Roadha Mihaaru
45މިލިއަން ރުފިޔާގެ ޑްްރަގު ވާނީ އަތުލާފައި: އިހުސާން

ދޮޅު މަހުން 45 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގަނެވިއްޖެ: އިހުސާން

18 ފެބުރުއަރީ 2024

މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މި ސަރުކާރުން ކުރާ މަސައްކަތުގައި، ވޭތުވެދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 44.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ ދައުރުކުރުން ހުއްޓުވާލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މި ސަރުކާރުން ކުރާ މަސައްކަތުގައި، ވޭތުވެދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 44.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ ދައުރުކުރުން ހުއްޓުވާލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި، ފޭދޫގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދަން މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ރައީސްގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް މުޅިން ހުއްޓުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާއިތުވި ދޮޅު މަހެއްހާ ދުވަހު ކުރެވުނު މަސައްކަތުން 44.5 މިލިއަން ރުފިޔާގެ ޑްރަގްސް އަޅުގަނޑުމެން ވާނީ ރާއްޖޭގެ މަގުތަކަށް ދިއުން ހުއްޓުވާފައި،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މި ވެރިކަން ފެށުނުއިރު މަސްތުވާތަކެތީގެ ފަރުވާއަށް އެދިގެން 500 އެއްހާ މީހުން ތިބި ކަމަށާއިި އޭގެ ތެރެއިން 300 މީހުންގެ ފަރުވާ މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބާކީ ތިބި މީހުންގެ ފަރުވާގެ އިންތިޒާމް ވެސް، އިހުސާން ވިދާޅުވި ގޮތުގައި، ކުރިއަށް އެބަދެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެކަމަށް ހާއްސަ ޓާސްކްފޯހެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ.

"1800 އަށް ވުރެ ގިނަ މީހުން. އޭގެ ތެރޭގައި އަމިއްލަ އަށް ދިޔަ މީހުންނާއި އަޅުގަނޑުމެން ފޯސްފުލީ ރާއްޖެއިން ޑީޕޯޓްކުރި މީހުން ހިމެނޭހެން ބޭރުކުރެވިފައިވާ މީހުންގެ އަދަދު،" މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން މުޖުތަމުގައި އުފެދޭ މައްސަލަތައް އެއްކޮށް ހުއްޓުވަން ކަމަށެވެ. އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.