Roadha Mihaaru
ސަރަހައްދީ ތަރައްގީއާ އެކު މީހުން ހިޖުރަކުރާނެ: ރައީސް

ސަރަހައްދީ ތަރައްގީއާ އެކު ކުދި ރަށްތަކުން އަމިއްލަ އިހްތިޔާރުގައި ހިޖުރަކުރާނެ: ރައީސް

22 ފެބުރުއަރީ 2024

ރާއްޖެ ތަރައްގީކުރުމުގެ 20 އަހަރުގެ މާސްޓަޕްލޭނާ އެއްގޮތަށް ސަރަހައްދީ ތަރައްގީ ގެނައުމުން، އާބާދީ މަދު ރަށްތަކުގެ ރައްޔިތުން އަމިއްލަ އިހްތިޔާރުގައި ވަސީލަތްތައް ގިނަ، ތަރައްގީ ސަރަހައްދުތަކަށް ހިޖުރަކުރަން ފަށާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެ ތަރައްގީކުރުމުގެ 20 އަހަރުގެ މާސްޓަޕްލޭނާ އެއްގޮތަށް ސަރަހައްދީ ތަރައްގީ ގެނައުމުން، އާބާދީ މަދު ރަށްތަކުގެ ރައްޔިތުން އަމިއްލަ އިހްތިޔާރުގައި ވަސީލަތްތައް ގިނަ، ތަރައްގީ ސަރަހައްދުތަކަށް ހިޖުރަކުރަން ފަށާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަކީ ވެސް އެމަނިކުފާނަށް ހަމަހަމަ ބައެއް ކަމަށެވެ. އާބާދީގައި 100 މީހުން ތިއްބަސް ނުވަތަ 3،000 އާބާދީގެ ރަށަކަށް ވިޔަަަސް އެމަނިކުފާނު ތަފާތު ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ލޯބިވަނީ ހުރިހާ ރައްޔިތުންގެ ދެކެ ހަމަހަމަކަމާ އެކު. އަޅުގަނޑަށް ހުރިހާ ރައްޔިތުން މުހިއްމު. އެއީ 100 މީހުންގެ އާބާދީއެެއްގެ ކުޑަ ރަށާއި 3000 މީހުން އުޅޭ ރަށާ މިގޮތުގައި ހަމަހަމަ،" ރައީސް ވިދާޅުވި އެވެ.

އެކަމަކު ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ސަރަހައްދީ ތަރައްގީ މުހިއްމު ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެނެވި ގޮތުގައި ރާއްޖެ ތަރައްގީކުރުމަށް، ސަރަހައްދަކީ ތަރައްގީގެ މިންގަނޑުން ތަރައްގީކުރާ ވާހަކައަކީ ދެ ވާހަކައެއް ނޫން ކަމަށެވެ. އެހެންވެ، ސަރަހައްދީ ތަރައްގީއަކީ މުހިއްމު ކަމެއް ކަމަށާއި އެގޮތަށް އެކަން ކުރުމުން ހުރިހާ ރައްޔިތުންނަށް ކުރިމަގުގައި ހަމަހަމަ ކަމާ އެކު ތަރައްގީ ގެނެސްދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަޅުގަނޑު ލޯބިވަނީ ހުރިހާ ރައްޔިތުންގެ ދެކެ ހަމަހަމަކަމާ އެކު. އަޅުގަނޑަށް ހުރިހާ ރައްޔިތުން ވެސް މުހިއްމު. އެއީ 100 މީހުންގެ އާބާދީއަކާއި 3000 މީހުން އުޅޭ ރަށާކާ ވެސް ހަމަހަމަ. -- ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރަހައްދީ ތަރައްގީއާ އެކު ވެސް ކޮންމެ ރަށެއްގައި، އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ހިދުމަތްތައް ކުރިއަށް ދާނެ އެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ އެ ރަށަކަށް ބޭނުންވާ ފުޓްބޯޅަ ދަނޑާއި ބަނދަރު ތަރައްގީ ކުރުން ފަދަ ކަންކަން ކުރިއަށް ދާނެ ކަމަށެވެ.

