Roadha Mihaaru
މަގުމައްޗަށް ކުނި އަޅާ މީހުން ހޯދައި އެ މީހުން ލައްވާ ނަގުވަނީ

މަގުމައްޗަށް ކުނި އަޅާ މީހުން ލައްވައި އެ ކުނިތައް ނަގުވަނީ

14 މާޗް 2024

މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުން ހޯދައި އެ މީހުން ލައްވާ ކުނި ނެގުވުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުން ހޯދައި އެ މީހުން ލައްވާ ކުނި ނެގުވުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މާލޭގެ އެކި ސަރަހައްދުތަކަށް ކުނިއެޅުމުގެ މައްސަލަ ރޯދަމަސް ފެށިއިރު ވެސް ހައްލެއް ނުވި އެވެ.

ރޯދަމަހަށް ގޭތެރެ ސާފުކޮށް، ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ އެހެން ސާމާނު ބައެއް މީހުން ނެރުނީ މަގުތަކަށެވެ. އެހެންވެ، މާލޭގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ގޮނޑުވެ، ކަންކަން ބޮއްސުންލައިގެން ދިއުމުން ސިޓީ ކައުންސިލާއި ވެމްކޯ އިން ވަނީ މަގުތައް ސާފުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. ނަމަވެސް މަގުތަކަށް ކުނި އެޅުން ނުހުއްޓުމުން މިހާރު ދަނީ އެޅި މީހުން ހޯދައި ޖޫރިމަނާ ވެސް ކުރަމުންނެވެ.

ފުލުހުން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، މަގުތަކަށް ކުނިއަޅާ މީހުންނަށް ނަސޭހަތް ދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

ގޭތައް ސާފުކުރުމަށް ފަހު މަގަކަށް ނެރެފައިވާ ކުނިތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގޭތައް ސާފުކުރުމަށް ފަހު މަގަކަށް ނެރެފައިވާ ކުނިތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުނި އަޅާ މީހާ ނުވަތަ އެ ބަޔަކު ދެނެގަނެވިފައިވާ ނަމަ އެ މީހަކު ނުވަތަ އެ ބަޔަކު އެޅި ކުނި އެ މީހުން ލައްވާ ނަގުވައި މަގު ސާފު ކުރުމުގެ މަސައްކަތް ވެސް ކުރުވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގެ މަގުތަކަކީ ސާފުތާހިރު ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށް ފުލުހުން ވަނީ ފަރުދީ ޒިންމާ އަދާކޮށް ބަލިތައް ފެތެރުމުން ރައްކާތެރިވުމަށް މަގުތަކަށް ކުނި އެޅުމުން ދުރުހެލިވުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

ސިޓީ ކައުންސިލުން ބުނީ އިއްޔެ އެކަނި ވެސް މާލޭގެ މަތުމަތިން 42 ޓަނުގެ ކުނި ނަގައިފައިވާ ކަމަށެވެ. މިދިިޔަ 16 ވަރަކަށް ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކުން 200 ޓަނަށް ވުރެ ގިނަ ކުނި ނަގާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މާލޭގެ މަގުތަކަށް ގޭގެއިން ގިނަ އަދަދަކަށް ކުނި ނެރެ، ގޮނޑުކުރަމުންދާ މައްސަލާގައި މިހާތަނަށް 100 މީހުން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ޕޮލިހުން ޖޫރިމަނާ ކުރަނީ ސީސީޓީވީ ފުޓޭޖް ބެލުމަށް ފަހު އެވެ.