Roadha Mihaaru
އެފްއޭއެމުން ކެންޑިޑޭޓުންގެ ނަން ހާމަކުރަން ދެކޮޅުހަދަނީ

އެފްއޭއެމްގެ ފެންވަރު؛ ނޫސްވެރިން "އާދޭސްކުރުމުން" ވެސް ކެންޑިޑޭޓުންގެ ނަންތައް ހާމަ ނުކުރި

18 މާޗް 2024

މިދިޔަ ހޮނިހިރު ދުވަހު ކުރިމަތިލުމުގެ މުއްދަތު ހަމަވި، އެފްއޭއެމްގެ އިންތިހާބަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ނަންތައް ހާމަކޮށް ދިނުމަށް ނޫސްވެރިން އާދޭސް ކުރުމުން ވެސް އެ އެސޯސިއޭޝަނުން އެކަން ހާމަ ކުރަން ދެކޮޅު ހަދައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުރިމަތިލުމުގެ މުއްދަތު ހަމަވި، އެފްއޭއެމްގެ އިންތިހާބަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ނަންތައް ހާމަކޮށް ދިނުމަށް ނޫސްވެރިން އާދޭސް ކުރުމުން ވެސް އެ އެސޯސިއޭޝަނުން އެކަން ހާމަ ކުރަން ދެކޮޅު ހަދައިފި އެވެ.

އެފްއޭއެމްގެ މީޑިއާ ގުރޫޕްގައި، އެކި ނޫސްވެރިން ތަކުރާރުކޮށް އެ ސުވާލު ކުރި އެވެ. ގުރޫޕްގައި ސުވާލު ކުރި ނޫސްވެރިންނަށް، އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ ވަނީ ވަކިވަކިން މެސެޖްކޮށްފަ އެވެ.

އޭނާ ވިދާޅުވީ، ކެންޑިޑޭޓުންގެ ނަންތައް އެނގޭނީ އިލެކްޓޯރަލް ކޮމިޓީން، ސިޓީ އުރަތައް ކެންޑުމުން ކަމަށެވެ. އިލެކްޓޯރަލް ކޮމިޓީ އަކުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔަޔަސް، ކެންޑިޑޭޓުންގެ ފޯމު ބަލައި ގަންނާނީ އެފްއޭއެމްގެ ސެކެޓްރިއޭޓުންނެވެ. އެހެންވެ، ފޯމު ހުށަހެޅި ކޮން ފަރާތަކުންކަން ޖެނަރަލް ސެކެރެޓަރީ އަށް އެނގިފައި އޮންނާނެ ކަމަށް ބެލެވޭ އެވެ. އެކަމަކު އެ މައުލޫމާތު ދެއްވަން ޖައުޝަންގެ ހައިސިއްޔަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިލެކްޓޯރަލް ކޮމިޓީގެ ނިންމުމަކާ ނުލައި އެފްއޭއެމް އަށް މިކަމާ ބެހޭގޮތުން އެއް ވެސް ޖަވާބެއް ނުދެވޭނެ،" ޖައުޝަން ވިދާޅުވި އެވެ.

އެފްއޭއެމްގައި ކުރިން މަސައްކަތް ކުރައްވި ބޭފުޅަކު ވިދާޅުވީ، އިންތިހާބުތައް ހާމަކަމާ އެކު ކުރިއަށް ގެންދަން ޖެހޭ ގޮތަށް ފީފާ އާއި އޭއެފްސީން ވެސް ބާރު އަޅާއިރު ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް ހާމަ ކުރަން އެފްއޭއެމުން މިހާ ދިގުދަންމާލުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.

"ފީފާ އާއި އޭއެފްސީގެ އިންތިހާބުތަކުގައި ވެސް އެނގޭނެ ކުރިމަތިލާ މީހުން. އިންތިހާބުތައް އެހާ އޯޕަންކޮށް އޮންނާނީ. އެކަމަކު ރާއްޖޭގެ އެފްއޭގައި މި އުޅެނީ ކުރިމަތިލީ ކެންޑިޑޭޓުންނަކީ ވެސް ކޮބައިކަން ހާމަ ނުކޮށްގެން. އިންތިންތިހާބު ހާމަކޮށް ގެންދަން ޖެހޭ އިރު އެ އުސޫލު އެފްއޭއެމުން ނުހިފަހައްޓާ،" އޭނާ ވިދާޅުވި އެވެ.