"އެގޮތަށް [ސަރަހައްދީ ތަރައްގީގެ މަރުކަޒެއްގެ ގޮތަށް] މި އަތޮޅުގައި މިރަށް [ވިލިނގިލި] ތަރައްގީ ކުރެވޭނެ. އޭރުން ކުދިކުދި ރަށްތަކުގެ މީހުންގެ އަމިއްލަ އިހުތިޔާރުގައި އެ މީހުން ހިޖުރަކޮށް ސެޓްލްވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިލިނގިލީ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް މުއިއްޒު ވިލިނގިލީ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ވިދާޅުވީ ތަރައްގީކޮށްފައިވާ ވަކި ސަރަހައްދުތަކަށް ކުދި ރަށްތަކުން ބަދަލުވުމަކީ އާމްދަނީގެ ގޮތުން ދެމެހެއްޓެނިވި ހައްލެއް އަންނާނެ ކަމެއް ކަމަށެވެ. ދުރު ރާސްތާއަށް ބަލާއިރު ވެސް ތައުލީމީ ގޮތުންނާއި ސިއްހީ ގޮތުން ކުރިއަރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިގޮތަށް ޖިއޮގްރަފީ ބެހިފައި އޮތް ރަށްތަކެއް އޮތް ގައުމަކަށް ދުރު ރާސްތާގައި ތަރައްގީވާނީ އަޅުގަނޑުމެން ވިސްނުމުގައި އެ ގޮތުގައި ކޮށްފިއްޔާ. އެހެންވީމަ ހުރިހާ ރަށަކަށް ވެސް ބޭނުންވާ ކަމެއް ކޮށްދެއްވާނަމޭ. އެކަން ކޮށްދެމުން ވެސް ސަރަހައްދުތަކެއް ތަރައްގީކުރާނަމޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަައް ތަަރައްގީކުރުމަކީ 20 އަހަރުގެ މާސްޓާ ޕްލޭނުގައި ހިމެނޭ ކަމެކެވެ. އެހެންވެ، މިހާރުން މިހާރަށް ގެންނަ ހައްލުތަކާ އެކު ދުރު ރާސްތާއަށް އޮތް ހައްލު ވެސް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގއ. ވިލިނގިއްޔަށް ރައީސްގެ ވައުދުތައް:

- އެއާޕޯޓު އިންޓަނޭޝަނަލް ކުރުން.

- އިތުރު ބިން ހިއްކައި އެތަނުން ގޯތި ދޫކުރަން.

- ސަރަހައްދީ ޓޫރިޒަމް ފުޅާކުރުން.

- ބަނދަރުގެ މަޝްރޫއު ނިންމުން.

- އަތޮޅު ހޮސްޕިޓަލުގެ މަސައްކަތް ފެށުން.

ވިލިނގިލީ އެއާޕޯޓުގެ ކުރެހުމުގެ ފޮޓޯއެއް: އެއާޕޯޓާ އެކު ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ވަނީ ރާވާފައި.

ވިލިނގިލީ އެއާޕޯޓުގެ ކުރެހުމުގެ ފޮޓޯއެއް: އެއާޕޯޓާ އެކު ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ވަނީ ރާވާފައި.

ރައީސް ވަނީ ރިޔާސީ ކެމްޕޭންގައި ވިލިނގިއްޔަށް އެމަނިކުފާނު ވެވަޑައިގަތް ހުރިހާ ވައުދެއް ފުއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ރައީސް ބައިވެރިވެވަޑައިގަތް ޖަލްސާގައި މިއަދު ވަނީ ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ އެއާޕޯޓު އަޅަން ހަވާލުކުރީ ދުބާއީގެ އެންމެ އުސް އިމާރާތް، ބްރުޖު ހަލީފާ ހެދި ކުންފުނި ކަމަށްވާ ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭއާ އެވެ.

ހިތްގައިމު ޑިޒައިނަކަށް އަޅަން ނިންމާފައިވާ އެއާޕޯޓާ އެކު ގއ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްގީކުރުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ. ސަރުކާރުން އާއްމުކުރި ވީޑިއޯ ޕްރެޒެންޓޭޝަންގައިވާ ގޮތުގައި އެއީ، 500-750 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.