Roadha Mihaaru
ރައީސް ގުރައިދުއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް!

އެންމެ ބޮޑު އަޣްލަބިއްޔަތު ލިބުނު ގުރައިދޫން ރައީސަށް އެވަރުގެ މަރުހަބާއެއް!

06 ފެބުރުއަރީ 2024

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތުން އެންމެ ގިނަ ވޯޓު ދިން ތ.ގުރައިދުއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން ރަށު ރައްޔިތުންގެ ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އައިޝަތު ނުޒުހާ ތ. ގުރައިދޫން އައިޝަތު ނުޒުހާ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތުން އެންމެ ގިނަ ވޯޓު ދިން ތ.ގުރައިދުއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން ރަށު ރައްޔިތުންގެ ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސަށް ގުރައިދޫން 74 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ. އެއީ ނިސްބަތުން ބަލާއިރު ރާއްޖޭގެ ރަށަކުން ލިބިވަޑައިގެންނެވި އެންމެ ގިނަ ވޯޓެވެ. އިންތިހާބުވުމަށް ފަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެންމެ ގިނަ ވޯޓު ލިބޭ ރަށަކަށް ކަމަށް ކެމްޕެއިނު ދުވަސްވަރު ރައީސް ވިދާޅުވެފައިވެ އެވެ.

އެ ވައުދުފުޅާ އެއްގޮތަށް، ވެރިކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، މިއަދު ހެނދުނު ގުރައިދުއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ ނުކުމެފަ އެވެ. ގައުމީ ހެދުމާއި ގައުމިއްޔަތު ދައްކައިދޭ ރަތް ކުލައިގެ ހެދުމުގައި އެތައް ސަތޭކަ ބަޔަކު ގަދަ އަވީގައި ބަނދަރު ސަރަހައްދުގައި ކިޔު ހަދާފައި އޮތް އިރު، ރައީސް ވަނީ އެ އެންމެންނާ ސަލާން ކުރައްވައިފަ އެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށް ގުރައިދޫގައި ބަހައްޓާފައިވާ ގިޑިގެ: ގިނަ ބަޔަކު ވަނީ މަރުހަބާ ދެންނެވުމަށް ނިކުމެފައި.

ރައީސަށް މަރުހަބާ ދެންނެވުމަށް ގުރައިދޫގައި ބަހައްޓާފައިވާ ގިޑިގެ: ގިނަ ބަޔަކު ވަނީ މަރުހަބާ ދެންނެވުމަށް ނިކުމެފައި.

ގުރައިދުއަށް ރައީސް ވެވަޑައިގެންފައިވާ އެންމެ ބޮޑު ވައުދަކީ މި ރަށުގައި އެއާޕޯޓެއް ހެދުމުގެ ކަމުގެ ވައުދެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ރަށުގައި ދަމާފައިވާ ގިނަ ބެނާތައް ވެސް ވަނީ އެކަމާ ގުޅުވައިފަ އެވެ. އެއާޕޯޓު ރަންވޭއެއް ސިފަވާ ގޮތަށް މޯލްޑިވިއަންގެ އެއާކްރާފްޓެއް ފެންނަ ގޮތަށް ހަދާފައިވާ ގިޑިގެއެއް ވެސް ބަހައްޓާފައިވެ އެވެ.

ރައީސް އޮފީހުން ބުނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގެން، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އާއްމުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

ރައީސް ގުރައިދުއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ކުދިބޮޑު ގިނަ ބަޔަކު ވަނީ ނުކުމެފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ގުރައިދުއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ކުދިބޮޑު ގިނަ ބަޔަކު ވަނީ ނުކުމެފައި -- ފޮޓޯ: ރައީސް އޮފީސް

ތ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ގުރައިދޫގެ އިތުރުން އެ އަތޮޅު ދިޔަމިގިލި، ގާދިއްފުށި، ވޭމަންޑޫ، ބުރުނި، ކަނޑޫދޫ، ވަންދޫ، ވޭމަންޑޫ، އޮމަދޫ، ކިނބިދޫ އަދި ތިމަރުފުއްޓަށް ވަޑައިގަންނަވާނެ އެވެ.

ރައީސް އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.