Roadha Mihaaru
ތަރައްގީގައި އެއްވެސް ރަށެއް ތަފާތު ނުކުރާނަން: ރައީސް

ތަރައްގީގައި އެއްވެސް ރަށެއް ތަފާތުނުކޮށް، ހަމަހަމަ ފުރުސަތު ހޯދައިދޭނަން: ރައީސް

08 ފެބުރުއަރީ 2024

ރާއްޖެ ތަރައްގީ ކުރުމުގައި އެއްވެސް ރަށެއް ތަފާތުނުކޮށް، ހަމަހަމަ ފުރުސަތު ހުރިހާ ރަށަކަށް ހޯއްދައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ ތ. އޮމަދޫން އައިޝަތު ނުޒުހާ

ރާއްޖެ ތަރައްގީ ކުރުމުގައި އެއްވެސް ރަށެއް ތަފާތުނުކޮށް، ހަމަހަމަ ފުރުސަތު ހުރިހާ ރަށަކަށް ހޯއްދައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ހެނދުނު އޮމަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ރަށުގެ މީހުން ވަރަށް ގިނަ ކަންކަމަށް އެދިފައިވާ ކަމަށާއި އެ ހުރިހާ ކަމެއް ވެސް ކޮށްދެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށެވެ.

އާބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ އޮމަދޫ މީހުންގެ ފަރާތުން އެދުނު ކަންކަމުގެ ތެރޭގައި ހިމެނެނީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމަށާއި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްދިނުން އަވަސް ކޮށްދިނުމާއި ބަނދަރުގެ މައްސަލަ އާއި ބައެއް ކުޅިވަރު ކުޅޭ ތަންތަން ގާއިމްކޮށްދިނުމަށެވެ. އާ ހެލްތު ސެންޓަރުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާތީ އެކަން އަވަސްކޮށްދިނުމަށް ވެސް އެދުނެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާރު އިގުތިސާދީ ހާލަތު އޮތް ގޮތުން މަޝްރޫއުތައް ތަރުތީބުކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި އެންމެ އިސްކަމެެއް ދީގެން ކޮށްދޭނެ އެއް ކަމަކީ ސްކޫލުގެ މުޅި މައްސަލަ ހައްލު ކުރުމަށެވެ. އޭގެ ފަހުން ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އޮމަދުއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ބަޔަކު ނިކުމެ- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮމަދުއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ބަޔަކު ނިކުމެ- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ވިސްނުން ހުރީ މަޝްރޫއުތަކުގެ އިތުރުން ރައްޔިތުންނަށް އިގުތިސާދީ ފަހިކަން ގެނެސްދިނުމަށް ކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ އޮމަދޫގެ އިހުތިސާސްގެ ތެރޭގައި އޮތް ދެ ފަޅުރަށުގެ ބޭނުން އުސޫލުގެ ތެރެއިން ހިފައި، އާމްދަނީ އިތުރުކުރެވޭނެ މަސައްކަތްތައް ކުރުމަށް އެދިވަޑައިގެންފަ އެވެ.

ފަރުދީ އަދި އާއިލީ މުއްސަނދިކަމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށާއި އެ މަގުން ކުރިއަށް ދާ ނަމަ އަހަރެއް ދެ އަހަރުގެ ތެރޭގައި އެ މުއްސަނދިކަން އިހުސާސް ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފަރުދީ މުއްސަނދިކަން އާއިލާ އަށް ލިބޭ މުއްސަނދިކަން އެއީ ހަގީގަތުގައި ބަނދަރެއް އަޅައިގެން މަގު ހަދައިގެން މުޅި ޖަމާއަތަށް ލިބޭ ފަސޭހަ އަށް ވުރެ މާ މުހިންމު ކަމެއް ހަގީގަތުގައި. ސަރުކާރުން އިސްކަން ދޭނަން އެގޮތަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ބައިނަލްއަގްވާމީ މާހިރުން ބަލައިގަންނަ ކަމަށާއި ޕީއެސްއައިޕީ މަޝްރޫއުތައް ތަރުތީބުކޮށްގެން އެ މަގުން ކުރިއަށް ދާ ނަމަ އިންވެސްޓަރުން ލިބޭނެ ކަމަށެވެ.

ރައީސް އޮމަދުއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ބަޔަކު ނިކުމެ- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮމަދުއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ބަޔަކު ނިކުމެ- ފޮޓޯ: ރައީސް އޮފީސް

އައިއެމްއެފް ފަދަ ތަންތަނުން ސަރުކާރުގެ ސިޔާސަތު ބަލައިގަތުމުން އޭގެ މައްޗަށް އިންވެސްޓާ ކޮންފިޑެންސް ލިބި، ސަރުކާރުގެ އާމްދަނީ އިތުރުވެ, ޕްރައިވެޓް ސެކްޓާ މުއްސަދިވެ, ރައްޔިތުން ބޭނުންވާ ކަންކަން ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ އެއްވެސް ރަށެއް ތަފާތުނުކޮށް، ކުޑަ ރަށެއް ވިޔަސް އާބާދީ ކުޑަވިޔަސް ބޮޑުވިޔަސް ތަފާތެއް ނުކުރާނަން. އެ މަގުން ހަމަހަމަކަމާ އެކު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މި ދެންނެވި އިގުތިސާދީ ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ މަޝްރޫއުތަކަށް ފަހިކަން ހޯދައިދީ، އާމްދަނީ އިތުރު ކުރެވޭނެ މަގުފަހިކޮށްދީގެން ކުރިއަށް ދާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ތ. އަތޮޅަށް ރައީސް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ދެން ވަޑައިގަންނަވާނީ ކިނބިދު އާއި ގާދިއްފުއްޓަށެވެ. އޭގެ ފަހުން ރައީސް މުއިއްޒު މިއަދު މާލެ ވަޑައިގަންނަވާނެ އެވެ.