Roadha Mihaaru
ކަރާގެ އަގު ބޮޑުވާނެ ކަމަކަށް ނުބެލެވޭ

ކަރާގެ އަގު ބޮޑުވާނެ ކަމަކަށް ނުބެލެވޭ

10 މާޗް 2024

އެކި ރަށްރަށުގެ ދަނޑުވެރިން ގިނަ އަދަދަކަށް ކަރާ ހައްދާފައިވާތީ މި ރޯދަމަހު އަގު ބޮޑުނުވެ ބޭނުންވަރަކަށް ކަރާ ލިބެން ހުންނާނެ ކަމަށް ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެކި ރަށްރަށުގެ ދަނޑުވެރިން ގިނަ އަދަދަކަށް ކަރާ ހައްދާފައިވާތީ މި ރޯދަމަހު އަގު ބޮޑުނުވެ ބޭނުންވަރަކަށް ކަރާ ލިބެން ހުންނާނެ ކަމަށް ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިން ބުނެފި އެވެ.

ދަނޑުވެރިން ކަރާ ދަނޑުތައް ހައްދަނީ ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ކަރާ ލިބޭނެ ގޮތަށް ބަލައިގެންނެވެ. ކަރާ ދަނޑެއް ހެއްދުމަށް ދެ މަސް ނަގަ އެވެ.

ރޯދަ މަހު ފަނި ގިރަން އެންމެ ޑިމާންޑް ބޮޑު ކަރާ، ރޯދައަށް ހާއްސަކޮށްގެން މިހާރު ވަނީ މާރުކޭޓަށް ގެނެސްފަ އެވެ. ހުރިހާ ގޮޅިތަކެއްގައި ވެސް ކަރާ ލިބެން އެބަހުއްޓެވެ. އޭގެތެރޭގައި އާދަޔާ ޚިލާފަށް ބޮޑެތި ކަރާ ވެސް ހުއްޓެވެ. ގާތްގަނޑަކަށް 4-5 ކިލޯ ހުންނަ ވަރުގެ ކަރާ ވެސް ހައްދާފައިވެ އެވެ.

"ބޮޑެތިކޮށް ތިއީ ދިވެހި ކަރާ، ދެން ކުޑަކޮށް އެއީ އިންޑިއާ ކަރާ،" ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް ދައްކާލަމުން މީހަކު ބުންޏެވެ.

ވިޔަފާރިވެރިން ބުނި ގޮތުގައި ދަތިކަމެއް ނެތި ކަރާ ލިބޭނެ ކަމަށް ބެލެވޭތީ ކަރާގެ އަގު ބޮޑުވާނެ ކަމަކަށް ނުބެލެވެ އެވެ.

ކަރާ ކިލޯއެއްގެ އަގު ހުރީ 17ރ. އާއި 25ރ. އާ ދެމެދުގަ އެވެ. މިއީ ރޯދައިގެ ކުރިން ވެސް ކަރާ ކިލޯއެއް އާއްމުކޮށް ވިއްކި އަގެވެ. އިންޑިއާ ކަރާގެ އަގު ކުރިއަށް އޮތް ތަނުގައި ވެސް ހެޔޮވެދާނެ އެވެ.

ސަބަބެއް ކަމަށް ވިޔަފާރިވެރިން ބުނީ، ދިވެހި ކަރަޔާ ޚިލާފަށް، އިންޑިއާ ކަރާ އަވަހަށް ހަލާކުވުމެވެ. ދިވެހި ކަރާ ގިނަ ދުވަސްތަކެއް ވަންދެން ހުއްޓަސް، އިންޑިއާ ކަރާގެ އެތެރެ ހަލާކުވެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފަޅައިގެންދާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

"އިންޑިއާ ކަރާ އެތެރެއިން ފަޅައިގެން ދާނީ. އެކަމަކު ދިވެހި ކަރާ ހުންނާނެ ތަންކޮޅެއް ގިނަ ދުވަސް ވަންދެން."

އެންމެ ގިނައިން މާރުކޭޓަށް ކަރާ ގެންނަނީ އއ. ތޮއްޑު އާއި ށ. ގޮއިދު އާއި ތ. ކަނޑޫދު އާއި ކ. ކާށިދޫންނެވެ.

ވިޔަފާރިވެރިން ބުނި ގޮތުގައި ކަރާގެ އަގު އުފުލޭނީ، މޫސުން ގޯސްވެ، ރަށްރަށުން ކަރާ ގެނައުމަށް ދަތިވެއްޖެ ނަމަ އެވެ. އެހެން ނޫނީ އަގު ބޮޑުނުވެ ރޯދަ މަސް ނިމެންދެން ކަރާ ލިބެން ހުންނާނެ ކަމަށް މާރުކޭޓުގެ ގޮޅިތައް ހިންގާ މީހުން ބުންޏެވެ.