Roadha Mihaaru
ރާއްޖޭގެ ހިތްގައިމު ތިން ސަރަހައްދެއް ހިމާޔަތްކޮށްފި

ދިރުންތަކުން މުއްސަނދި، ރާއްޖޭގެ ތިން ސަރަހައްދެއް ހިމާޔަތްކޮށްފި

09 އޮކްޓޯބަރ 2018

ދިރުންތަކުން މުއްސަނދި އަދި ގުދުރަތީ ރީތިކަން ބޮޑު ރާއްޖޭގެ ތިން ސަރަހައްދެއް ހިމާޔަތްކޮށް، ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެކަން އިއްޔެ އިއުލާންކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދިރުންތަކުން މުއްސަނދި އަދި ގުދުރަތީ ރީތިކަން ބޮޑު ރާއްޖޭގެ ތިން ސަރަހައްދެއް ހިމާޔަތްކޮށް، ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެކަން އިއްޔެ އިއުލާންކޮށްފި އެވެ.

ރާއްޖޭގެ އުތުރާއި މެދު އަދި ދެކުނުން ހިމާޔަތްކުރި ތިން ސަރަހައްދާ ބެހޭ ގޮތުން މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ 47 ހިސާބަކުން 27،674 ހެކްޓަރުގެ ސަރަހައްދެއް މިހާރު ހިމާޔަތްކޮށްފައިވާނެ ކަމަށެވެ.

އެންމެ ފަހުން ހިމާޔަތްކުރީ ށ. ފަރުކޮޅާއި އއ. ރަސްދޫ މަޑިވަރު އަދި ގދ. ދިގުލާބަދޫ އެވެ. މިއިން ކޮންމެ ތަނެއްގައި ވެސް ގުދުރަތީ ވަރަށް ތަދު ދިރުންތައް އެކުލެވޭ ކަމަށް، ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެ އެވެ.

ފަރުކޮޅު: ހަތް ކުޅި އަދި މަދުން ނޫނީ ނުފެންނަ ގަސްގަހާގެހި

މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ފަރުކޮޅުގައި ތަފާތު ހަތް ކުޅިއެއް ހިމެނެ އެވެ. އޭގެ އިތުރުން ރަށުގައި ޗަސްބިން ވެސް ބޮޑެވެ.

ރާއްޖެއިން ނެތިދިއުމުގެ ބިރު އޮތް ގަސްގަހާގެހީގެ ތެރޭގައި ހިމެނޭ ރަނޑޫ، ބުރެވި، ތަކަފަތި ފަދަ ގަސްތައް މި ރަށުގައި ވަނީ ހެދިފަ އެވެ. ރަށުގެ ގުދުރަތީ މުއްސަނދިކަން ބޮޑުކަމުން އެކި ވައްތަރުގެ ދޫނިތަކުގެ މަންޒިލަކަށް ވެސް ފަރުކޮޅުވެ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބައެއް ދޫނި އެ ރަށަށް ބިސް އަޅާ ހަދަ އެވެ. އޭގެ އިތުރުން ރަށުގެ މޫދާ ގުޅިފައި އޮންނަ ކުޅި ކައިރީގައި، ދުނިޔެއިން ވެސް ނެތިދިއުމުގެ ބިރުހީވެފައިވާ ބައެއް ބާވަތުގެ މަހާއި ފަރުގެ ދިރުންތައް އާލާވެ އެވެ.

ފަރުކޮޅު ހިމާޔަތްކުރުމަކީ އެހެން މަގުސަދެއް ވެސް ސަރުކާރަށް ހާސިލްވި ނިންމުމެކެވެ. ހދ. ކުޅުދުއްފުށީ އެއާޕޯޓް ހަދަން އެ ރަށުގެ ކުޅިއަކާއި ޗަސްބިން ހިއްކުމުން ތިމާވެއްޓަށް ކުރި ނޭދެވޭ އަސަރުތަކުގެ ބަދަލުގައި، އެ ސަރަހައްދާ އެއްވަރުގެ ނުވަތަ އެއަށް ވުރެ ބޮޑު ސަރަހައްދެއް ހިމާޔަތްކުރަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އޮތީ ލަފާދީފަ އެވެ. އެހެންކަމުން އެގޮތުން ހިމާޔަތްކުރަން ފަރުކޮޅު ލިބުމަކީ އެ ނިންމުން "ފުރިހަމަވުން" ކަމަށް މިނިސްޓްރީން ގަބޫލުކުރެ އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ށ. ފަރުކޮޅަކީ މީގެ ކުރީ ދައުރުގައި އެއާޕޯޓު ހެދުމަށް ބަޔަކާ ހަވާލުކުރެވިފައިވާ ރަށެއް. ނަމަވެސް މިއީ ތިމާވެށީގެ ގޮތުން މުއްސަނދި ރަށަކަށް ވުމުން، އެއާޕޯޓު ހަދަން ބަޔަކަށް ދީފައި ވަނިކޮށް އީއައިއޭ [އެންވަޔަރަމެންޓަލް އިމްޕެކްޓް އެސަސްމެންޓް] މަރުހަލާގައި އަޅުގަނޑުމެން މި ވަނީ އެ ރަށުގައި އެއާޕޯޓް ހެދުން ހުއްޓުވާފައި،" ތޯރިގް ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގް އިބްރާހިމް މީޑީއާ އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: މިނިސްޓރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ

