Roadha Mihaaru
އިންޑިއާގެ ޔުނިވަސިޓީއެއްގައި ނަމާދުކުރާތީ ހަމަލާދީފި

އިންޑިއާގެ ޔުނިވަސިޓީއެއްގައި މުސްލިމް ދަރިވަރުން ތަރާވީހް ނަމާދުކުރާތީ ހަމަލާދީފި

18 މާޗް 2024

އިންޑިއާގެ ހުޅަނގު ސަރަހައްދެއްގައި ހުންނަ ގުޖަރާތު ޔުނިވަސިޓީގައި ކިޔަވާ ގައުމުން ބޭރުގެ މުސްލިމު ދަރިވަރުން ރޯދަ މަހު ތަރާވީހް ނަމާދުކުރާތީ ބަޔަކު އެތަނަށް ވަދެ ދަރިވަރުންނާއި ތަކެއްޗަށް ހަމަލާދީ ގެއްލުން ދީފި އެވެ.

އިންޑިއާގެ ހުޅަނގު ސަރަހައްދެއްގައި ހުންނަ ގުޖަރާތު ޔުނިވަސިޓީގައި ކިޔަވާ ގައުމުން ބޭރުގެ މުސްލިމު ދަރިވަރުން ރޯދަ މަހު ތަރާވީހް ނަމާދުކުރާތީ ބަޔަކު އެތަނަށް ވަދެ ދަރިވަރުންނާއި ތަކެއްޗަށް ހަމަލާދީ ގެއްލުން ދީފި އެވެ.

އިންޑިއާގެ ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި މި ހަމަނުޖެހުން ހިންގާފައިވަނީ ޔުނިވަސިޓީގައި ނަމާދު ނުކުރެވޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ މިސްކިތުގައި ކަމަށް ބުނެ އެކަމާ މެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ.

ފުލުހުން ބުނީ ހަމަލާ ދިނުމުގެ ސަބަބުން ފަސް ދަރިވަރަކު ޒަހަމްވެ ފަރުވާ ދޭން ޖެހުނު ކަމަށެވެ.

އިންޑިއާ ސަރުކާރުން ވަނީ މި މައްސަލައިގައި ގުޖަރާތު ސަރުކާރުން "ހަރުކަށި ފިޔަވަޅު" އަޅާނެ ކަމަށް ބުނެފަ އެވެ.

އަހްމަދުއާބާދު ސިޓީގެ ޕޮލިސް ކޮމިޝަނަރު ޖީއެސް މާލިކް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ދަރިވަރުން ތިބި ހޮސްޓެލްއަށް ހޮނިހިރު ދުވަހުގެ ރޭ ސައްވީހަކަށް މީހުން ވަދެގަތް ކަމަށެވެ. ދަރިވަރުން ނަމާދުކުރަން ތިބި ތަނަށް ވަދެ، ނަމާދު ކުރަން މިސްކިތަށް ދިއުމުން އެ މީހުން އަންގަމުން ދިޔަ ކަމަށާއި އެ ޒުވާބުގެ ތެރޭގައި މާރާމާރީ ވެސް ހިންގީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައިގައި ދެބަސްވުމަށް ފަހު މާރާމާރީ ހިންގައި ގާ އުކައި ހަމަނުޖެހުން ހިންގަން ފެށީ. މި ވަދެގަތް މީހުން ވަނީ ދަރިވަރުންގެ ކޮޓަރިތަކަށް ވެސް ގެއްލުން ދީފައި،" ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މައްސަލަ ބެލުމަށް ހާއްސަ ޓީމެއް ވެސް މިހާރު ނަގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އަދިވެސް އިތުރު މީހުން ހައްޔަރުކުރަން ޖެހިދާނެ ކަމަށެވެ. މުސްލިމުންނާ މެދު ތަފާތުކުރުން ބޮޑު އިންޑިއާގައި ހިނގި މި ހަމަނުޖެހުމުގެ ފަހަތުގައި ދީނީ ނުވަތަ ސިޔާސީ ޖަމާއަތެއްގެ ބަޔަކު ތިބިކަމެއް ނުވަތަ ނޫން ކަމެއް އަދި ފުލުހުން ނުބުނެ އެވެ.

ގުޖަރާތު ޔުނިވަސިޓީގައި މުސްލިމް ދަރިވަރުންނަށް ހަމަލާދިން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށުގައި.

ގުޖަރާތު ޔުނިވަސިޓީގައި މުސްލިމް ދަރިވަރުންނަށް ހަމަލާދިން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށުގައި.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި ހަމަލާ ދިން މީހުން އެކަން ކުރަމުން ދިޔައިރު ހިންދީ ދީނުގެ ޝިއާރުތައް ގޮވަމުންދެ އެވެ. އެ މީހުން ވަނީ ދަރިވަރުންނަށް ހަމަލާދިނުމުގެ އިތުރުން ދަރިވަރުންގެ ކޮޓަރިތަކާއި ވެހިކަލްތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ދީފަ އެވެ.

ހަމަލާގައި ޒަހަމްވި އަފްޣާނިސްތާނު ދަރިވަރަކު ޓައިމްސް އޮފް އިންޑިއާ އަށް ބުނެފައިވާ ގޮތުގައި ތަރާވީހް ނަމާދަށް ތިއްބާ ވަދެގަތް މީހުންގެ އަތުގައި ގަލާއި ދަގަނޑު ހޮޅި ފަދަ ތަކެތި ހުއްޓެވެ.

އަފްޣާނިސްތާނުގެ އެހެން ދަރިވަރަކު ބުނެފައިވާ ގޮތުގައި މީގެ ކުރިން ވެސް ވަނީ މިފަދަ ހާދިސާތައް ދިމާވެފަ އެވެ. އޭނާ ބުނީ ބޭރުގެ ދަރިވަރުންނަށް އިންޑިއާގައި މިހާރު ނުރައްކާ ބޮޑު ކަމަށެވެ.

ފުލުހުން ބުނީ ގުޖަރާތު ޔުނިވަސިޓީގައި ބޭރުގެ 300 ދަރިވަރަކު އުޅޭ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަފްޣާނިސްތާން، ސްރީ ލަންކާ އަދި އެފްރިކާގެ އެކި ގައުމުތަކުގެ ދަރިވަރުން ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ހަމަލާގައި ޒަހަމްވި ދަރިވަރުންނަކީ އިންޑިއާ ސަރުކާރާ ގުޅިގެން ހިންގާ ކަލްޗަރަލް ރިލޭޝަންސް ކައުންސިލްގެ ސްކޮލާޝިޕްގައި ތިބި ދަރިވަރުންނެވެ.