Roadha Mihaaru
ޑޮލަރުގެ އަގު ހަމައަކަށް އަޅުވަން މަސައްކަތް ފަށާނަން

މިއަހަރު ތެރޭގައި ޑޮލަރުގެ އަގު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރާނަން:ސައީދު

25 ޖެނުއަރީ 2024

މިއަހަރުގެ ތެރޭގައި ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއަހަރުގެ ތެރޭގައި ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މި ރޭ ކެބިނެޓްގެ މެންބަރުންނާ އާންމުން ސުވާލުކުރުމަށް ބޭއްވި "އަހާ ފޯރަމް" ގައި ސައީދު ވިދާޅުވީ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ރަސްމީ ރޭޓުގައި ނުލިބުން ކަމަށެވެ. ވިޔަފާރިތަކުން ޑޮލަރު ގަންނަން ޖެހެނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑު އަގެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަސްމީ މާކެޓުގައި 15.42ރ. އަށް ހުއްޓަސް ވަރަށް އެކްޓިވް ޑޮލަރު މާކެޓެއް އެބައޮތް. މި ހަގީގަތާ އެބަޖެހޭ ކުރިމަތިލާން. ރައީސްގެ މަސައްކަތުގައި ވަރަށް ޓާގެޓެޑް މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑު ޔަގީންކަން އަރުވަން މިއަހަރު ތެރޭގައި މި އެކްސްޗޭންޖު ރޭޓު ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

"އަހާ ފޯރަމް" ގައި މީހަކު މިނިސްޓަރުންނާ ސުވާލު ކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"އަހާ ފޯރަމް" ގައި މީހަކު މިނިސްޓަރުންނާ ސުވާލު ކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ވޭތުވެދިޔަ އަހަރުގެ މެދާ ހަމައިން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 18ރ. އަށް ވުރެ މައްޗަށް އަރާފަ އެވެ. އޭގެ ކުރިން 2021 އަހަރާ ހަމައަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅުނީ 17.20ރ.-17.50 އާ ދެމެދުގެ އަގެއްގަ އެވެ. ކޮވިޑުގެ ތެރޭގައި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 20ރ. އަށް ވެސް އަރާފައިވެ އެވެ.

ޑޮލަރު ތާށިކަން ބޮޑުވެފައިވާ އިރު ރާއްޖޭގެ ރިޒާވު ވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ސައީދު ވިދާޅުވީ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށް އޮތްތަނުގައި ވެސް އިތުރު މަސައްކަތްތައް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ވިޔަފާރިތަކަށް އެންމެ ފުރަތަމަ ދޫކުރާ 100 މިލިއަން ރުފިޔާ ނުވަތަ 50 މިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން 25 ޕަސެންޓު ހާއްސަ ކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.

"އަޅުގަނޑުމެން މިހާލަތު ބަދަލު ކުރާނަން. އެއީ ވަރަށް ފަހަކަށް ވެސް ނޫން. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ނަތީޖާތައް ފެންނަމުންދާނެ،" އޭނާ ވިދާޅުވި އެވެ.