Roadha Mihaaru
ފްލެޓްތަކާ ގުޅޭ ގޮތުން ދިން ލަފާ އޭސީސީން ހާމަނުކުރި!

ފްލެޓްތަކާ ގުޅޭ ބޮޑު ތަހުގީގަށް ފަހު ދިން ލަފާ އޭސީސީން ހާމައެއް ނުކުރި!

04 ފެބުރުއަރީ 2024

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ދޭނެ މީހުން ކަނޑައަޅަން މިދިޔަ ސަރުކާރުގައި ހެދި ލިސްޓާ ގުޅިގެން އޭސީސީން ހިންގި ބޮޑު ތަހުގީގަށް ފަހު ނިންމި ގޮތް އެ ކޮމިޝަނުން ހާމައެއް ނުކުރި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ދޭނެ މީހުން ކަނޑައަޅަން މިދިޔަ ސަރުކާރުގައި ހެދި ލިސްޓާ ގުޅިގެން އޭސީސީން ހިންގި ބޮޑު ތަހުގީގަށް ފަހު ނިންމި ގޮތް އެ ކޮމިޝަނުން ހާމައެއް ނުކުރި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 4،000 މީހުންގެ ލިސްޓް އާއްމުކުރުމާ އެކު ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފަ އެވެ. ދިރިއުޅުމުގެ ހާލަތު ނުބަލައި ޕޮއިންޓް ދީފައި ހުރި އިރު، ސައްހަ ނޫން މައުލޫމާތު ހުށަހެޅި ގިނަ ބަޔަކަށް ވެސް ފްލެޓް ދީފައިވާ ކަމުގެ ތުހުމަތު ކުރި އެވެ.

ތަހުގީގު ލަސްވެ ފްލެޓްތަކާ ގުޅޭގޮތުން ހައުސިން މިނިސްޓްރީއަށް ގޮތެއް ނުނިމި ވަނިކޮށް އޭސީސީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފްލެޓްތައް ދޫކުރުން ކުރިއަށް ގެންދަން ހުއްދަ ދީފަ އެވެ. އޭސީސީން ހައުސިން މިނިސްޓްރީއަށް އެންގީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާންކުރި ފްލެޓް ދޫކުރުމުގައި ވަކި ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ކުރިއަށް ގެންދިއުމަށެވެ.

އެކަމަކު އެ ލަފާގައި އެދިފައި ވާނީ ކޮން ކަމެއް ކަން މިހާތަނަށް އާއްމެއް ނުކުރެ އެވެ. އަދި އާއްމުން ހުށަހެޅި ޝަކުވާތަކާ ގުޅޭ ގޮތުން އޭސީސީއަށް ފާހަގަވި ކަންކަން ވެސް އޭސީސީން ނުބުނެ އެވެ.

ތަހުގީގަށް ފަހު އޭސީސީން އެންގި ކަންކަމާ ހެދި ފްލެޓް ލިސްޓަށް ބަދަލު އަތުވެދާނެތޯ އާއްމުން އުފައްދާ ސުވާލަށް ވެސް ކޮމިޝަނުން ޖަވާބެއް ނުދެ އެވެ.

ފްލެޓްތަކާ ގުޅޭ ތަހުގީގަކީ، ކުރިމަތިލީ އެތައް ބައެއްގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާއިރު، އޭސީސީން ދިން ލަފާ އާއްމު ނުކުރީ ކީއްވެތޯ "މިހާރު"ން ސުވާލުކުރުމުން އެ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ ބުރާސްފަތި ދުވަހު އާންމުކުރި ވަރަށް ވުރެ އިތުރަށް އެކަމުގައި ތަފްސީލު ދެވެން ނެތް ކަމަށެވެ.

އޭސީސީގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ތަފްސީލް ހާމަކުރަން ނިއުސް ކޮންފަރެންސެއް ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފްލެޓް ދޫކުރުމުގައި މައިގަނޑު ފަސް ކަމަކަށް އަމަލުކުރުމަށް އަންގާފައި ވިޔަސް އެއީ ކޮން ކަންތައްތަކެއް ކަމެއް ސާފެއް ނުވި އެވެ. ހައުސިން މިނިސްޓްރީން ބުނެފައި ވަނީ އޭސީސީން ތަހުގީގަށް ފަހު ފޮނުވި ސިޓީއާ ގުޅިގެން މަޝްވަރާ ފަށާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު އެފްޑީސީން އިމާރާތް ކުރަން ފެށި 4000 ފްލެޓް ދޫކުރުމާ ގުޅޭ ކަންކަން އޭސީސީން ބަލަން ފެށީ އެ ސްކީމުގެ ދާއިމީ ލިސްޓާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ. އެއާ އެކު އެ ފްލެޓްގެ ހުރިހާ މަސައްކަތެއް އޭސީސީން ހުއްޓުވީ މިދިޔަ ވެރިކަން ބަދަލުވާން ދެ ދުވަހަށް ވެފައި އޮއްވައި، ނޮވެމްބަރު 15، 2023 ގަ އެވެ.

އެ ސްކީމުގެ ދަށުން ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް ދޭށެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ކުރިން އާއްމުކޮށްފައި އޮތް ކްރައިޓީރިއާއަށް އެއްވެސް ބަދަލެއް ނުގެންނާނެ އެވެ. ކުރީގެ ލިސްޓުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، ހަމަ އެ ލިސްޓަށް، ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންނަށް ލިޔުން ދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.