Roadha Mihaaru
ކުވައިތު ފަންޑުގެ ފަންޑު އަނބުރާ ގެންދިޔަ: ރައީސް

ކުރީގެ ސަރުކާރަށް މަޝްރޫއުތައް ނުހިންގިގެން ކުވައިތު ފަންޑުން، ފަންޑު ދިނުން އަނބުރާ ގެންގޮސްފައިވޭ: ރައީސް

26 ފެބުރުއަރީ 2024

ހދ. ހަނިމާދޫ ހިމެނޭހެން ރާއްޖޭގެ ހަތް ރަށެއްގައި ކުރީގެ ސަރުކާރުން އިމާރާތްކުރަން ނިންމި ހޮސްޕިޓަލްތައް ނޭޅުނީ އެ މަޝްރޫއުތައް ނުހިންގި، ކުވައިތު ފަންޑުން ދިން ބައެއް ފަންޑުތައް އަނބުރާ ގެންގޮސްފައިވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހދ. ހަނިމާދޫ ހިމެނޭހެން ރާއްޖޭގެ ހަތް ރަށެއްގައި ކުރީގެ ސަރުކާރުން އިމާރާތްކުރަން ނިންމި ހޮސްޕިޓަލްތައް ނޭޅުނީ އެ މަޝްރޫއުތައް ނުހިންގި، ކުވައިތު ފަންޑުން ދިން ބައެއް ފަންޑުތައް އަނބުރާ ގެންގޮސްފައިވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުވައިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތައް އިމާރާތްކުރަން ސޮއިކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިދިޔަ އަހަރުގެ މޭ މަހު އެވެ. ހދ. ހަނިމާދު އާއި އދ. މާމިގިއްޔާއި ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް ހެދުމަށް ހަވާލުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ޑެޕްލެކްސް ޕްރައިވެޓް ލިމިޑެޓާ އެވެ. ށ. މިލަންދު އާއި ނ. ވެލިދޫ އަދި ކ. ތުލުސްދޫގައި ހޮސްޕިޓަލް އިމާރާތްކުރަން ހަވާލުކުރީ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޑެޓުންނެވެ.

އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަނިމާދު އަށް ވަޑައިގެން ރައީސް ވިދާޅުވީ، ހަނިމާދޫ ވެސް ހިމެނޭ ގޮތަށް ހަވާލުކުރި ހަތަރު ރަށުގެ ހޮސްޕިޓަލުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

"މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް ކުވެއިތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ، މިދިޔަ ސަރުކާރުގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހާ ވަރަކަށް ކަންކަން ބޮއްސުންލައިގެން ދާނީ ސަރުކާރެއްގައި."

ރައީސް ވިދާޅުވީ، އެހެން ވާން ޖެހުނީ އަމަލުކުރަން ހުރި އުސޫލުތަކަށް އަމަލުނުކޮށް، ފަރުވާކުޑަކުރުމުގެ ސަބަބުން ކަަމަށް ބެލެވޭ ކަމަށާއި ފަންޑު އަނބުރާ ގެންދިއުމުގެ އެ ރަށްތަކުގެ އެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލްތައް ހެދުމަށް ކުވެއިތު ފަންޑުން 686 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ހެލްތް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ރައީސް މިއަދު ވިދާޅުވިގޮތުގައި، އެހެން ގޮތެއް ހޯދައިގެން އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތެއް މި ސަރުކާރުން ހޯދާނެ އެވެ. އަދި އާބާދީއާ އެކަށޭނެ ފެންވަރު، ރަނގަޅު ހޮސްޕިޓަލެއް ހަނިމާދޫގައި ގާއިމްކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. އެ ކަން ފަހިވަންދެން ވެސް ހަނިމާދޫގައި ހޮސްޕިޓަލަށް އިތުރުކުރެވޭނެ ކަންކަމާއި ހިދުމަތްތައް ބަލައި ގާއިމު ކުރަމުން ގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.