Roadha Mihaaru
ސަރުކާރުގެ ކުރިމަގު ކަނޑައެޅޭނީ އިންތިހާބުގެ ނަތީޖާއިން

ސަރުކާރުގެ ކުރިމަގު ކަނޑައެޅޭނީ މަޖިލިސް އިންތިހާބުގެ ނަތީޖާއިން: ރައީސް

25 ފެބުރުއަރީ 2024

ރާއްޖޭގެ ގާނޫނީ ނިޒާމު ރޭވިފައިވާ ގޮތުން މަޖިލިސް އިންތިހާބަކީ ސަރުކާރަށް ވަރަށް މުހިއްމު އިންތިހާބެއް ކަމަށާއި ސަރުކާރު ކުރިއަށް ދާނެ ގޮތުގެ މަގު ކަނޑައެޅޭނީ އެ އިންތިހާބުގެ ނަތީޖާ އިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ގާނޫނީ ނިޒާމު ރޭވިފައިވާ ގޮތުން މަޖިލިސް އިންތިހާބަކީ ސަރުކާރަށް ވަރަށް މުހިއްމު އިންތިހާބެއް ކަމަށާއި ސަރުކާރު ކުރިއަށް ދާނެ ގޮތުގެ މަގު ކަނޑައެޅޭނީ އެ އިންތިހާބުގެ ނަތީޖާ އިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގަތް ވައުދުފުޅުތައް ފުއްދެވުމަށް މަޖިލިސް އިންތިހާބަކީ ވަރަށް މުހިއްމު އިންތިހާބެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ މަޖިލީހުގައި ސަރުކާރުގެ ކިބައިން ރައްޔިތުން ބޭނުންވާ ފަދަ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ، އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ އިންތިހާބުގައި ރައްޔިތުންނަށް އޮތީ ދެ ޗޮއިސް އެކެވެ.

"ކޮންމެ ހާލެއްގައި ވެސް ކޮންމެވެސް ކަމެއް ކުރެވިގެން ދިއުންތޯ ނޫނީ ވަަރަށް އެފިޝެންޓުކޮށް ވަރަށް ބާރު ސްޕީޑުގައި ރައްޔިތުން ބޭނުންވާ ގޮތަށް އަޅުގަނޑު ވައުދުވެފައިވާ ކަންތައް ފުރިހަމަ ގޮތުގައި ނިންމުންތޯ. ކޮންމެވެސް ދެ މަގެއް މިއޮތީ،" ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން އެތަނުން [މަޖިލިސް އިންތިހާބުން] ނިންމަވާ ގޮތަކުން ސަރުކާރު ކުރިއަށް ދާނެ ގޮތުގެ މަގު ކަނޑައެޅިގެންދާނެ،"

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން-- ފޮޓޯ؛ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން-- ފޮޓޯ؛ ރައީސް އޮފީސް

އެހެންވެ، އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގަތް ވައުދުފުޅުތައް ފުއްދެވުމަށް ދެވެން އޮތް ގޮތަކުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަތް ރައީސް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ އެމަނިކުފާނަށް އެންމެ ބޮޑަށް އެއްބާރުލުން ބޭނުންވާ އިންތިހާބު ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އެގޮތަށް ވިދާޅުވިއިރު އެމަނިކުފާނު ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅައި އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވަމުން ދާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކިތައްމެ ބޮޑު މަޝްރޫއެއް ހިންގަން ބޭނުންވިޔަސް، ގާނޫނެއް ހަދައިގެން ވެސް، ގާނޫނަކަށް ބަދަލެއް ގެނެސްގެން ވިޔަސް، އަދި އެ ނޫން ގޮތަކުން ވިޔަސް ރައްޔިތުންގެ މަޖިލީހަށް ހުއްޓުވެ އެވެ. އަދި އެކިއެކި ބަދަލުތައް ގެނައުމާއި ހުރަސްތައް ވެސް ކުރިމަތިކުރުވެ އެވެ.

އިހަވަންދޫއަށް ރައީސް ކޮށްދެއްވަން ވައުދުވެވަޑައިގަތް ކަންކަން:

- ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކުރަން މިއަހަރު ފެށުން.

- ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ މަސް ފެކްޓްރީއެއް ގާއިމުކުރުން.

- އައިސް ޕްލާންޓު އެޅުން.

- ކުނި މެނޭޖްކުރާނެ ފެސިލިޓީއެއް ގާއިމުކުރުން.

- ޑައިލަސިސް ހިދުމަތް ވަރަށް އަވަހަށް ފެށުން.

- މަލްޓި ސްޕޯޓްސް ކޮމްޕްލެކްސެއް ހެދުން.

މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެމަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާނެ އެވެ. ރައީސްގެ މި ދަތުރުފުޅުގައި އެކި ރަށްރަށުގެ ކައުންސިލްތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ.