Roadha Mihaaru
އިޒްރޭލުން ހަމާސްއަށް ރޯދަ މަހާ ހަމަޔަށް މުހުލަތު ދީފި

އިޒްރޭލުން ހަމާސްއަށް ރޯދަ މަހާ ހަމަޔަށް މުހުލަތު ދީފި

20 ފެބުރުއަރީ 2024

ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުންގެ ތެރެއިން މިނިވަން ނުކޮށް ތިބި މީހުން ރޯދަ މަސް ފެށުމުގެ ކުރިން ދޫކޮށްނުލައިފި ނަމަ ޣައްޒާގެ ރަފަހް އަށް ވެސް ސިފައިން އަރާނެ ކަމަށް އިޒްރޭލުން ހަނގުރާމައިގެ ކަންކަމަށް ކަނޑައަޅާފައިވާ މިނިސްޓަރު ބެނީ ގަންޓްޒް އިންޒާރު ދީފި އެވެ.

ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުންގެ ތެރެއިން މިނިވަން ނުކޮށް ތިބި މީހުން ރޯދަ މަސް ފެށުމުގެ ކުރިން ދޫކޮށްނުލައިފި ނަމަ ޣައްޒާގެ ރަފަހް އަށް ވެސް ސިފައިން އަރާނެ ކަމަށް އިޒްރޭލުން ހަނގުރާމައިގެ ކަންކަމަށް ކަނޑައަޅާފައިވާ މިނިސްޓަރު ބެނީ ގަންޓްޒް އިންޒާރު ދީފި އެވެ.

"ދުނިޔެއަށް އެނގެން ޖެހޭނެ، އަދި ހަމާސްގެ ލީޑަރުންނަށް އެނގެން ޖެހޭނެ ރޯދަ މަސް ފެށޭއިރު އަހަރެމެންގެ ރަހީނުންނަށް ގެޔަށް ނުދެވިއްޖެ ނަމަ، ރަފަހް ވެސް ހިމެނޭ ގޮތަށް ހުރިހާ ތަނެއްގައި ވެސް ހަނގުރާމަ ކުރިއަށްދާނެ،" އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފެއްގެ މަގާމު އަދާކުރި ގަންޓްޒް، ގުދުސްގައި ބޭއްވި އެމެރިކާގެ ޔަހޫދީ ލީޑަރުންގެ ކޮންފަރެންސެއްގައި ހުކުރު ދުވަހު ބުންޏެވެ.

ރަމަޟާން މަސް ފެށޭނީ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ސަަބަބުން ފަލަސްތީނުން ގެދޮރު ގެއްލިފައިވާ 1.7 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން ހިމާޔަތް ހޯދާފައިވާ ސިޓީއަށް ހަމަލާދޭން ފަށާނެ އިރެއް އިޒްރޭލުން މީގެ ކުރިން ބުނެފައެއް ނުވެ އެވެ.

ރަފަހްގައި އަސްކަރީ ހަރަކާތްތައް ފަށައިފި ނަމަ ގިނަ ބަޔަކު މަރުވެދާނެ ކަމުގެ ބިރަށް އެކި ގައުމުތަކުންނާއި އެހީދޭ ޖަމިއްޔާތަކުން އަންނަނީ ހަތަރު މަސްވީ ހަނގުރާމާގައި މިހާތަނަށް އިޒްރޭލު ސިފައިން އަރައިނުގަނެ އޮތް ހަމައެކަނި ސިޓީ ކަމަށްވާ ރަފަހް ހަނގުރާމައިގެ މައިދާނަކަށް ނުހެދުމަށް އިލްތިމާސްކުރަމުންނެވެ.

އިޒްރޭލަށް ހުރިހާ ކަމެއްގައި އެހީވާ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިތުރުން ބައިނަލްއަގްވާމީ ޕްރެޝަރު މިކަމުގައި އިޒްރޭލަށް އިތުރުވަމުން ދިޔަ ނަމަވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރަފަހް އަށް ނާރައި ހަނގުރާމަ ފުރިހަމަ ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

ގުދުސްގައި ބޭއްވި އެ ކޮންފަރެންސްގައި ނަތަންޔާހޫ ވެސް އާދީއްތަ ދުވަހު ވާހަކަ ދެއްކި އެވެ. އޭނާ ވަނީ ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމެއް ހެދިޔަސް ނުހެދިޔަސް މަގްސަދު ހާސިލްކޮށް ނިންމާނެ ކަމަށް ބުނާ ބުނުން ތަކުރާރުކޮށްފަ އެވެ.

ގަންޓްޒް ވަނީ ރަފަހް އަށް އަރާއިރު އާންމުން ރައްކާތެރި ހިސާބުތަކަށް ދާން މަގު ފަހިކުރުމަށް މިސްރާ އެކު މަޝްވަރާކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު މުޅި ޣައްޒާގައި ހަނގުރާމަ ހިނގަމުން ދާއިރު، ހިމާޔަތް ހޯދަން ގެންދާނީ ކޮން ތަނަކަށް ކަމެއް ނޭނގެ އެވެ.

އިޒްްރޭލުގެ މަދަދުވެރި އެމެރިކާއިން އަންނަނީ ޣައްޒާގައި އަދިވެސް ތިބި ކަމަށް އިޒްރޭލުން ލަފާކުރާ 130 ރަހީނުން މިނިވަންކުރުމާ ބެހޭ އެއްބަސްވުމަކާ އެކު ހަ ހަފްތާގެ މުއްދަތަކަށް ހަމަލާތައް ހުއްޓާލަން އެއްބަސްވާން ބާރުއަޅަމުންނެވެ.

އިޒްރޭލުން ބުނަނީ ރަހީނުންގެ ތެރެއިން ގިނަ ބަޔަކާ އެކު ހަމާސްގެ ލީޑަޝިޕްގެ މީހުން ވެސް ރަފަހްގައި ފިލައިގެން އެބަ އުޅޭ ކަމަށެވެ.

ހަމާސް އިން އިޒްރޭލަށް ހަމަލާ ދިން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަވެރިން ގާތްގަނޑަކަށް 250 މީހުން ރަހީނުކުރި އިރު ގާތްގަނޑަކަށް 1،160 މީހުން ހަމަލާތަކުގައި އިޒްރޭލުން މަރާލި އެވެ. ބަދަލުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 29،000 އެއްހާ މީހުން މިހާތަނަށް ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. -- އޭއެފްޕީ