Roadha Mihaaru
ކަނޑުދޫ މިރުހުގެ އަގު ހެޔޮވެއްޖެ

ކަނޑުދޫ މިރުހުގެ އަގު ހެޔޮވެއްޖެ

17 މާޗް 2024

ރޯދަ މަސް ފެށުނުއިރު އޮތް ޑިމާންޑް ދަށްވެ، ކަނޑޫދޫ މިރުގެ އަގު ދަށްވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރޯދަ މަސް ފެށުނުއިރު އޮތް ޑިމާންޑް ދަށްވެ، ކަނޑޫދޫ މިރުގެ އަގު ދަށްވެއްޖެ އެވެ.

ރޯދަ މަސް ފެށުނުއިރު ކަނޑޫދޫ މިރުސް ކިލޯއެއް ހުރީ 750ރ. އިން މަތީގަ އެވެ. އެކަމަކު "މިހާރު" އަށް ގޮޅިތަކުގައި ތިބި މީހުން ބުނީ ބާޒާރުގައި މިރުސް ތިޔާގިވެ، އަގު ދަށްވެފައިވާ ކަމަށެވެ. މިހާރު މިރުސް ކިލޯއެއް ހުރީ 400-500ރ އާ ދެމެދުގަ އެވެ.

ކުޅި ގަދަކަމުން ރާއްޖޭގައި ނަން މަޝްހޫރު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު މީގެ ކުރިން ރޯދަ މަސްތަކުގައި 1200ރ. އަށް ވުރެ މައްޗަށް ވެސް އަރައިގެން ދިޔަ އެވެ.

މާރުކޭޓު ގޮޅިތަކުގައި ތަރުކާރީ އައި މޭވާގެ ބާވަތްތައް ވަރަށް ގިނައިން އެބަ ހުއްޓެވެ. އެހެންވެ، އެހެން ރޯދަ މަސްތަކާ އަޅާބަލާއިރު އަގުތައް މާބޮޑަށް އުފުލިގެން ނުދެ އެވެ. އެކަމަކު ބާޒާރުގައި އޮރެންޖްގެ އަގު މިހާރު ހުރީ 10ރ. އަށެވެ.

ރާއްޖެއަށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެތެރެކުރާ އުފަންވެލީގައި އޮރެންޖެއްގެ އަގު ހުރީ 8ރ. އަށެވެ.

ކުރުނބާއަކީ އާންމުކޮށް 20-25ރ. އަށް ލިބޭ އެއްޗަކަށް ވިޔަސް މިހާރު ބާޒާރުގައި ކުރުބާ ހުރީ 35-40ރ އާ ދެމެދުގެ އަގެއްގަ އެވެ. ލުނބޯ ކިލޯއެއް ހުރީ 60ރ. އަށް އަދި ޕެޝަން ފްރުޓުގެ ކިލޯއެއް ހުރީ 140ރ. އަށެވެ.

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގު ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގު ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ދޮންކެޔޮ ކިލޯއެއް 60-70ރ. އަށް ހުރިއިރު އަލަނާސި ކިލޯއެއްގެ އަގަކީ 60ރ. އަށެވެ. އަދި ކާށީގެ އަގަކީ 8-20ރ. އަށެވެ.

މިއަހަރުގެ ރޯދަ މަހަށް ކާބޯތަކެތި ހޯދުމުގައި އަދި ދަތި ނެތް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.