މިނިސްޓަރު ތޯރިގް އިބްރާހިމް މީޑީއާ އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: މިނިސްޓރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ

ރަސްދޫ މަޑިވަރު: ކަނޑުގެ ދިރުންތައް ގިނަ

ރަސްދޫ މަޑިވަރަކީ އއ. ރަސްދޫގެ އިރުދެކުނުން އޮންނަ ކަނޑުއޮޅި އާއި އެ ކަނޑުއޮޅިއާ ކައިރީގައި އޮންނަ ފަރު ސަރަހައްދެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ވެސް ވަރަށް މަޝްހޫރު ޑައިވް ސްޕޮޓެކެވެ. ހާއްސަކޮށް ކާލިގަނޑު މިޔަރު އެންމެ ގިނައިން ފެންނަނީ މި ސަރަހައްދުންނެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނާ ގޮތުގައި އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ކާލިގަނޑު މިޔަރު ފެންނަ މަދު ސަރަހައްދުތަކުގެ ތެރޭގައި، ރަސްދޫ މަޑިވަރު ހިމެނެ އެވެ.

އޭގެ އިތުރުން އެންމަޑި، މާހުޅުނބު ލަނޑާ، ވެލާކަހަނބު ފަދަ ބޮޑެތި ދިރުންތައް ވެސް ރަސްދޫ މަޑިވަރުގައި އާލާވެފައިވެ އެވެ. އެހެންކަމުން ރާއްޖޭގެ ޓޫރިޒަމަށް ވެސް މިއީ މުހިންމު ސަރަހައްދެއް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެ އެވެ.

ރަސްދޫ މަޑިވަރު ސަރަހައްދުގައި މަޑިތަކެއް -- ފޮޓޯ: މިނިސްޓރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ

ރަސްދޫ މަޑިވަރު ސަރަހައްދުގައި މަޑިތަކެއް -- ފޮޓޯ: މިނިސްޓރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ

ގދ. ދިގުލާބަދޫ

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނާ ގޮތުގައި ދިގުލާބަދޫއަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ތަފާތު ވައްތަރުގެ ދިރޭތަކެތި އުޅޭ ރަށެކެވެ. ހާއްސަކޮށް ރަށް އުފެދިފައި އޮންނަ ގޮތުން ރަށުގެ ފަޅުތެރެއަށް ހުޅުވިފައި އޮންނަ "ކޯރު" ގައި ވަރަށް ގިނަ މަސްމަހާމެހި އުފެދި، ދިރުންތައް އާލާވެ އެވެ. އެގޮތުން މިޔަރާއި މަޑީގެ ބާވަތްތައް އެތަނުގައި ގިނައިން އުޅެ އެވެ.

ގުދުރަތީ ރީތިކަމާއި ދިރުންތަކުން ފުރިފައި އޮތް ގދ. ދިގުލާބަދޫ -- ފޮޓޯ؛ މިނިސްޓރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ

ގުދުރަތީ ރީތިކަމާއި ދިރުންތަކުން ފުރިފައި އޮތް ގދ. ދިގުލާބަދޫ -- ފޮޓޯ؛ މިނިސްޓރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ

ފަރެސްމާތޮޑާއާ އެއް ފަޅެއްގައި އޮންނަ މި ރަށުގެ ބޮޑު ބަޔަކީ ކުޅި އާއި ޗަސްބިމެވެ. ޚާއްސަކޮށް "ފިނިހަކަކުޅި" ފާހަގަކޮށްލެވެ އެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބައެއް ދޫނިތަކާއި މޫދުގެ ދިރުންތައް އެ ތަނަށް ބިސް އަޅައި، ދިރުންތައް އާލާވާ ކަމަށެވެ.

މިތަނުގެ "ކަނޑޫފަލުގައި ހެދޭ ބާވަތްތައް ކަމުގައިވާ ބޮޑަވަކި އަދި ރަނޑޫ ގަސްތަކަކީ މިހާރު ދިވެހިރާއްޖެއިން ނެތިދިޔުމުގެ ބިރު ހީވެފައިވާ އަދި އާލާކުރުމަށް ވަރަށް ޙާއްޞަ ކަމެއް ދެވޭ ގަސްތަކެކެވެ،" މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ދިގުލާބަދޫގައި އެއާޕޯޓެއް ހަދަން މި ސަރުކާރުން ސާވޭ ވެސް ކުރި އެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން އެކަމާ ވަރަށް ބޮޑަށް ދެކޮޅުހެދި އެވެ.