Roadha Mihaaru
ލަންކާގެ ފޭރުނު ބޯޓު ހޯދަން އިންޑިއާގެ މަނަވަރެއް

ލަންކާގެ ފޭރުނު ބޯޓު ހޯދަން އިންޑިއާގެ މަނަވަރެއް ފުރައިފި

29 ޖެނުއަރީ 2024

ސޯމާލިއާގެ ކަނޑުފެރޭ މީހުންގެ ސްރީ ލަންކާގެ މަސްބޯޓެއް އަތުލައިގަތުމުން އެ ހޯދައި ހާދިސާ ތަހުގީގުކުރުމަށް އިންޑިއާގެ މަނަވަރެއް މިހާރު ފުރާފައިވާ ކަމަށް ލަންކާއިން ބުނެފި އެވެ.

ސޯމާލިއާގެ ކަނޑުފެރޭ މީހުންގެ ސްރީ ލަންކާގެ މަސްބޯޓެއް އަތުލައިގަތުމުން އެ ހޯދައި ހާދިސާ ތަހުގީގުކުރުމަށް އިންޑިއާގެ މަނަވަރެއް މިހާރު ފުރާފައިވާ ކަމަށް ލަންކާއިން ބުނެފި އެވެ.

ސްރީ ލަންކާގެ ކަނޑުގެ ސިފައިން އިއްޔެ ބުނީ އިންޑިއާ ކަނޑުގައި ސޯމާލިއާގެ ފޭރޭ މީހުންގެ ހަރަކާތްތައް އިތުރުވަމުން ދާއިރު މި ބޯޓު ފޭރުނީ ވެސް ސޯމާލިއާގެ ފޭރޭ މީހުން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށެވެ.

"ލިބެން ހުރި މައުލޫމާތަށް ބަލާއިރު އެ ބޯޓު ފޭރުނީ ސޯމާލިއާގެ ފޭރޭ މީހުން،" ލަންކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު ގަޔަން ވިކްރެމަސޫރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ލޮރެންޒޯ ޕުތާ - 4" ފޭރިގަތީ ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއާ އިރުދެކުނުން 840 ނޯޓިކަލް މޭލުން ކަމަށެވެ.

"ލަންކާއިން މިހާރު ވާނީ "ކޮމްބައިންޑް މެރިޓައިމް ފޯސަސް" ގެ ސަމާލުކަމަށް މި ހާދިސާ ގެނެސްފައި،" ކަނޑުފޭރުމާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދަށް އިޝާރާތްކުރައްވައި ތަރުޖަމާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާއިން މިހާރު ވެސް ލަންކާގެ ބޯޓު ފޭރުނު މައްސަލަ ތަހުގީގުކުރަން ފަށައި އެ ސަރަހައްދަށް މަނަވަރެއް ވެސް ފޮނުވާފައިވާ ކަމަށެވެ. އަދި ލަންކާއިން ވެސް އަންނަނީ ފޭރުނު ހިސާބަށް އުޅަނދެއް ފޮނުވުމުގެ މަސައްކަތްކުރަމުން ކަމަށް ވިދާޅުވި އެވެ.

ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އެންމެ ބޮޑަށް އިތުރުވީ 2011 ވަނަ އަހަރު އެވެ. ސޯމާލިއާގެ އައްސޭރިއާ 2،270 މޭލު ދުރުން އިންޑިއާ ކަނޑުގެ ތެރޭގައި ވެސް ފޭރުމުގެ އަމަލުތައް ހިންގަމުން ދިއުމަށް ފަހު މިދިޔަ އަހަރުތަކުގައި ވަނީ މިކަން ވަރަށް ބޮޑަށް މަދުވެފަ އެވެ. މިދިޔަ މަހު ސޯމާލިއާ މީހުން ވަނީ މޯލްޓާގެ ދިދާގައި ދަތުރުކުރި ބަލްގޭރިއާގެ ބަލްކް ކެރިއަރު އެމްވީ ރުއެން ފޭރިގެންފަ އެވެ. މި ބޯޓުން ޒަހަމްވި ފަޅުވެރިއަކު އިންޑިއާ ސިފައިންނާ ހަވާލުކުރުމަށް ފަހު ދެން ތިބި 17 މީހުން ވަނީ ސޯމާލިއާއަށް ގެންގޮސްފަ އެވެ.

ސޯމާލިއާގެ ފޭރޭ މީހުންގެ ހަރަކާތްތައް އިތުރުވެފައި ވާއިރު ޔަމަންގެ ހޫތީ ހަނގުރާމަވެރިން ވެސް ރަތްކަނޑުގައި ދަނީ އުޅަނދުތަކަށް ހަމަލާ ދެމުންނެވެ. އިޒްރޭލުން ފަލަސްތީން ދެމުން ގެންދާ ހަމަލާތަކުގެ ބަދަލުހިފަން ކަމަށް ބުނެ ދޭ މި ހަމަލާތައް ހުއްޓުވަން އެމެރިކާ އިސްވެ އޮވެ ބައިނަލްއަގުވާމީ ކޯލިޝަނެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. --އޭއެފްޕީ