Roadha Mihaaru
އިންޑިއާގެ އިދިކޮޅު ޕާޓީގެ އެކައުންޓްތައް ފްރީޒްކޮށްފި

އިންތިހާބާ ދިމާކޮށް އިންޑިއާގެ އިދިކޮޅު ޕާޓީގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

18 ފެބުރުއަރީ 2024

އާންމު އިންތިހާބަކަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އިންޑިއާގެ އިދިކޮޅު މައި ޕާޓީ ކޮންގްރެސްގެ ބޭންކް އެކައުންޓްތައް ޓެކްސް ޑިޕާޓްމަންޓުން ފްރީޒްކޮށްފި އެވެ.

އާންމު އިންތިހާބަކަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އިންޑިއާގެ އިދިކޮޅު މައި ޕާޓީ ކޮންގްރެސްގެ ބޭންކް އެކައުންޓްތައް ޓެކްސް ޑިޕާޓްމަންޓުން ފްރީޒްކޮށްފި އެވެ.

މިކަން ކޮށްފައި މި ވަނީ އިންޑިއާ ސަރުކާރުގެ ރަސްމީ އިދާރާތައް މެދުވެރިކޮށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ހުރަސްއެޅުން އާންމު ކަމަކަށް ހަދާފައިވާ ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުންނާއި ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނިކޮށެވެ.

ކޮންގްރެސްގެ ތަރުޖަމާނު އަޖޭ މަކަން ހުކުރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވި ގޮތުގައި ޕާޓީގެ އެކައުންޓްތައް ފްރީޒްކުރީ އިންތިހާބުގައި އެ ޕާޓީ ބަލިކަށިކޮށްލުމަށެވެ.

"އިދިކޮޅު މައި ޕާޓީގެ އެކައުންޓްތައް، އިންތިހާބު އިއުލާނުކުރުމުގެ ދެ ހަފްތާ ކުރިން ބަންދުކޮށްލީމާ މި ގައުމުގައި ޑިމޮކްރަސީ އެބަ އޮތްހެން ހީވޭތަ؟،" އޭނާ ސުވާލުކުރެއްވި އެވެ.

އޭނާ ވަނީ އިންޑިއާ މި ދަނީ އެއް ޕާޓީއަކުން ހިންގާ ގައުމަކަށް ބަދަލުވާންތޯ ވެސް ސުވާލުކުރައްވައިފަ އެވެ.

މަކަން ވިދާޅުވީ ޕާޓީގެ އެކައުންޓްތަކުގެ ތެރެއިން އާންމުކޮށް ބޭނުންކުރާ ހަތަރު އެކައުންޓެއް ފްރީޒްކުރީ 19-2018 އިންކަމް ޓެކްސް ރިޓާންއާ ގުޅޭ ތަހުގީގަކަށް ފަހުގައި ކަމަށެވެ. އަދި މިހާރު ވަނީ 2.1 ބިލިއަން ރުޕީސް (25.3 މިލިއަން ޑޮލަރު) ޓެކްސްގެ ގޮތުގައި ދައްކަން އަންގާފައި ކަމަށް ވެސް ވިދާޅުވި އެވެ.

ޕާޓީން ޓެކްސް ބަޔާން ހުށަހެޅީ މުއްދަތު ހަމަވިތާ 45 ދުވަސް ފަހުން ކަމަށް އޭނާ އެއްބަސްވެ ވަޑައިގަތެވެ. އެކަމަކު މިއީ އެކައުންޓްތައް ހިފަހައްޓައި މިވަރުގެ އަދަބެއް ދޭންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮންގްރެސް އިން ބުނީ ޓެކްސް ޑިޕާޓްމަންޓުގެ ނިންމުން ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށާއި މި މައްސަލައިގައި މުޒާހަރާއަށް ވެސް ނުކުންނާނެ ކަމަށެވެ.

ބޮޑުވަޒީރު މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާ އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެކޮޅަށް އެކި މައްސަލަތައް ހުށަހަޅައި އެތައް ބަޔަކާ ދެކޮޅަށް ތަހުގީގުތައް ވެސް ދަނީ ހިންގަމުންނެވެ. ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީއާ ދެކޮޅަށް ވެސް މައްސަލައެއް ހުށަހަޅައި، އަބުރާ ބެހުމުގެ ކުށް ސާބިތުވާ ކަމަށް ނިންމައި މަޖިލިސްގެ ގޮނޑި ވެސް މިދިޔަ އަހަރު ގެއްލުވައިލި އެވެ. އެކަމަކު އެ ހުކުމް ކޯޓުން މިހާރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. --އޭއެފްޕީ