Roadha Mihaaru
މާލޭގެ ވެހިކަލްގެ އަދަދު ހަ މަސް ތެރޭ ކަނޑައަޅަނީ

މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ހަ މަސް ތެރޭ ކަނޑައަޅާނަން: އާޒިމް

23 ޖެނުއަރީ 2024

މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކުރިއަށް އޮތް ހަ މަސް ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކުރިއަށް އޮތް ހަ މަސް ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އުޅަނދު ރަޖިސްޓްރީކުރުމާއި އެއްގަމު އުޅަނދުގެ އަދަދު ކަނޑައެޅުމާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ލިބޭ ގޮތަށް ގަވައިދު ބަދަލު ކުރީ 2021ގަ އެވެ.

މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށްފަހު ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި އާޒިމް ވިދާޅުވީ މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން ކަމާ ގުޅުން ހުރި އިދާރާތަކާ އެކު މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ވެހިކަލްގެ އަދަދު ކަނޑައަޅަން ޖެހޭ. ކުރިއަށް އޮތް ހަ މަސް ތެރޭ އިރާދަކުރެއްވިއްޔާ އެ އަދަދު ކަނޑައަޅާނަން، މާލޭގެ މަގުތައް ފުރާ ވެހިކަލްތައް އެތުރުމަކީ އެއްވެސް ފަސޭހައެއް ވާނެ ކަމެއް ނޫން. މިކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

މާލެ މަގެއްގައި ވެހިކަލްތަކެއް ޕާކު ކޮށްފައި: ވެހިކަލް ގިނަވެ މާލޭގައި ޕާކުކުރާނެ ޖާގައެއް ނުލިބޭ.

މާލެ މަގެއްގައި ވެހިކަލްތަކެއް ޕާކު ކޮށްފައި: ވެހިކަލް ގިނަވެ މާލޭގައި ޕާކުކުރާނެ ޖާގައެއް ނުލިބޭ.

އާޒިމް ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް މާލެ ހެދުމަކީ އެންމެ ބޮޑު އަމާޒެވެ.

މާލޭގެ ޕާކިން މައްސަލައަކީ، އާޒިމް ވިދާޅުވި ގޮތުގައި، އަވަސް އަދި ދާއިމީ ހައްލެއް ލިބެންޖެހޭނެ ކަމެކެވެ. ހަައުސިން މިނިސްޓްރީއާ ގުޅިގެން ޕާކިންގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ޕާކިން ބިލްޑިންތައް އެޅުމަށް ވެސް ހައުސިން މިނިސްޓްރީއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މޭޔަރު ކަމަށް ވާދަކުރައްވައި އާޒިމް މާލޭގެ ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯގައި، މާލޭގެ ވެހިކަލްތަކުގެ މައްސަލަ ހައްލުކޮށް މާލެ ހިތްފަސޭހަ ތަނަކަށް ހެދުން ހިމަނާފައިވެ އެވެ. އާޒިމް ވަނީ ސަރުކާރާ ގުޅިގެން އެ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.