްތައް ދިނުމަށެވެ. ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ލިސްޓުން ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"...ދެން އަޅުގަނޑުމެން މި ހެދި ގޮތަކީ ކޮމިޓީއެއް ހެދީ އަދި އެ ކޮމިޓީއަށް ފާރަވެރިވާން ސިޓީ ކައުންސިލުން ފާސްކޮށްގެން ވެސް އެބައޮތް ކޮމިޓީއެއް. މި ދެ ކޮމިޓީން ލިސްޓް ބަލަން އަޅުގަނޑު ހަވާލުކޮށްގެން މި އުޅެނީ. އަވަހަށް ބަލަން،" ރައީސް ވިދާޅުވި އެވެ.

"ބަލާފައި އޭސީސީ އިން އަދި ނޫނެކޭ ބުންޏަަސް އެ ވެސް ހަމަ ރަނގަޅަށް ނުބެލި އޮވެދާނެއޭ. އެހެންވީމާ ޕްރެސެސް އަވަހަށް ނިންމާފައި އަޅުގަނޑު ބޭނުންވަނީ އެންމެންނަށް ވެސް ލިބެން."

ރައީސް ވިދާޅުވީ ފްލެޓް ލިސްޓް އެއްކޮށް ބާތިލް ކުރަން ޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އޭގެ ތެރޭގައި ރަނގަޅަށް ފްލެޓް ހޯދާފައިވާ މީހުން ވެސް އެބަތިބި ކަމަށެވެ. ލިސްޓުން އުނިވިޔަސް އުނިވާނީ ގަސްދުގައި ގޯސް ގޮތަކަށް ފްލެޓް ހޯދާފައިވާ މީހުން ކަމަށާއި އެ މީހުން އުނިކޮށް، ދެން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ މީހުން ލިސްޓަށް އަރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފަހި ދިރިއުޅުން ކުންފުނިން ހުޅުމާލޭގައި ހަދަމުންދާ ފްލެޓްތައް: ފްލެޓް ލިސްޓް އެއްކޮށް ބާތިލް ނުކުރާނެ ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: މިހާރު

ފަހި ދިރިއުޅުން ކުންފުނިން ހުޅުމާލޭގައި ހަދަމުންދާ ފްލެޓްތައް: ފްލެޓް ލިސްޓް އެއްކޮށް ބާތިލް ނުކުރާނެ ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: މިހާރު

އެ މަނިކުފާނުގެ އުއްމީދަކީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓް އެ އެންމެންނަށް ވެސް ލިބުން ކަމަށް ވިދާޅުވި އެވެ. ވިދާޅުވީ، މިހާރު ހިނގަމުންދާ މަރުހަލާ ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ވަރަށް އެބަ ބާރު އަޅަން އެ އެންމެންނަށް އެކަން ވާނެ ގޮތަށް ކަން ވޭތޯ. އެކަމަކު ގަސްދުގައި ގޯހެއް ހަދައިފައި އޮތް ނަމަ އަބަދުވެސް އެ އޮންނަ އުސޫލު އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފްލެޓް ހޯދާފައިވަނީ ގަސްދުގައި މަކަރާއި ދޮގާއި އޮޅުވާލައިގެން ކަމަށް ވާ ނަމަ އެ މީހަކަށް ފްލެޓެއް ނުލިބޭނެ ކަމަށެވެ. އެއީ ހަމައެކަނި މިހާރު އެކަން އޮންނަ ގޮތް ނޫން ކަމަށާއި ކުރިން ވެސް އެގޮތަށް މަކަރު ހަދާ މީހުންނަށް ފްލެޓް ނުދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެން އެ މީހާ އަށް ވެސް ޖެހޭނީ އެހެން ޕްރޮގްރާމަކުން ގެދޮރު ހޯދައިދޭން. އަޅުގަނޑުގެ ސިޔާސަތަކީ އެގޮތަށް މަކަރު ހަދައިގެން ދޮގު ހަދައި އޮޅުވާލައިގެން ނޫނީ އެހެންވެސް ނުގަވައިދު ގޮތަކުން ފްލެޓް ހޯދާފައި އޮންނަ މީހާ އަށް ވެސް ދެން އޮންނަ ޕްރޮގްރާމަކުން ވެސް މި ފަސް އަހަރު ތެރޭ އެހެން ވެސް ރައްޔިތަކު ނުބަހައްޓާނަމޭ ފްލެޓް ނޫނީ ގޯތި ނުލިބޭ،" ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.

ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.

ރައީސް މުއިއްޒު ވަނީ ފްލެޓް ލިސްޓް ދިރާސާ ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. ކޮމެޓީގެ ޗެއާ އަކީ ކުރީގެ މިނިސްޓަރު އަނީސާ އަހްމަދެވެ. ވައިސް ޗެއާއަކީ ޑިޕްލޮމެޓިކް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަބްދުލްއަޒީޒް ޔޫސުފެވެ. އޭގެ އިތުރުން އެ ކޮމިޓީއަށް ލަފާދޭން މާލެ ސިޓީ ކައުންސިލްގެ ކޮމިޓީއެއް ވެސް ވަނީ ނަގައިފަ އެވެ.