Roadha Mihaaru
ކުޑަ ޕާޓީއަކާ އެކު އިމްރާންގެ މެންބަރުން ބާރު ހޯދަނީ

ކުޑަ ޕާޓީއަކާ އިއްތިހާދުވެ އިމްރާންގެ މެންބަރުން ޕާކިސްތާނުގެ ވެރިކަމާ ދިމާލަށް

20 ފެބުރުއަރީ 2024

ޕާކިސްތާނުގެ އާންމު އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ނުކުމެ ބޮޑު ކާމިޔާބީއެއް ހޯދި، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މެންބަރުން ސިޔާސީ މައިދާނުގައި ބާރެއް ނެތް ކުޑަކުޑަ ޕާޓީއަކާ އިއްތިހާދުވެ ސަރުކާރު އެކުލަވާލުމުގެ ބާރު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ޕާކިސްތާނުގެ އާންމު އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ނުކުމެ ބޮޑު ކާމިޔާބީއެއް ހޯދި، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މެންބަރުން ސިޔާސީ މައިދާނުގައި ބާރެއް ނެތް ކުޑަކުޑަ ޕާޓީއަކާ އިއްތިހާދުވެ ސަރުކާރު އެކުލަވާލުމުގެ ބާރު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ވެރިކަމުން ދުރުކޮށް ޖަލަށް ލާފައިވާ އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ނަމުގައި އިންތިހާބުގައި ވާދަކުރުން މަނާކުރުމުން އެ ޕާޓީގެ މެންބަރުން ވާދަކުރީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގަ އެވެ. އެންމެ ގިނަ ގޮނޑި ހޯދީ އިމްރާންގެ މެންބަރުން ކަމަށް ވިޔަސް ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއަކަށް ނޫނީ ސަރުކާރު އެކުލަވައެއް ނުލެވެ އެވެ. އެހެންވެ އެ މެންބަރުން ސަރުކާރު އެކުލަވާލުމުގެ ބާރު ހޯދަން ޖެހެނީ ސިޔާސީ ޕާޓީއަކަށް ތާއީދުކުރާކަން އިލެކްޝަން ކޮމިޝަނަށް ހުށަޅައި އެކަން ރަސްމީކޮށްގެންނެވެ.

ޕާކިސްތާނުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާ އަސްކަރިއްޔާގެ ތާއީދު އޮތް ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) އަށް ސަރުކާރު އެކުލަވާލެވޭ ވަރަށް އިންތިހާބުގައި އަޣުލަބިއްޔަތު ނުލިބުމުން މިހާރު ވަނީ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އާއި ކުދި ޕާޓީތަކަކާ އެކު އިއްތިހާދު ހަދައިފަ އެވެ.

އެކަމަކު ސަރުކާރު އެކުލަވާލުމުގެ ބާރު އިމްރާންގެ މެންބަރުންނަށް ލިބޭނެ ކަމަށް އަދިވެސް އުންމީދުކުރަނީ ސުންނީ އިއްތިހާދު ކައުންސިލް (އެސްއައިސީ) ކިޔާ ކުޑަކުޑަ ޕާޓީއަކާ ގުޅިގެންނެވެ. އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ކާމިޔާބުވި ހަމައެކަނި ކެންޑިޑޭޓަކީ އެ ޕާޓީގެ ޗެއާމަނެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކެންޑިޑޭޓުން ކުޑަ ޕާޓީއަކާ އެކު އިއްތިހާދު ހެދުމާ ބެހޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސް. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކެންޑިޑޭޓުން ކުޑަ ޕާޓީއަކާ އެކު އިއްތިހާދު ހެދުމާ ބެހޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސް. -- ފޮޓޯ: އޭއެފްޕީ

"އަޅުގަނޑުމެން މިހާރު ވަނީ ޕްރޮވިންޝަލް އަދި ނެޝަނަލް އެސެމްބްލީގެ ކެންޑިޑޭޓުން ސުންނީ އިއްތިހާދު ކައުންސިލްއާ ގުޅެން،" ޕްރެސް ކޮންފަރެންސެއްގައި ޕީޓީއައިގެ ޗެއާމަން ގޯހަރް އަލީ ޚާން ވިދާޅުވި އެވެ.

އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުން އެސްއައިސީއާ ގުޅެން ނިންމައި އެކަން މި ހަފްތާގައި އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ޕީޓީއައި އިން ބުންޏެވެ. މި މެންބަރުން އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި ނަމަ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކާއި ބައި މަދު ދީންތަކަށް ހާއްސަކޮށްފައިވާ ގޮނޑިތަކުން ބައެއް ވެސް މި އިއްތިހާދަށް އިންތިހާބުގެ ނަތީޖާގެ ނިސްބަތުން ލިބޭނެ އެވެ.

"މިއާ އެކު އާ ސަރުކާރު އެކުލަވާލެވޭނެ ބާރު ޕީޓީއައި އަށް ލިބޭނެ،" ޕީޓީއައި އިން ބޮޑުވަޒީރު ކަމުގެ މަގާމަށް ނެރޭ ކެންޑިޑޭޓް އުމަރު އައްޔޫބް ޚާން ވިދާޅުވި އެވެ.

ޕީޓީއައި އިން ސަރުކާރު އެކުލަވާލުމުގެ ބާރު ހޯދަން މަސައްކަތްކުރި ނަމަވެސް އެ ޕާޓީން ބުނެފައިވަނީ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށާއި އިންސާފުވެރިކޮށް އިންތިހާބު ބޭއްވި ނަމަ މިއަށްވުރެ ވެސް ގިނަ ގޮނޑި ކާމިޔާބު ކުރެވުނީސް ކަމަށެވެ. -- އޭއެފްޕީ