Roadha Mihaaru
އަނިޔާލިބޭ މީހުން ފޯމުލާން ކޯޓުދޮށަށް ދިއުން ނިމުމަކަށް

ގެވެށި އަނިޔާ ލިބޭ މީހުން ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގުން ނިމުމަކަށް، އޮންލައިންކޮށް މިހާރު ފޯމު ލެވޭނެ

09 މާޗް 2024

އަނިޔާ ލިބޭ މީހުން ފޯމުތައް ހިފައިގެން ކޯޓުތައް ދޮަށަށް ހިނގުން ނިމުމަކަށް ގެނެސް، ގެވެށި އަނިޔާ އިން ރައްކާތެރިކަމުގެ އަމުރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް، އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަދައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އަނިޔާ ލިބޭ މީހުން ފޯމުތައް ހިފައިގެން ކޯޓުތައް ދޮަށަށް ހިނގުން ނިމުމަކަށް ގެނެސް، ގެވެށި އަނިޔާ އިން ރައްކާތެރިކަމުގެ އަމުރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް، އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަދައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް އަމިއްލަ ބްލޮގްގައި ލިޔުއްވި ގޮތުގައި މިހާރު ޕީޖީ އޮފީހުގެ ވެބްސައިޓަށް، އެ މީހެއްގެ އީފާސް ލޮގްއިން ބޭނުންކޮށްގެން، އެޕްލިކޭޝަންތަކުގެ މެނޫއިން "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން" ކިޔާ ޓެބެއް ފެންނާނެ އެވެ. އެ ޓެބަށް ފިތާލުމުން އޮންލައިންކޮށް، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ފުރޭނޭ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ފޯމުގައި ފުރަންޖެހޭ އަސާސީ ބައިތައް ހުންނާނީ އޮޓޮމެޓިކުން ފުރާފައި ކަމަށާއި އިތުރަށް ފުރަން ޖެހޭނީ އެ މީހަކަށް ދިމާވި ހާދިސާއާ ބެހޭ މައުލޫމާތު ކަމަށެވެ.

"އެމީހަކު އެ ފޯމު ފޮނުވަން ބޭނުންވާ ކޯޓުގެ ނަން ނެގުމުން، އެ ކޯޓެއްގެ އީމެއިލް އެޑްރެހަށް، އެ ކޯޓެއްގެ ލެޓާ ހެޑުގައި، ފޯމު ފޮނުވައިލަދިނުމުގެ ހިދުމަތް، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުން ދޭނެ. އަނިޔާ ލިބޭ ހާލަތެއްގައި ހުރި މީހާ، ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން މިހިސާބުން ނިމުމަކަށް އައީ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، އެ ފޯމު ކޯޓަށް ލިބޭނީ ޕީޖީ އޮފީހުގެ އީމެއިލަކާ އެކު ކަމަށާއި އެ އީމެއިލްގައި އޮންނާނީ، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލަށް ލިބުނު، ގެވެށި އަނިޔާ އިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ކަމަށެވެ. މިއީ ޕީޖީ އޮފީހުން ދޭ އީމެއިލް ފޯވާޑުކޮށްދިނުމުގެ ހިދުމަތެެއް ކަމަށާއި ފޯމުގައި ހުރި މައުލޫމާތެއް ވެސް ޕީޖީ އޮފީހަކަށް ނޭނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގެން ބޭނުމެއް ވެސް ނޫނެވެ. ފޯމުގައި ހުރި ކަންކަމަކީ ފޯމު ފުރާމީހާއާ ކޯޓާ ދޭތެރޭ ކުރާ މުއާމަލާތެކެވެ. ޕީޖީ އޮފީހުން ކޮށްދޭ ހަމައެކަނި ކަމަކީ، އެ ފޯމު ފުރައިލުމުގެ ކަންތައް ލުއި ފަސޭހަކޮށްދީ، އަދުލު އިންސާފަށް ވާސިލުވާން ހުރި މަގުތައް ފަސޭހަކޮށްދިނުމެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.

އަމުރާ މެދު ކޯޓުން ނިންމާ ނިންމުމާއި އެ ނިންމުން ނިންމި ސަބަބު، އީމެއިލަކުންނާއި ފޯމު ހުށަހެޅި މީހާގެ އޮންލައިން ޕޯޓަލުގެ ތެރެއިން ފެންނާން ހުންނާނެ އެވެ. ފޯމު ހުށަހެޅި މީހާ އާއި ކޯޓާ ކުރެވޭ މުއާމަލާތުތައް ވެސް ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ކުރެވޭނެ އިންތިޒާމު ހަމަޖެހުނީ ކަމަށާއި ގަވަމަންޓް ޕޯޓަލުގެ ތެރެއިން ފޯމު އިސްލާހުކުރަން ކޯޓުން އަންގައިފި ނަމަ، އިސްލާހުކުރަން ޖެހޭ ތަންތަން ފާހަގަކޮށް ދޭން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އޮންލައިން ޕޯޓަލްގެ ތެރެއިން ފޯމު އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ހިދުމަތްވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދެކެނީ، އެންމެން ގުޅިގެން ކުރާ، މަސައްކަތަކުން، ގެވެށި އަނިޔާ ތަހައްމަލުކުރަމުންދާ އެންމެ މީހެއްގެ ހަޔާތަށް ހެޔޮ ބަދަލެއް އަތުވެއްޖެ ނަމަ، އަޅުގަނޑުމެން މިކަމަށް ހޭދަކުރާ ފައިސާއާއި ވަގުތުގެ އަގު ލިބުނީ ކަމަށެވެ. ރާއްޖޭގެ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހުއްޓަސްވެސް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އަނިޔާލިބޭ މީހުންނަށް އާދަޔާ ހިލާފު، ދުނިޔޭގެ ފެންވަރުގެ ހިދުމަތެއްދޭ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ނިޒާމު ހެދުމަކީ އަޅުގަނޑުމެން އެންމެންގެ އަމާޒެވެ." ޝަމީމް ވިދާޅުވި އެވެ.