Roadha Mihaaru
ގަތަރުން މުސާރަ ދޭ ސްމޯލީއަށް މަސައްކަތެއް ނެތް

ގަތަރުން ބޮޑު މުސާރައެއް ދޭ ސްމޯލީ އަށް ރާއްޖޭގައި މަސައްކަތެއް ނެތް، ހުރީ ޗުއްޓީގައި!

28 ޖެނުއަރީ 2024

އެފްއޭއެމްގެ ޓެކަނިކަލް ޑައިރެކްޓަރަކަށް ޖުލައި މަހު ހަމަޖެއްސި އިންގްލެންޑް ޕޯލް ތޯމަސް ސްމޯލީ ހަވާލުވެ، ރާއްޖޭގެ ފުޓްބޯޅަ ބަދަލު ކުރަން، އުންމީދީ ވާހަކަތަކެއް ދެއްކި އެވެ. ބަންގްލަދޭޝްގައި ގިނަ މަސައްކަތްތަކެއް ކޮށްފައި ވުމުން ސަރަހައްދުގެ ފުޓްބޯޅައިގެ ވާނުވާ ވެސް އޭނާ އެނގޭތީ އެއީ ރާއްޖެ އަށް އޭނާގެ ބޭނުން ރަނގަޅަށް ހިފޭނެ ސަބަބެއް އުންމީދު ކުރެވުނެވެ. ޓެކްނިކަލް ޑައިރެކްޓަރު ކަމަށް ސްމޯލީ ހަމަޖެއްސީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗުންގެ ލަފާޔާ އެކު އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މީގެ ކުރިން ރާއްޖޭގެ ޓެކްނިކަލް ޑައިރެކްޓަރުކަމާ ހަވާލުވި ބޭރުގެ ދެ ތަޖުރިބާކާރުންނަށް ވީހެން ސްމޯލީ ވެސް މަސައްކަތެއް ނެތި މިހާރު ހުރީ ޗުއްޓިގަ އެވެ. ބޮޑު އުންމީދަކާ އެކު ރާއްޖޭގެ މަގާމާ ހަވާލުވެ ހަ މަސް ނުވަނީސް އޭނާ އަށް ޗުއްޓި ދޭން އެފްއޭއެމުން ނިންމި އިރު އޭނާ ކުރިއަށްގެންދަން އިއުލާން ކޯޗިން އެޑިއުކޭޝަން ޕްރޮގްރާމްތަކެއް ވެސް ހުރީ ހުއްޓިފަ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ އޭނާ މަގާމާ ހަވާލުވި އިރު ވެސް ސްމޯލީ ރާއްޖޭގައި ނެތް ކަމަށެވެ.

"އެކަމަކު ބަރާބަރަށް ވާހަކަ ދެއްކޭ. އެކޮޅުގައި [ރާއްޖޭން ބޭރުގައި] ހުރެގެން ވެސް ބައެއް މަސައްކަތްތައް ކުރިއަށް އެބަ ގެންދޭ،" ޖައުޝަން ވިދާޅުވި އެވެ.

ބަންގްލަދޭޝް އަށް ވުރެ ރާއްޖޭގެ ފުޓްބޯޅައިގެ އުންމީދު ބޮޑު ކަމަށް ބުނި ސްމޯލީ ރާއްޖޭގެ މަގާމާ ހަވާލުވީ ބޮޑު މުސާރަ އަކަށެވެ. ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މުސާރަ ދޭ ގޮތަށް، ރާއްޖޭގެ ޓެކްނިކަލް ޑައިރެކްޓަރު ކަމަށް އޭނާ ހަމަޖެއްސި ނަމަވެސް އޭނާގެ މުސާރަ ހާމަ ކުރަން އެފްއޭއެމުން ބޭނުމެއް ނުވެ އެވެ.

ބަންގްލަދޭޝްގައި އޭނާ މަސައްކަތް ކުރީ، 15،000 ޑޮލަރު (231،300 ރ.) މުސާރައަކަށެވެ. ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތްވައި އެ ގައުމުގެ ވަޒީފާ އޭނާ ދޫކޮށްލީ މުސާރަ ބޮޑު ކުރަން ބެންގްލަދޭޝްގެ އެފްއޭއިން ބޭނުން ނުވުމުން ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފައި ވެއެވެ. އެކަމަކު ސްމޯލީ ރާއްޖެ އަށް އައިސް ބުނީ ބަންގްލަދޭޝްގެ މަގާމު އޭނާ ދޫކޮށްލީ އެހެންވެ ނޫން ކަމަށެވެ. އޭނާ މަގާމަށް ހަމަޖެއްސިކަން އިއުލާން ކުރި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ލިބެމުން ދިޔަ މުސާރަ އަށް ވުރެ ދަށް މުސާރަ އަކަށް އެއްވެސް މީހަކު ނާންނާނެ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: އޭނާ ވިދާޅުވެފައި ވަނީ ސްމޯލީގެ މުސާރަ ހާމަ ކުރެވެން ނެތް ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: އޭނާ ވިދާޅުވެފައި ވަނީ ސްމޯލީގެ މުސާރަ ހާމަ ކުރެވެން ނެތް ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެންނާ ގަތަރު ފެޑެރޭޝަނާ މިއޮތީ އަސްލު އަގު ހިއްސާ ނުކުރާ ގޮތަށް މަޝްވަރާ ކުރެވިފަ. އެހެންވީމަ އެއީ އަޅުގަނޑުމެން ނުބުނާ އެއްޗެއްގެ ގޮތުގައި ބޭއްވުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން،" ބައްސާމް ވިދާޅުވެފައި ވެއެވެ.

"އެއްވެސް މީހެއްގެ މުސާރަ ކުޑަކޮށެއް ނާންނާނެ. ނުވަތަ މާ ބޮޑުތަން ކުޑަކޮށެއް. ތި ރޭންޖް [15،000 ޑޮލަރު] ތެރޭގައި ނުވަތަ ކުޑަކުޑަކޮށް ބޮޑު. އެއަށް ވުރެ ކުޑަވެފަ ކަންނޭނގެ އިންނާނީ. ޕްލަސް އޯ މައިނަސް 10 ޕަސަންޓް ކަމަށް ބަލަމާ އުޅޭނީ. ސީދާ މުސާރަ އެ ބޭފުޅުންނާއި [ގަތަރުގެ އެފްއޭ] އަޅުގަނޑުމެންނާ (އެއްބަސްވެ) ޑިސްކްލޯޒް ނުކުރާ އެއްޗެއްގެ ގޮތުގައި އޮތީމަ. އޭތި އެ ގޮތުގައި ބޭއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން."

ސްމޯލީ އަކީ މަސައްކަތެއް ނެތިގެން ރާއްޖެ ދޫކޮށްލި ފުރަތަމަ ތަޖުރިބާކާރެއް ނޫނެވެ. ހުޅުމާލޭގައި އެފްއޭއެމުން ހުޅުވަން ބުނި ފުޓްބޯޅަ ސްކޫލްގައި މަސައްކަތް ކުރަން ގެނައި ބޭރުގެ ހަތް ކޯޗަކު ވެސް މަސައްކަތެއް ނެތި ގިނަ ދުވަސްތަކެއް ރާއްޖޭގައި ހޭދަ ކުރި އެވެ. އެ ކޯޗުން ރާއްޖެ ދޫކޮށްލީ މުސާރައެއް ވެސް ނުލިބި އެވެ.