"ޑެޑެލައިނަށް ފަހު ދެ ދުވަސް މި ވަނީ. އަދި ތި ބުނީ އިލެކްޓޯރަލް ކޮމިޓީން ގޮތެއް ނުނިމިގެން ކެންޑިޑޭޓުންގެ ނަންތައް ހާމަނުކުރާ ވާހަކަ. މިވަރުގެ އިލެކްޓޯރަލް ކޮމިޓީއަކަށް ކިހިނެއް ސައްހަ ކޯރަމްކުން އިތުބާރު އޮންނާނީ ވެސް."

އެފްއޭއެމްގެ މިހާރު އިލެކްޓޯރަލް ކޮމިޓީ އެކުލަވާލީ، ފުރިހަމަ ނޫން ކޯރަމަކުންނެވެ. އެއީ ފުރަތަމަ ބާއްވަން އުޅުނު ކޮންގްރެސް އަށް ކޯރަމް ހަމަނުވުމުން، ނުބޭއްވުނު ކަމަށް ނިންމައި އޭގެ 15 މިނެޓް ފަހުން ހަމަ އެ އެޖެންޑާ އާ އެކު ކޮންގްރެސް ފެށައި ކޮމިޓީތައް ފާސްކޮށްގެންނެވެ. އެ ކޮންގްރެސްއާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ޖެނުއަރީ 31 ގައި ބާއްވަން ކުރިން މަސައްކަތް ކުރި އިންތިހާބަށް ވެސް ކުރިމަތިލި، އަހްމަދު ތޯރިގް (ޓޮމް) ވަނީ މި ފަހަރު ވެސް އިންތިހާބަށް ކުރިމަތިލައިފަ އެވެ. މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ތިންވަނަ ދައުރަކަށް އިންތިހާބަށް ކުރިމަތިލެއްވި ކަމަށް އަޑު ފެތުރިފައި ވެއެވެ. ތޯރިގު ފޯމު ހުށަހެޅީ، ސަސްޕެންޝަނުގައި އޮތް ވެލެންސިއާގެ ތާއީދު ސިޓީ އާ އެކު އެވެ. ފުރަތަމަ ޑިވިޝަނުން، މަދުވެގެން ތިން ކްލަބްގެ ތާއީދު ސިޓީ ހުށަހަޅަން ޖެހެ އެވެ. ވެލެންސިއާގެ އިތުރުން ތޯރިގަށް ތާއީދޫ ސިޓީ ދިނީ މާޒިޔާ އާއި ޓީސީ އެވެ. ސަސްޕެންޝަނުގައި އޮތް ކްލަބެއްގެ ތާއީދު ސިޓީ އިލެކްޓޯރަލް ކޮމިޓީން ބަލައިގަންނާނެ ތޯ ވަނީ ސުވާލު އުފެދިފަ އެވެ.

އޭރު ބާއްވަން އުޅުނު އިންތިހާބަށް ވެލެންސިއާއިން ދެ ކެންޑިޑޭޓުންނަށް ތާއީދު ސިޓީ ދީފައިވާކަމަށް ބުނެ، އެ ކްލަބްގެ ސިޓީ ބަލައި ނުގަންނަން ނިންމައި ތޯރިގްގެ ކެންޑިޑެސީ ވެސް ބާތިލު ކުރި އެވެ. އަލުން އިންތިހާބަކަށް އިއުލާން ކުރަން ޖެހުނީ، މައްސަލަ އިސްތިއުނާފު ކުރާނެ ކޮމިޓީއެއް ވެސް އެފްއޭއެމުން އުފައްދާފައި ނުވުމުން، ކޮމިޓީތައް ހެދުމަށް އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށް ފީފާއިން އެންގުމުންނެވެ.