Roadha Mihaaru
އޮމަދޫގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފި

މިނިސްޓަރު ތޯރިގް އޮމަދޫއަށް ވަޑައިގަތުމުން ބަޔަކު މުޒާހަރާކޮށްފި

26 ޖެނުއަރީ 2017

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އދ.އޮމަދޫއަށް ވަޑައިގަތުމުން އެ ރަށު ބަޔަކު ސަރުކާރާ ދެކޮޅަށް މިއަދު މުޒާހަރާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އދ.އޮމަދޫއަށް ވަޑައިގަތުމުން އެ ރަށު ބަޔަކު ސަރުކާރާ ދެކޮޅަށް މިއަދު މުޒާހަރާކޮށްފި އެވެ.

އޮމަދޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ރަށުގައި ދިރިއުޅޭ 50 އެއްހާ މީހުން ނުކުމެ މުޒާހަރާ ކުރީ އެ ރަށަށް ކޮށްދިނުމަށް ވައުދުވި ކަންކަން ފުރިހަމަ ނުކުރާތީ ކަމަށެވެ. އެހެންވެ، މުޒާހަރާގެ ބައިވެރިން، އެކަން މިނިސްޓަރުގެ ސަމާލު ކަމަށް ގެނައި ކަމަށް އެ މީހުން ބުންޏެވެ.

އޮމަދޫ ކައުންސިލް މެމްބަރު އުމަރު މުހައްމަދު ވިދާޅުވީ ކައުންސިލް މެމްބަރުންނާއެކު މިނިސްޓަރު ބައްދަލު ކުރައްވައި، ރަށަށް ދިމާވެފައި ހުރި މައްސަލަތައް އޮޅުން ފިލުއްވި ކަމަށެވެ.

މިނިސްޓަރު ތޯރިގް، އޮމަދޫ ކައުންސިލް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުން. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މިނިސްޓަރު ތޯރިގް، އޮމަދޫ ކައުންސިލް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުން. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެ ގޮތުން ރަށުގެ ނަރުދަމާ ނިޒާމެއް ގާއިމުކުރުމާއި ފުޓްސަލް ދަނޑަކާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާ ގުޅޭ މަޝްވަރާތައް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާ ކުރި މީހުންގެ މައިގަނޑު ޝަކުވާއަކަށްވީ އެ ވައުދުތައް ނުފުއްދުމެވެ.

"މިނިސްޓަރު ވިދާޅުވި އަންނަ ހަފްތާގައި ނަރުދަމާ ނިޒާމު ގާއިމު ކުރަން ބަޔަކާ ހަވާލު ކުރާނެ ކަމަށް،" ރަށުގައި 1000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކައުންސިލް މެމްބަރު އުމަރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު ތޯރިގް އދ.އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ނިންމަވައިފަ އެވެ. އެ ގޮތުން ހުރިހާ ރަށެއްގެ ކައުންސިލާއި ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނާއި ރައްޔިތުންނާ މިނިސްޓަރު ބައްދަލު ކުރައްވައި، އެ ތަންތަނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ މަންދޫބެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މީގެ ކުރިން ވ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވި އިރު މިދިޔަ ހަފުތާގައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. މިނިސްޓަރުން ރަށްރަށަށް ވަޑައިގަތުމުން ބައެއް ރަށްރަށުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ވެސް ވަނީ ކޮށްފަ އެވެ.