Roadha Mihaaru
ޓޫރިޒަމަށް އައްޑޫ ޕްރޮމޯޓްކުރަންވީ އިނގިރޭސިވިލާތުގައި

އައްޑޫ ޕްރޮމޯޓްކުރަން އެންމެ ރަނގަޅީ އިނގިރޭސިވިލާތުގައި: ފައިސަލް

17 އޯގަސްޓް 2024

އައްޑޫ ޕްރޮމޯޓު ކުރުމަށް އެންމެ ރަނގަޅު އެއް މަންޒިލަކީ އިނގިރޭސިވިލާތް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އައްޑޫ ޕްރޮމޯޓު ކުރުމަށް އެންމެ ރަނގަޅު އެއް މަންޒިލަކީ އިނގިރޭސިވިލާތް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި "ޑެސްޓިނޭޝަން އައްޑޫ-ސަމިޓް 2024" ގައި ފައިސަލް ވިދާޅުވީ، އައްޑުއަކީ ތާރީހީ ގޮތުން އިނގިރޭސިވިލާތާ ގުޅުން އޮތް ގައުމެއް ކަމަށެވެ. އެހެންވެ، އެ ގައުމުގައި ރާއްޖެ ޕްރޮމޯޓު ކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވި އެވެ.

"އައްޑުއަކީ އިނގިރޭސިން އުޅުނު ތަނެއް، އަޅުގަނޑު މިދިޔަ ހަފްތާގައި އަޅުގަނޑުމެންގެ ހެރިޓޭޖު މިނިސްޓަރާ ބައްދަލުކުރިން. އަޅުގަނޑުމެން ގުޅިގެން ހާއްސަކޮށް އިނގިރޭސި މާކެޓަށް އައްޑޫ ސިޓީ ޕްރޮމޯޓު ކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫގައި އިނގިރޭސިން ހަދާފައިވާ އިމާރާތްތައް އެބަހުރި ކަމަށާއި އެ ތަންތަން އަލުން މަރާމާތުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވުމަކީ ވެސް ފައިދާކުރާނެ ނިންމުމެއް ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލަކީ، އެ ސަރަހައްދުގެ ޓޫރިޒަމް އެންމެ ބޮޑަށް ޕްރޮމޯޓުކުރާ ކައުންސިލް ކަން ފާހަގަކުރައްވައި، އެހެން ކައުންސިލްތަކުން ވެސް އިސްވެ އެފަދަ ހަރަކާތްތައް ބޭއްވުމަށް ފައިސަލް ގޮވާލެއްވި އެވެ

މިނިސްޓަރު ވިދާޅުވީ، އައްޑޫ ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ވެސް އައްޑޫގައި ހުޅުވި، ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށް ވަރަށް ބޮޑު ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރަން އެކަމުގެ ހާއްސަ ޕްލޭނެއް އަންނަނީ އެކުލަވާލަމުން ކަމަށެވެ. އަދި އެއަށް ފަހު އައްޑޫގައި ޓޫރިޒަމް ތަރަައްގީ ކުރެވޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މި ސަމިޓުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ޓޫރިޒަމް ތަރައްގީ ކުރުމަށް އައްޑުއަށް ވުރެ ރަނގަޅު އެހެން ތަނެއް ނޯންނާނެ ކަމަށެވެ. އައްޑު އަކީ އަމިއްލަ ވަންތަ ސިފަތަކުގެ އިތުރުން އިންސާނީ ވަސީލަތްތައް ވެސް އެންމެ ގިނަ އެ ސަރަހައްދު ކަމަށް ވިދާޅުވި އެވެ.

"ޓޫރިސްޓަކު އޮކިއުޕައި ކުރުމަށް 15 ދުވަހުގެ އެކްޓިވިޓީސް ބޭއްވޭނެ ކަންތައްތަކާއި ދެއްކޭނެ މަންޒަރު އެބައޮތް. އެހެންވީމަ ޔަގީން ވަނީ އައްޑޫ ސިޓީގައި ތަރައްގީ ނުވާ ވަކި އެހެން ޓޫރިޒަމެއް އެހެން ތަނެއްގައި ވެސް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ހިންމަފުއްޓާއި މާފުއްޓާއި ތޮއްޑޫ ފަދަ ރަށްތައް ތަރައްގީ ވަމުން އަންނަނީ އެތަނުގެ ރައްޔިތުންގެ ފަރާތުން ކުރާ އިންވެސްޓްމެންޓްތަކުންނެވެ. އައްޑޫ ރައްޔިތުންގެ އެ ހިތްވަރު ނެތީ ކީއްވެގެންތޯ މޭޔަރު ސުވާލު ކުރެއްވި އެވެ. އޭނާ ވިދާޅުވީ، ޓޫރިޒަމް ވިޔަފާރީގައި އައްޑުއަށް ނިސްބަތްވާ ހުރިހާ ވިޔަފާރިވެރިންނަށް ކައުންސިލުން ދައުވަތު ދިން ކަމަށާއި އެހެން ނަމަވެސް، އޭގެ ތެރެއިން ގިނަ ބަޔަކު އެ ސަމިޓުގައި ބައިވެރި ނުވުމަކީ މާޔޫސްވެވަޑައިގެންނެވި ކަމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މި މަސައްކަތް ކުރުމުގައި އިތުރަށް ގުޅިގެން ކުރެވޭ މަސައްކަތުން ނަތީޖާ ނެރެވޭނެ ކަމަށް. އަޅުގަނޑުމެންނަށް ކޮށާދެވޭނީ މަގު. އަޅުގަނޑުމެންނަށް ދެވޭނީ ހިތްވަރެއް. އެކަމަކު މިކަން ކުރުމުގެ ބާރު އޮތީ އައްޑޫ ސިޓީ ރައްޔިތުންގެ އަތުގައި،" އޭނާ ވިދާޅުވި އެވެ.