Roadha Mihaaru
"އީކޯޓޫރިޒަމާ އެކު ޓޫރިސްޓުން އަންނަ ސަބަބުތައް އިތުރު ކުރެވޭނެ"

އީކޯ ޓޫރިޒަމާ އެކު، ރާއްޖެ އަށް ޓޫރިސްޓުން އަންނަ ސަބަބުތައް އިތުރު ކުރެވޭނެ: ފައިސަލް

19 ފެބުރުއަރީ 2024

ރާއްޖޭގައި އިކޯ ޓޫރިޒަމް ފުޅާކޮށްފި ނަމަ ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން ރާއްޖެ އިހުތިޔާރުކުރާ ސަބަބުތައް އިތުރު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އިކޯ ޓޫރިޒަމް ފުޅާކޮށްފި ނަމަ ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން ރާއްޖެ އިހުތިޔާރުކުރާ ސަބަބުތައް އިތުރު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ.

ތިމާވެއްޓާ ރައްޓެހި، އިކޯ ޓޫރިޒަމްގެ މަޝްރޫއެއް އެކުލަވާލައި އެކަމާ ގުޅޭ ފްރޭމްވޯކް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ، މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އެކި ދާއިރާތަކަށް ފުޅާކޮށް، ޑައިވާސިފައި ކުރަންޖެހޭ ވަގުތު ކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ކުރުމަށް ޓޫރިޒަމް ދާއިރާގެ އިތުރު ޕްލޭންތަކެއް ހެދުން ވަރަށް މުހިއްމު ކަމަށެވެ.

ޗުއްޓީ ހޭދަކުރުމުގައި ތިމާވެއްޓަށް އެންމެ ކުޑަކޮށް އަސަރުކުރާ ގޮތްތަށް ބަލައިގެން ދަތުރުކުރަން އިސްކަދޭ ޓޫރިސްޓުން މިހާރު ދުނިޔޭގައި ގިނަވަމުން އަންނަ ކަމަށާއި އެހެންވެ، މިއީ ރާއްޖޭގައި ފުޅާކުރެވޭނެ ދާއިރާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އީކޯ ޓޫރިޒަމް ފައްޓަވައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ފްރޭމްވޯކް ލޯންޗު ކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އީކޯ ޓޫރިޒަމް ފައްޓަވައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ފްރޭމްވޯކް ލޯންޗު ކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އިކޯ ޓޫރިޒަމް މަޝްރޫއު ވެގެން ދާނީ މި ކަމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި. ސަރުކާރުގެ ވައުދުގެ ތެރޭގައި އިކޯ ޓޫރިޒަމް މަޝްރޫއެއް ހިމެނޭ ކަމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާއި ހަރުދަނާ ސިޔާސަތު ދައްކުވައިދޭ ކަމެއް،" ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން، ރާއްޖޭގައި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިފައިވާ ތަންތަން ލިސްޓުކޮށް، އެ ތަންތަނަށް ޓޫރިސްޓުންނަށް ދެވޭނެ ގޮތްތައް ފަހިކޮށްދޭނެ އެވެ. އަދި ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން، ތިމާވެއްޓަށް އިސްކަންދޭ މިންގަނޑަކުން މިންކުރުމަކީ އެ މަޝްރޫއުގައި ހިމެނޭ ބައެކެވެ.

އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިރޭގެ ރަސްމިއްޔާތުގައި ވިދާޅުވީ، ތިމާވެށި އަދި ސަގާފީ ގޮތުން ވެސް ރާއްޖޭގައި އިސްކަންދޭ ސަރަހައްދުތައް ހުރި އިރު އެ ތަންތަން ޓޫރިސްޓުންނަށް ދައްކައި، މަގުބޫލު ސަރަހައްދުތަކަށް ހެދުމަށް އިކޯ ޓޫރިޒަމް ޕްރޮގްރާމުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

ތޯރިގު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އިތުރު ތިން ބަޔޯސްފިޔާ ރިޒާވްތައް ހެދުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަލަށް ހަދާ ބަޔޯސްފިޔާ ރިޒާވްތައް ކަނޑައަޅާނީ އާންމުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބަލައިގެންނެވެ. އަދި ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ހެދުމަށް ވެސް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި މި ވަގުތު ތިމާވެށީގެ ގޮތުން ޕްރޮޓެކްޓް ކުރެވިފައިވާ 90 ސަރަހައްދެއް އެބައޮތް. އެހެން ނަމަވެސް މި 90 ސަރަހައްދުގެ ތެރެއިން މެނޭޖުކޮށް ބެލެހެއްޓެނީ ތިން ސަރަހައްދެއް،" ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

ބ. އަތޮޅުގެ ބަޔޯސްފިއާ ރިޒާވާއި އައްޑު އާއި ފުވައްމުލަކުގެ ބަޔޯސްފިޔާ ރިޒާވް ބެލެހެއްޓުނު ނަމަވެސް، ބާކީ ހުރި ސަރަހައްދުތައް ނުބެލެހެއްޓޭ ކަމަށް ތޯރިގު ވިދާޅުވި އެވެ. އިކޯ ޓޫރިޒަމް މަޝްރޫއާ އެކު، ބާކީ ހުރި ރައްކާ ކުރަން ޖެހޭ ސަރަހައްދުތައް ވެސް މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.